English Edition
Dhivehi Edition

ގދ. މަޑަވެލީ ރައްޔިތު ފެންތާނގީ ތަކަށް ބަޔަކު ކަޅުތެޔޮ އަޅާފައިވާކަން ފާހަގަކުރެވިފައި ވާތީ މިހާލަތުގައި ފެންތާނގީ ތަކުން އެއްވެސް ފަރާތަކުން ފެންނަގައި ބޭނުން ނުކުރުމަށް ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލި ކައުންސިލުން އަންގައިފިއެވެ.

ގދ. މަޑަވެލި މަސްޖިދުއްތަވާ ގޯތި ތެރޭގައި ބަހައްޓާފައިވާ ފެންތާނގީ ތަކަށް ކޮންމެވެސް ފަރާތަކުން ކަޅުތެޔޮ އަޅާފައިވާ މަޢުލޫމާތު އެ ރަށުގެ ކައުންސިލަށް ލިބުމާއި ގުޅިގެން ބެލިބެލުމުން 03 ތާނގި އަށް ކަޅުތެޔޮ އަޅާފައިވާކަން ވަނީ ޔަޤީން ކުރެވިފައެވެ. މި ތާނގި ތަކަކީ އެއް ހޮޅިއަކުން ގުޅުވާފައިވާ ތާނގި ތަކަށް ވާތީ މުޅި ފެން ލައިނަށް ވެސް ވަނީ ތެލުގެ އަސަރު ކޮށްފައެވެ.

މި ކަމަކީ ވަރަށް ދަށުދަރަޖައިގެ ޢަމަލަކަށް ވާތީ މިކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށާއި ފެންތާނގީ ސާފުކުރުމުގެ އިންތިޒާމް ހަމަޖައްސަމުން ދާކަމަށް އެ ކައުންސިލުން ވަނީ މަޢުލޫމާތު ދެއްވާފައެވެ. އަދި ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާއި ވާހަކަ ދައްކައިގެން ފެން ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މި ދަތި ހާލަތުގައި އެންމެހާ ރައްޔިތުންވެސް ކެތްތެރިކަމާއެކު ތިއްބެވުމަށް ގދ. މަޑަވެލީ ކައުންސިލުން އިލްތިމާސް ކުރެއެވެ.

ގދ. މަޑަވެލީ ރައްޔިތު ފެންތާނގީތައް އާއްމުކޮށް ބޭނުންކޮށް އުޅެނީ އެ ރަށުގެ މަސްދޯނިތުންނެވެ. މީގެއިތުރުން އާއްމު ރައްޔިތުންވެސް ގޭގައި ހުންނަ ފެންތާނގީ ހުސްވުމުން ބުއިމަށާއި ކެއްކުމަށް އާއްމުކޮށް ބޭނުންކުރަނީ ރައްޔިތު ފެންތާނގީތަކެވެ.