English Edition
Dhivehi Edition

ކޮވިޑުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، މިއަދުން ފެށިގެން މާލެ ސަރަހައްދުގައި ހަވީރު 6 އިން ފެށިގެން ހެނދުނު 6 އަށް އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރު ޖެނެރަލް މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުއްވި ބަޔާނުގައި ބުނެފައި ވަނީ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މާލެ އާއި ހުޅުމާލެ، ވިލިމާލެ، ތިލަފުއްޓާއި ގުޅީފަޅު އަދި ހުޅުލޭގައި ހަވީރު 6:00 އިން ފެށިގެން ހެނދުނު 6:00 އަށް ވަކި ގޮތެއް އަންގަންދެން އެއްގަމު އުޅަނދުފަހަރު ދުއްވުމަކީ މަނާކަމެއް ކަމަށެވެ.

އެއްގަމު އުޅަނދުފަހަރު މަނާކުރި ނަމަވެސް މި ފިޔަވަޅުތައް އިސްތިސްނާ ވާނެ ފަރާތްތަކުގެ ތެރޭގައި ސިފައިންނާއި ފުލުހުން، ސިއްހީ ޚިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު، އެމްބިއުލެންސް، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ފާސް ލިބިފައިވާ ފަރާތްތައް އަދި އިމަޖެންސީ ސިއްހީ ޚިދުމަތް ހޯދަން ޖެހޭ ފަރާތްތައް ހިމެނެއެވެ.

މީގެ އިތުރުން އެޗްޕީއޭ އިން ވަނީ މި ފިޔަވަޅުތައް ތަންފީޒް ކުރުމުގައި ވަގުތާއި ހާލަތަށް ރިޔާއަތްކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނީ ޕޮލިސް ސާވިސް އާއި ކަމާބެހޭ އެހެން މުވައްސަސާތަކުން ކަމަށް ބުނެފައެވެ،

ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެ ބަލި ކޮންޓްރޯލްކުރުމަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިވަމުން އަންނައިރު މިކަމުގައި ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވެއެވެ.