English Edition
Dhivehi Edition

ކޮވިޑް-19އާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗް.ޕީ.އޭ އިން އެކުލަވާލާފައިވާ ކަރަންޓީނު އުސޫލާ ޚިލާފަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ދެ މުވައްޒަފަކު ތިނަދޫގައި އަމަލުކޮށްފައިވާތީ ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލުން ފެނަކަ ކޯޕަރޭޝަން ޖޫރިމަނާ ކޮށްފިއެވެ.

ގދ. ތިނަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ “އެސް.ޓީ.އޯ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް 2021” ގައި ބައިވެރިވުމަށް ފެނަކަ ކޯޕަރޭޝަންގެ ދެ މުވައްޒަފަކު ގދ. ތިނަދޫއަށް އައިސް ކަރަންޓީނު އުސޫލުތަކާއި ހިލާފުވެފައިވާތީ އެ މުވައްޒަފުންނާއި މެދު ފިޔަވަޅު އަޅައި އެ މުވައްޒަފުން ނިސްބަތްވާ ކުންފުނި، ފެނަކަ ކޯޕަރޭޝަން ޖޫރިމަނާ ކޮށްފައިވަނީ 5،000 ރުފިޔާއިންނެވެ.

މިމަހުގެ 20 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އެ ކުޅުންތެރިން ތިނަދޫއަށް އައިސްފައި ވާކަމަށާއި ކަރަންޓީން ވުމަށް އަންގާފައި ނޯޓިސް ޖަހާފައި ވާނެކަމަށް ވިދާޅުވެ ރޭ އެ ކުޅުންތެރިން ޕްރެކްޓިސްއަށް ދިއުމާއި ގުޅިގެން އާއްމުންގެ ޝަކުވާތަކެއް އައިސް އެ މައްސަލަ ބަލައި އެ ކުޅުންތެރިން އަލުން ހޯމް ކަރަންޓީނު ކުރެވިފައި ވާކަމަށް ވެސް ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލުގެ ރައީސް އަލީ އަމްޖަދު ވަނީ ވިދާޅުވެފައެވެ.

ފުވައްމުލަކު ސިޓީގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ އެ ސިޓީ މޮނިޓަރިންގ ހާލަތަށް ގެނެސް ރަށަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ. އެހެންނަމަވެސް ހާއްސަ ހާލަތްތަކުގައި ރަށުން ފޭބުމުގެ ހުއްދަ ދެވިދާނެ ކަމަށް ޤަބޫލުކުރާ ކަމަށާއި ފުވައްމުލަކު ކައުންސިލުން ޒިންމާ ނަގަންޖެހޭ ކަމެއް ކަމަށް ނުދެކޭ ކަމަށް ވެސް އަމްޖަދު ވަނީ ފާހަގަކޮށްފައެވެ.

ޤާނޫނު ނަންބަރު 20/2020، އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު ގައި ބުނާގޮތުން ޤާނޫނީ ޝަޚްސަކުން މިފަދަ އުސޫލުތަކާއި ޚިލާފަށް ޢަމަލުކޮށްފިނަމަ އެންގުމާ ޚިލާފުވާ ފުރަތަމަ ފަހަރު 5،000 ރުފިޔާ، ދެވަނަ ފަހަރި 25،000 ރުފިޔާ، ތިންވަނަ ފަހަރު 50،000 ރުފިޔާ އަދި ހަތަރުވަނަ ފަހަރު 75،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.