English Edition
Dhivehi Edition
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނާ އަރުޝަދު: ފޮޓޯ/ ޕޮލިސް

ފުލުހުން މާލޭގައި ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި ހައްޔަރު ކުރި ގދ. ހޯޑެއްދޫ، އަލޯރާ، އަރުޝަދު ހާލިދު(24) ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ހިންގި އޮޮޕަރޭޝަނެއްގައި މާލޭގެ ގެއެއް ފާސްކޮށް ނުވަ ކިލޯގެ މަސްތުވާތަކެތި ފެނުނު މައްސަލާގައި ދައުލަތުން ދައުވާ ލިބޭ އަރުޝަދު ކްރިމިނަލް ކޯޓުން ދޫކޮށްލީ އިއްޔެއެވެ. މި މައްސަލައިގައި އަރުޝަދުގެ އިތުރުން ދ. ހޯނޑެއްދޫ ގުލޭނޫރަންމާގޭ، އަލީ ޒުބައިރާއި އެރަށު އިރުމަތީގޭ އަހުމަދު ސުނައިނާއި ލ. ކަޅައިދޫ މަތަރެސްމާގޭ، ހުސައިން ޒަހީންގެ އިތުރުން މއ. ވައިލެޓްމާގޭ، އަސްލަމް ނާޒިމް ހައްޔަރުކޮށްފައިވާއިރު އެ މީހުންގެ މައްޗަށް ކުރަނީި ޑައިމޯފިން ޓްރެފިކްކުރުމުގެ ދައުވާ އެވެ.

އެ މީހުންގެ ތެރެއިން އިސް މީހަކީ އަރުޝަދު ކަމަށް ފުލުހުން ތުހުމަތުކޮށްފައިވާއިރު އޭނާގެ މައްޗަށް އުފުލާފައިވާ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ސާބުތުވެއްޖެ ނަމަ 25 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އަރުޝަދު ދޫކޮށްލަން މީގެ ކުރިންވެސް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ. އެހެންނަމަވެސް ފަހުން އެ ނިންމުން މުރާޖައާކޮށް އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ނިންމާފައިވާއިރު އޭނާ ދޫކޮށްލީ ބަންދުކުރަން ނެރެފައިވާ އަމުރު މުރާޖާ ކުރުމަށް ފަހު އެވެ. އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ތިރީހަކަށް މީހުންގެ ހެކިބަސް ނަގާފައިވާއިރު، އޭގެން އެއްވެސް މީހެއްގެ ހެކިބަހުން އޭނާއާ ގުޅުންހުރި އެއްވެސް ތަނަކުން މަސްތުވާތަކެތި ފެނުނުކަމަށް ހެކިބަސް ދީފައެއް ނުވެއެވެ.