English Edition
Dhivehi Edition

ކޮވިޑް ވެކްސިނާއި ދެކޮޅަށް ދޮގު ވާހަކަތަކެއް ފަތުރަމުންދިޔަ ވެބްސައިޓެއް ބްލޮކްކޮށްފިއެވެ.

ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާތީ އެބަލިން ރައްކާތެރިވުމަށް ވެކްސިން ޖަހަން ފަށާފައިވަނިކޮށް އެވެކްސިން ނުޖެހުމަށް ގޮވާލާ ވެކްސިނާއި ބެހޭގޮތުން ދޮގުމައުލޫމާތުތައް ދިވެހި ބަހުން ގެނެސްދެމުންދިޔަ ވެބްސައިޓެއް ބްލޮކްކޮށްފައިވަނީ ރައްޔިތުންގެ ހިތުގައި ކޮވިޑް ވެކްސިނާއިމެދު ބިރުވެރިކަން އުފައްދާ، ވެކްސިން ޖެހުމުގެ ސަބަބުން ސިއްހީ ގިނަ މައްސަލަތަކެއް ދިމާވާ ކަމަށް ބުނެ ދޮގު މައުލޫމާތު ފަތުރަމުންދާތީއެވެ

މި ވެބްސައިޓްގެ މައްސަލަ މިދިޔަ ޖެނުއަރީމަހު 20 ވަނަ ދުވަހު މޯލްޑިވްސް މީޑިއާ ކައުންސިލުން ވަނީ ކޮމިއުނިކޭޝަން އޮތޯރިޓީ އާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ ސަމާލު ކަމަށް ގެނެސްފައެވެ.

އެހެންނަމަވެސް މިވެބްސައިޓް ބްލޮކް ކުރުން ލަސްވާތީ އިއްޔެ ވެސް މީޑިއާ ކައުންސިލުން ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ. އޭގެ ފަހުން އެ ވެބްސައިޓަށް ނުވަދެވޭ ގޮތް ހަދާފައިވަނީ ރޭގެ ވަގުތެއްގައެވެ.

މިހާތަނަށް ރާއްޖޭގައި 33،000 އަށްވުރެ ގިނަ މީހުން މިވަނީ ކޮވިޑް ވެކްސިން ޖަހާފައެވެ.