English Edition
Dhivehi Edition

ފުވައްމުލައް ސިޓީގެ މުޖުތުމައުގައި ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރެމުންދާތީ އެ ސިޓީގެ ހުރިހާ މިސްކިތެއްގައި ނަމާދުގެ ޖަމާއަތް ނުހެދުމަަށް ނެރުނު އެންގުމުގެ މުއްދަތު އިތުރު 5 ދުވަހަށް އިތުރުކޮށްފިއެވެ.

މިއަދު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ފުވައްމުލައް ސިޓީ ކައުންސިލަށް ފޮނުވި ސަރކިއުލާއެއްގައި ބުނެފައިވާ ގޮތުން ފުވައްމުލައް ސިޓީ މޮނިޓަރިންގް ހާލަތަށް ގެނެވިފައިވާތީއާއި، ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށް ކަމާބެހޭ އިދާރާތްތަކުން މައުލޫމާތު ދެއްވާފައިވާތީ، މިހާރުގެ ހާލަތަށް ރިއާޔަތްކޮށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، 15 ފެބްރުއަރީ 2021ވާ ހޯމަ ދުވަހުގެ މަޢުރިބް ނަމާދުން ފެށިގެން 19 ފެބްރުއަރީ 2021ވާ ހުކުރު ދުވަހުގެ އިޝާ ނަމާދުގެ ނިޔަލަށް ފުވައްމުލައް ސިޓީގެ ހުރިހާ މިސްކިތެއްގައި ނަމާދުގެ ޖަމާއަތް ނުހެދުމަށް ދަންނަވާ ކަމަށެވެ.

މީގެ އިތުރުން އެ ސަރކިއުލާގައި ވަނީ މި ހާލަތުގައި މިސްކިތްތަކުގައި ހަމަ އެކަނި ބަންގި ގޮވުމަށާއި މިސްކިތުގެ ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް، ފަރުޟު ނަމާދު ބަރާބަރަށް އަދާ ކުރުމަށާއި ސުންނަތް ނަމާދު ގިނަކޮށް، ގިނަގިނައިން ދުއާކޮށް، އިސްތޣްފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް ނަސޭހަތްތެރިވެފައެވެ.

ފުވައްމުލަކުގައި މިހާތަނަށް ބައްޔަށް 25 މީހަކު ފައްސިވެފައިވާއިރު ބަލިން ރަނގަޅުވެފައިވަނީ 5 މީހެކެވެ. މިވަގުތު ބައްޔަށް ފައްސި 20 މީހަކު ވާއިރު އެމީހުންނާއި އެކި ގޮތްގޮތުން ގުޅިފައިވާ 645 މީހަކު ވަނީ ކަރަންޓީނު ކުރެވިފައެވެ. އިއްޔެ އެ ރަށުން ބައްޔަށް ޖުމްލަ 4 މީހަކު ފައްސިވެފައިވާއިރު އެއީ އެ ރަށުގެ ފްލޫ ކުލިނިކަށް ބަލީގެ އަލާމާތްތަކާއި އެކު ދައްކަން ދިޔަ މީހަކާއި މިހާރުވެސް ބައްޔަށް ފައްސިވެފައިވާ މީހުންނާއި ގުޅުންހުރި 3 މީހެކެވެ.

ފުވައްމުލަކުގައި މިހާރު ވަނީ ބަލިން ރައްކާތެރިވުމަށް ގިނަ ފިޔަވަޅު ތަކެއް އަޅައިފައިވާއިރު މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ރޭގަނޑު 08:00 އިން ފަތިހު 4:00 އަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ނިންމެވުމާއި އެކު އެ ސިޓީގައި އަންނަނީ ކާފިއު ހިންގަމުންނެވެ.