English Edition
Dhivehi Edition

ނިދުމަކީ ވަރަށް ތަފާތު ކަމެކެވެ. ރަނގަޅު ނިދި ބޭނުންނަމަ މޮބައިލް ފޯން އާއި އެހެނިހެން އިލެކްޓޯނިކް އެއްޗެހިތައް ނިއްވާލުން ރަނގަޅެވެ. އެހެންނަމަވެސް ފޯން ފަދަ ތަކެތި ނިއްވާލައިގެން ނިދުމަކީ ބައެއް މީހުންނަށް އުނދަގޫކަމެކެވެ. އެފަދަ މީހުންނަށް އޮތް އުފާވެރި ޙަބަރަކީ ފޯނާއި އެކު ނިދާލެވޭނެ އާ ގޮތްތަކެއް ހޯދިފައިވާ ކަމެވެ.

ފަހުގެ ހޯދުންތަކުން ދައްކާގޮތުގައި ޓީވީގެ އަލި އާއި ފޯންގެ އަލީގެ ސަބަބުން އިންސާނާގެ ހަށިގަނޑު ޤުދުރަތީ ނިދިން މަހުރޫމު ވެގެން ނުދެއެވެ. މިކަމަކީ ޒަމާނީ ދިރިއުޅުމުގައި އުޅެންބޭނުންވާ މީހުންނަށް އޮތް ހެޔޮ ހަބަރެކެވެ. ސައިންސް ވެރިން ބުނާގޮތުގައި އަވި އައިނަކީ ނޫކުލައިގެ އަލި ފަނޑުކޮށްލަދޭ އެއްޗެއްކަމަށެވެ. އެހެންކަމަށްވާނަމަ ނިދާއިރު މިފަދަ އައިނު ބޭނުންކުރުމުން ހަމަ ނިދި ލިބެއެވެ.

ދާދިފަހުން ޔުނިވަރސިޓީ އޮފް ހޮސްޓަން އިން ހެދި ދިރާސާއަކަށްފަހު އެފަރާތުން ބުނެފައިވަނީ ނޫކުލައިގެ އަލި ފަނޑުކޮށްލާ ލެންސް ހުންނަ އަވި އައިނު އަޅާނަމަ އަރާމު ނިންޖަކުން ނިދާލެވޭނެކަމަށެވެ. އަދި އެފަދަ އައިނަކީ ނިދާއިރު ފޯނު ބޭނުންކުރުމަށް އޮތް ހައްލެއް ކަމަށެވެ. މީގެ ސަބަބުން ނިދަން އަރާ އޮވެ ފޯން ނުވަތަ ޓެބްލެޓް ފަދަ ތަކެތި ކުޅުމަކުން މައްސަލައެއް ނެތްކަމަށެވެ. އަދި އެގޮތަށް އޮވެ ނިދުނުކަމުގައި ވިޔަސް އޭގެ އަލިން ލިބޭ ގެއްލުން ކުޑަކަމަށެވެ.

އެހެންނަމަވެސް އަރާމު ނިދި ފުރިހަމަ އަށް ލިބުމަށްޓަކައި މިފަދަ އިލެކްޓޯނިކް އެންމެހައި ތަކެތި ނިދުމުގެ ކުރިން ނިވާލުން ނުވަތަ ދޫކޮށްލުން ރަނގަޅެވެ. ސަބަބަކީ އެތަކެތީގެ އަލިން ގެއްލުން ނުވިކަމުގައި ވިޔަސް ނިދުމުގެ ކުރިން ބަލާލެވޭ މެސެޖްތަކާއި، ވީޑިއޯފަދަ ތަކެތީގެ ސަބަބުން ނިދުމަށް އަސަރު ކޮށްފާނެތީ އެވެ. އަދި އޭގެ ސަބަބުން ހަމަ ނިދި ލިބުމަށް ހުރަސް އެޅިދާނެއެވެ.

ނިދާއިރު ފޯން ނިއްވާލައިގެން ނިދަން އުނދަގޫވާ މީހުންނަށް މިޒާތުގެ އައިނު އަޅައިގެން ނިދުމުގެ ސަބަބުން އެކަމަށް ހައްލެއް ލިބިގެން ދެއެވެ. ނިދުމުގައި ކޮންމެ މީހަކުވެސް ވިސްނާލަންޖެހޭ ކަންތައްތަކެއް ވެއެވެ. ރަނގަޅު ނިދި ލިބިއްޖެނަމަ އެމީހެއްގެ މޫޑް ރަނގަޅުވެ، ކުރެވޭ ކަންކަން ރަނގަޅަށް ކުރުމަށް މަގުފަހިވެއެވެ.