English Edition
Dhivehi Edition
ގެމަނަފުށީ ސްކޫލް

ގއ. ގެމަނަފުށީ ސްކޫލުގެ ގިނަ ދަރިވަރުންތަކެއް ގޮތް ނޭނގޭ ގޮތަކަށް ކުއްލި އަކަށް ބަލިވެ އެ ރަށު ސިއްހީ މަރުކަޒުގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ފަށައިފިއެވެ.

ގެމަނަފުށީ ސިއްހީ މަރުކަޒުގެ މެނޭޖަރ އަޙްމަދު މުއާޒު “އޭއޯ ނިއުސް” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށާއި 6 ދަރިވަރަކާއި މުދައްރިސަކަށް އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށެވެ.

“ކުދިން ތަކެއް ފެއިންޓްވެގެން ގެނައީ. މިހާރު ހުރިހާ ކުދިންގެ ހާލުވެސް ސްޓޭބަލް” މުއާޒު ވިދާޅުވިއެވެ.

ރަށުގެ ގިނަ ބަޔަކު ބުނަމުން ދަނީ ގޮތް ނޭނގޭ ގޮތަކަށް ކުދިންތަކެއް ބަލިވުމުގައި ޖިންނި ފުރޭތައިގެ ކަމެއް އުޅޭކަމަށެވެ. އަދި އެ ސްކޫލުގެ ބައެއް ކުދިންނާއި ސްޓާފުން ވެސް މީގެ ކުރިންވެސް އެފަދަ ވާހަކަތައް ދައްކާ ކަމަށް ރަށުގެ މީހުން ބުނެއެވެ.

އެސްކޫލުގެ ގްރޭޑް 10 ގައި ކިޔަވަމުން ދާ ދަރިވަރުންތަކެއް މިރޭގެ އެކްސްޓްރާ ކްލާހުގައި ތިއްބާ ފަހަރަކު ކުއްޖަކަށް ގޮތްގޮތް ވެ ބަލިވާން ފެށުމުން ބަލިވި 6 ދަރިވަރުން ވަނީ ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ.

އެ ކުލާހުގައި ހުރި ދަރިވަރަކު ބުނީ ކުލާހުގެ ފިރިހެން ކުއްޖަކު ކުއްލިއަކަށް ހޮޑުލާން ފެށީ ކަމަށާއި އަދި އިރުކޮޅަކުން އޭނާ ވެއްޓުނީ ކަމަށެވެ. އަދި އެންމެން ހިފެހެއްޓުމުން ވެސް އޭނާ މަތަ ނުވި ކަމަށާއި އެމަންޒަރު ފެނި ކުލާހުގައި ތިބި އަންހެން ކުދިން ރޯން ފެށީ ކަމަށާއި އަދި ބައެއް ކުދިން ހޭނެތެން ފެށީ ކަމަށެވެ. އަދި ގިނަ ކުދިން ބުނީ ނޭވާލާން އުނދަގޫ ވާ ކަމަށާއި ބޮލުގައި ވެސް ރިއްސާ ކަމަށް ކަމަށް އެ ކުއްޖާ ކިޔައިދިނެވެ.

މި ހާދިސާގައި ބަލިވެގެން 2 ފިރިހެން ކުދިންނާއި 4 އަންހެން ކުއްޖަކު މަރުކަޒަށް ގެންގޮސްފައިވާ އިރު އެސްކޫލުން ވާހަކަ ދެއްކި އެހެން ކުއްޖަކު ބުނީ އެއީ ޖިންނި ކަމެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު ކުދިން ތަކެއް ސްކޫލްގެ ޕާކުގައި ތިއްބާ އެކުދިންނާ އެކަހަލަ ކަމެއް ދިމާވި ކަމަށާއި ބިރުވެރިކަމެއްހެން ހީވާތީ އެވާހަކަ ނުބުނީ ކަމަށެވެ.