English Edition
Dhivehi Edition

މާލޭ ސަރަހައްދުގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުން ދާތީ އެ ސަރަހައްދުގެ ސްކޫލްތަކުގެ ގްރޭޑް އެކަކުން ފެށިގެން ހަޔަކާއި ހަމައަށް އޮންލައިންކޮށް ކިޔަވައިދޭން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފި އެވެ.

މިނިސްޓްރީން ރޭ ނެރުނު ބަޔާނުގައި ބުނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ލަފާގެ މަތިން، ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން، އަންނަ އާދިއްތަ ދުވަހުން ފެށިގެން މި މަހުގެ 25 ގެ ނިޔަލަށް މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ގްރޭޑް 1-6 އަށް ދަރިވަރުންނަށް އޮންލައިންކޮށް ކިޔަވައިދޭން ނިންމާފައިވާ ކަމަށެވެ. އަދި ގްރޭޑު 7 އިން ފެށިގެން މަތީގެ ދަރިވަރުންނަށް މިހާރު ވެސް ހަމަޖައްސާފައިވާ އުސޫލުން ސްކޫލަށް ހާޒިރުވާން ޖެހޭނެ އެވެ.

ސްކޫލްތައް ބަންދުކުރުމަށްފަހު، ހާއްސަ ފިޔަވަޅުތަކާއެކު މިދިޔަ މަހުގެ 10 ވަނަ ދުވަހު ސްކޫލްތައް ހުޅުވާފައިވާއިރު އެޑިއުކޭޝަން މިނިސްޓްރީންވަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވަކިގޮތެއް އަންގަންދެން، މާލޭ ސަރަޙައްދުގެ ޕްރީ ސްކޫލުތަކާއި ނާސަރީ ކްލާސްތަކުގެ ދަރިވަރުން ސްކޫލަށް ހާޟިރުކޮށްގެން ކިޔަވައިދިނުންވެސް މިމަހުގެ ދެވަނަ ދުވަހުން ފެށިގެން މެދުކަނޑާލާފައެވެ.