English Edition
Dhivehi Edition

އިންތިޚާބު ނުބާއްވަން އިލެކްޝަންސް ކޮމިޝަނުން ދައްކަނީ ހޯމްވޯކް ނުހަދަން ކުޑަކުދިން ދައްކާ ކަހަލަ ބަހަނާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެ ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ކައުންސިލް އިންތިޚާބު ބޭއްވުމަށް އެޗްޕީއޭ އިން މިހާރު އެކުލަވާލާފައިވާ ގައިޑްލައިނާއި އެއްގޮތައް އިންތިޚާބު ނުބޭއްވޭނެ ކަމަށް ބުނެ އީސީ އިން މަޖިލީހަށް ފޮނުވާފައިވާ ސިޓީ އާއި ގުޅޭ ގޮތުން ވާހަކަދައްކަމުން ރައީސް ނަޝީދު ވަނީ އިންތިޚާބު ލަސްކުރަން ދެކޮޅު ހައްދަވާފައެވެ. މި ގޮތުން ނަޝީދު ވަނީ އިންތިހާބު ނުބޭއްވުމަށް އީސީން ދައްކާ އުޒުރުތަކަކީ ދަރިފުޅުގެ ހޯމްވޯކް ނުހެދުމަށް ދައްކާ އުޒުރުތަކާއި ޝަކުވާ އާއި ބޮޑާހޭކުންކަމުގައި ސިފަކުރައްވާފައެވެ

“އަޅުގަނޑުގެ ދަރިފުޅުގެ ހޯމް ވޯކެކޭ މިއެކޭ އެއްވަރު. އެވެސް ނުހެދޭން އޮތް އެތައް ގޮތެއް ދަރިފުޅު ކިޔައިދޭ އަޅުގަނޑަށް. ބައެއް ދުވަސް ދުވަހު ފަންސުރަށް ވެފައި އޮންނަ ގޮތެއް. އަނެއް ދުވަހު ގޮނޑިއަށް ވެފައި އިންނަ ގޮތެއް، ކޮޓަރިއަށް ވާގޮތެއް، ފުރާޅުމަތީގައި ވާކަމެއް، ބޭރުގައި ވާކަމެއް، މިހެން ގޮސް ކިތައްމެ ކަމެއް ކިޔައިދޭ، އަޅުގަނޑު ކޮމިޝަނަރ އޮފް އިލެކްޝަންސް އަށް ވެސް އަދި ހޯމް ވޯކް ހަދާ ކުދިންނަށް ވެސް ދަންނަވަން އޮތީ މިހާރު މިއޮތީ ހޯމް ވޯކް ދީފައޭ. ދެން އެނިންމައިގެން އަވަހަށް އަންނާށޭ.” ރައީސް ނަޝީދު ވިދާޅުވިއެވެ.

އިތުރަށް ރައީސް ނަޝީދު ވިދާޅުވީ އިންތިހާބު މިހާރު ބާއްވަން ނިންމާފައިވާ ތާރީހުގައި އޮންނާނެކަމަށާއި އަދި މަޖިލީހުން އިންތިހާބު ގެ ތާރިހް ފަސްނުކުރާނެކަމަށެވެ.

އީސީން އެޕްރީލް 10 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށް މަސައްކަތް ކުރަމުން އަންނައިރު މަޖިލީހުން ފާސްކޮށްފައިވާ ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނު ބުނާ ގޮތުން އެންމެ ލަސްވެގެންވެސް އަންނަ މެއި މަހު ނުވަ ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަން ޖެހެ އެވެ.