English Edition
Dhivehi Edition

ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ދޭން ފެށި ވެކްސިން ފުވައްމުލަކުގައި ދިނުމުގައި މައިގަނޑު ގޮތެއްގައި އިސްކަންދެނީ 3 ކެޓަގަރީ އަކަށް ކަމަށް ފުވައްމުލައް ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

ފުވައްމުލައް ސިޓީގައި ކޮވިޑް-19ގެ ހާލަތު މިވަގުތު އޮތްގޮތުގެ މައުލޫމާތު ހާމަ ކުރުމަށް މިރޭ ފުވައްމުލަކުގެ ހެލްތް އިމަޖެންސީ އޮޕްރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް އިމަޖެންސީ އޮޕްރޭޝަން ސެންޓަރާއިއެކު މަސައްކަތް ކުރެއްވުމަށް ފުވައްމުލަކު ހޮސްޕިޓަލުން ކަނޑައަޅާފައިވާ ފޯކަލް ޕޮއިންޓް، ސީނިއަރ ކޮމިއުނިޓީ އޮފިސަރ އާމިނަތު އަހުމަދު ވިދާޅުވިގޮތުގައި ވެކްސިން ދިނުމުގައި އިސްކަންދެވިގެންދަނީ ސިއްހީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކާއި، އުމުރުން 80 އަހަރުން މަތީގެ މީހުން އަދި ފްރޮންޓްލައިންގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށެވެ.

ވެކްސިން ދިނުމުގައި އެ ކެޓަގަރީތަކުގެ މީހުންނަށް އިސްކަންދެވިގެން ކުރިއަށް ގެންދާއިރު ހަމަހަމަ ކަމާއި އެކު އެމަސައްކަތް ކުރެވިގެންދާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށްވެސް އާމިނަތު އަހުމަދު ވަނީ ވިދާޅުވެފައެވެ. އެ ކެޓަގަރީތަކުގެ މީހުންގެ ތެރެއިން ވެކްސިންދޭންޖެހޭ ހުރިހާ ފަރާތްތަކަށް ވެކްސިން ދެވޭ ވަރަށް ވެކްސިން އެބަހުރި ކަމަށްވެސް އާމިނަތު އަހުމަދު ވަނީ ވިދާޅުވެފައެވެ.

ފުވައްމުލަކުގައި މިވަގުތު ވެކްސިން ދިނުން މެދުކެނޑިފައިވުމާއި ގުޅޭގޮތުން އޭއޯ ނިއުސް އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އާމިނަތު އަހުމަދު ވިދާާޅުވީ ވެކްސިން ދިނުން މެދުކަނޑާލައިފައިވަނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭގެ ލަފާގެ ދަށުން ކަމަށެވެ. އެގޮތަށް އެޗްޕީއޭއިން ކަނޑައަޅާފައިވަނީ ފުވައްމުލަކުގެ މުޖުތަމައުން ބަލި ފެނިފައިވާއިރު އާންމު ރައްޔިތުން ބޭރަށް ނިކުމެ އުޅުން ފަދަ ކަންކަން މަދު ކުރުމުގެ މަގުސަދުގައިކަމަށްވެސް އާމިނަތު އަހުމަދުވަނީ ވިދާޅުވެފައެވެ.

ފުވައްމުލަކުގައި މިހާތަނަށް ޖުމްލަ 295 މީހަކަށްވަނީ ވެކްސިން ދެވިފައެވެ. ރާއްޖޭގައި ކޮވިޑް-19 އަށް ވެކްސިން ދޭން ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު ފަށާފައިވާއިރު މިހާތަނަށް މުޅި ރާއްޖޭގައި ޖުމްލަ 25327 މީހަކަށް ވަނީ ވެކްސިންދީފައެވެ.