English Edition
Dhivehi Edition

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފަށް އިއްޔެ ކުރިއަށް ގެންދިޔަ މުޒާހަރާ އިންތިޒާމު ކުރި ސިޔާސީ ޕާޓީތަކުން ޖަވާބުދާރީ ވާންޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވެއްޖެއެވެ.

އިއްޔެ “ކޮބާ މަގޭ ފްލެޓް” ނަމުގައި އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދިޔަ މުޒާހަރާގެ ވީޑިއޯއާއި އެކު ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ ޕާޓީތަކުންވެސް އެޗްޕީއޭ އިން އިއުލާންކޮށްފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ. ” މި ކްލިޕުން މި ފެންނަ މަންޒަރުތަކުން މިކަން އިންތިޒާމުކުރި ޕާޓީއަކުން ޖަވާބުދާރީވާންޖެހޭނެ” ޝަރީފްގެ ޓުވިޓްގައި ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވެފައިވާއިރު އިދިކޮޅު ކޯލިޝަނުން އަންނާއި މާލޭގައި މުޒާހަރާތައް ކުރުމުންނެވެ. މި ގޮތުން އިއްޔެ ކުރި މުޒާހަރާގައިވެސް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވާއިރު އެ މުޒާހަރާގައި އެތައް ބަޔަކު ގައިގޯޅިކޮށް މާސްކް ނާޅައި ތިބުމުންނާއި އެއްތަނަކަށް އެއްވެ ތިބެ ކެއިންބުއިން ފަދަ ކަންކަން ވެސް ކޮށްފައި ވާތީ ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

ރާއްޖޭގައި ހަލުވިކަމާއި އެކު ކޮވިޑް ފެތުރެމުން އަންނަ މި ދަނޑިވަޅު އެޗްޕީއޭ އިން ވަނީ ރައްކާތެރިކަމުގެ ގޮތުން އިތުރު ފިޔަވަޅުތަކެއް އަޅާފައެވެ.