English Edition
Dhivehi Edition
ދެނެގަތުމަކީ މަޢުރިފަތެވެ. ނުވަތަ އަޅުގަނޑުމެން ޢާއްމުކޮށް ކިޔާ ގޮތަށް ނަމަ މަޢުރިފާކޮށްގަތުމެވެ. ދީނީ އިޞްޠިލާޙުގައި ނުވަތަ ދީނީ ބަހުރުވައިގައި މަޢުރިފާކޮށްގަތުމަކީ އިންސާނާ އޭނާ ހައްދަވައި ބޮޑު ކުރެއްވި ﷲ ދެނެގަތުމެވެ. ހެއްދެވި ފަރާތާއި، ހެއްދެވި އެއްޗެއްގެ ދެމެދުގައި ނުވަތަ ސާހިބާއާއި އަޅާޔާ ދެމެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އެ ގުޅުމުގެ އަސަރު އޭނާގެ ހިތާއި ސިކުނޑިއަށް ވެރިކޮށްގަތުމެވެ. މަޢުރިފާކޮށްގަތުމަކީ އިންސާނާގެ މުޅި ހަށިގަނޑާއި، ރޫޙަށް އަސަރުކުރާ ފެންވަރަށް ﷲ ދެނެގަތުމެވެ. މިއީއަކީ ސިއްރުން މީހަކަށް އަޑި ނޭނގޭ ގޮތަށް ސިއްރު ކުރެވިފައިވާ ކަމެއް ނޫނެވެ.

راغب الاصفهانى އަކީ މަޝްހޫރު ބަސްވާރެކެވެ. އަދި މުފައްސިރެއްވެސް މެއެވެ. އޭނާ އަވަހާރަވީ މީލާދީން 1108 ވަނަ އަހަރުއެވެ. އޭނާ ލިޔުއްވައިފައި ވެއެވެ. المعرفة والعرفان إدراك الشئ بتفكر وتدبر الأثره، ومعرفة البشر للـه هى بتدبر آثاره دون إدراك ذاته (المفردات فى غريب القرآن، صفحة 331) އެެެބަހީ معرفت ނުވަތަ عرفان މި ބަހުުުގެ ބަހަވީ މާނައަކީ އާދަމުގެ ދަރިޔާ، އެއްޗެއްގެ ޢަލާމާތްތަކަށް ބަލައި، ވިސްނައި، ފިކުރު ހިންގުމަށްފަހު އެ އެއްޗެއްގެ ޙަޤީޤަތް ދެނެގަތުމެވެ. އެހެންވީމާ ﷲ މަޢުރިފާކޮށް ދެނެގަތުމަކީ ﷲ ގެ ކުޅަދުންވަންތަ ކަމާއި، ޤުދުރަތްތެރިކަމުގެ ނިޝާންތައްތަކަށް ބަލައި، ވިސްނައި، ފިކުރު ހިންގުމަށް ފަހު، ﷲ ދެނެގަތުމެވެ. އެކަލާނގެ ޒާތުފުޅު ފެނިގެން ދެނެގަތުމެއް ނޫނެވެ.

މި ވާހަކަތަކުން އެނގުނު އެއްޗަކީ މަޢުރިފަތަކީ ހަމައެކަނި ޢިލްމާ ގުޅިފައިވާ ކަމެއް ނޫން ކަމެވެ. މަޢުރިފަތުގެ ބޮޑު ބައެއް ގުޅިފައިވަނީ ވިސްނައި ފިކުރު ކުރުމާ ކަމެވެ. ޢިލްމުގެ ސަބަބުން މަޢުރިފަތުގެ އިބްތިދާއީ އެކަށޭނަކަން ނުވަތަ ބާރު އިންސާނާގެ ހިތުގައި އުފެދެއެވެ. އާދެ، ދުނިޔެއާއި، ދުނިޔޭގައި ވާހައި ތަކެއްޗަކާ މެދު ވިސްނައި ފިކުރު ކުރުމުގެ ބާރާއި، ގާބިލުކަން އުފެދެއެވެ. މީހަކު އޭނާގެ ދިރިއުޅުމުގެ މައިގަނޑު އަމާޒަކީ މަޢުރިފާކޮށްގަތުން ކަމުގައި ހަދައިފި ނަމަ، އޭނާގެ ވިސްނުން ތާއަބަދު ހުންނާނީ އެކަމުގެ މައްޗަށް ހުއްޓިފައެވެ. އޭނާ ގެންދާނީ ﷲ އުފައްދަވައިފައިވާ ތަކެތީގެ ތެރެއިން، ﷲ ގެ ވުޖޫދު ހޯދަން ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. މި ވިސްނުމާއި، ފިކުރުގެ ސަބަބުން އޭނާގެ ޞަޚްޞިއްޔަތު މުޅީން ބަދަލު ވެގެން ދެއެވެ. ބަދަލު ވުމަށް ފަހު ފެންނަ އައު އިންސާނާއަކީ ކަންތައްތައް “ދަންނަ” އިންސާނަކަށް ވެދެއެވެ.

މި ފަދަ މަޢުރިފަތެއް ހާާާސިލު ކޮށްގަންނަ ކޮންމެ މީހަކުމެ، އިންތިހާ ދަރަޖައިގެ ސީރިއަސް މީހަކަށް ވެދެއެވެ. އޭނާ ކޮންމެ އެއްޗަކަށްމެ ބަލާނީ، ދެނެގަތުމުގެ ނަޒަރަކުންނެވެ. ސިއްރުތައް ހޯދައިގަތުމުގެ ނަޒަރަކުންނެވެ. އޭނާ ފުރިހަމަ އިތުބާރާއެކު އޭނާގެ ޢަމަލުތަކުގެ ހިސާބު އަމިއްލައަށް ބަލަމުން ގެންދާނެއެވެ. އޭނާގެ އަޅުކަމާއި، އަޚްލާޤާއި، މުޢާމަލާތްތަކުން މަޢުރިފަތުގެ އަސަރު ފެންނާން ހުންނާނެއެވެ. އޭނާއަށް މަލާއިކަތުންގެ ލޯބި ލިބޭން ފަށާނެއެވެ. އޭނާ ގަޔާ ވާނީ އެ އެއްޗެއްގެ ސަބަބުން ނުވަތަ އެ ކަމެއްގެ ސަބަބުން އޭނާގެ މަޢުރިފަތަށް ފަރުވާ ލިބޭ ކޮންމެ އެއްޗަކާ ނުވަތަ ކަމަކާއެވެ. އޭނާ ދިރިއުޅޭނީ މަޢުރިފަތުގެ މާޙަވްލެއްގައެވެ. އޭނާ ނޭވާ ލާނީ މަޢުރިފަތުގެ ވައިގެ ތެރެއަށެވެ.