English Edition
Dhivehi Edition

ފުވައްމުލައް ސިޓީގައި ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ފުރަބަންދުގެ މުއްދަތު އިތުރު 7 ދުވަަހަށް އިތުރު ކޮށްފައިވާ ކަމަށް ފުވައްމުލައް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފިއެވެ.

އެ ސެންޓަރުން ހާމަކުރި ގޮތުގައި ކުރިން އިއުލާން ކޮށްފައި އޮތް ފުރަބަންދުގެ މުއްދަތު މިރޭގެ ދަންވަރު 00:00 އަށް ހަމަވާތީ އިތުރު ހަތް ދުވަހަށް ކާފިއު އިތުރުކުރިކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާކަމަށެެވެ.

ފުވައްމުލަކުގައި ފެތުރެމުންދާތީ ކޮވިޑް-19އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އެ ސިޓީގައި ވަނީ ރޭގަނޑު 08:00 އިން ފެށިގެން ފަތިހު 04:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނިކުމެ އުޅުން ވަނީ މަނާކޮށްފައެވެ. އެޗްޕީއޭ އިން މިމަހުގެ 12 ވަނަ ދުވަހު އާންމުކުރި ދެންނެވުމުގައި ވާގޮތުން ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމާއި، އެރަށުގެ އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުން ހުއްޓައިލުމާއި، އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުމަށް ވެސް ވަނީ ދަންނަވާފައެެވެ.

މީގެ އިތުރުން އެ އެންގުމުގައި ވާ ގޮތުން އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާގައި އެއްވެ އުޅުން ހުއްޓައިލުމާއި، ސެލޫންތަކާއި، ޖިމްތަކާއި، ބޯކޮށާ ތަންތަން ބަންދުކުރުމާއި، އެސިޓީގެ ހުރިހާ ކުޅިވަރު ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުންވެސް ވަނީ މަނާކޮށްފައެވެ. .

އެޗްޕީއޭ އިން އިތުރަށް އާންމުކުރި އެންގުމުގައިވާ ގޮތުން އެ އެންގުމުގައިވާ ފިޔަވަޅުތަކުން ސިފައިންނާއި ފުލުހުނާއި، ޞިއްޙީ ޚިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި، އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރުތަކާއި، އެމްބިއުލަންސާއި، އައްޑޫ ޓާސްކުފޯހު ގެ ފާސް ލިބިފައިވާ ފަރާތްތަކުގެ އިތުރުން އެމެޖެންސީކޮށް ޞިއްޙީ ޚިދުމަތް ހޯދަންޖެހޭ ފަރާތްތަށް އިސްތިސްނާވެގެންވެއެެވެ.

ފުވައްމުލަކުގައި މިހާތަނަށް ޖުމްލަ 33 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު 5 މީހަކުވަނީ ބަލިން ރަނގަޅުވެފައެވެ. މިރޭ ފުވައްމުލައް ސިޓީގެ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރި މައުލޫމާތުގައިވާގޮތުން އެ ސިޓީގައި ބައްޔަށް ފައްސިވެފައިވާ މީހުންގެ ކޮންޓެކްޓް ޓްރޭސިންގް އިން ވަނީ 821 މީހަކު ފާހަގަކުރެވިފައެވެ.