English Edition
Dhivehi Edition

ކޮވިޑް 19 ގެ ރޯގާ ފެތުރި އެސިޓީން 9 މީހަކު ބައްޔަށް ފައްސި ވެފައި ވުމާއި ގުޅިގެން، މިއަދުގެ އަސްރު ނަމާދުން ފެށިގެން އަންމަ ހޯމަ ދުވަހުގެ އަސްރު ނަމާދުގެ ނިޔަލަށް ފުވައްމުލަކުގެ މިސްކިތްތަކުގައި ޖަމާއަތް ނެހެދުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ސޮއި ކުރައްވައި، ފުވައްމުލަކު ސިޓީ ކައުންސިލަށާއި، ލޯކަލް ގަވަމެންޓް އޮތޯރިޓީއަށް ފޮނުވި ސާކިއުލާއެއްގައި ވަނީ، ފުވައްމުލަކު ސީޓީގެ ހަލާތަަށް ބަލައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މިއަދުގެ އަސްރު ނަމާދުން ފެށިގެން އަންނަ ހޯމަ ދުވަހުގެ އަސްރު ނަމާދާ ހަމައަށް، ފުވައްމުލަކު ސިޓީގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލަން އަންގަވައިފަ އެވެ. އޭގެ އިތުރުން، މިސްކިތުގައި ހަމައެކަނި ބަންގިގޮވުމަށާއި، ބަންގީގެ ފަހުގައި ގޭގައި ނަމާދު ކުރަން އަރަބި ބަހުން ގޮވާލަން އަންގާފައިވެ އެެވެެ. އަދި މިސްކިތުގައި ޖަމާއަތުގައި ނަމާދު ނުކުރިޔަސް ފަރުޟު ނަމާދު އަދާކުރުމަށާއި ސުންނަތް ނަމާދު ގިނަ ކުރުމަށާއި ގިނަގިނައިން ދުއާކުރުމަށާއި އިސްތިޣުފާރު ކުރުމަށް ނަސޭހަތްތެރިވާކަމަށްވެސް އިސްލާމިކް މިނިސްޓްރީއިން އެދިފައި ވެއެވެ.

ފުވައްމުލަކުން ކޮވިޑް-19 ފެނި މިހާތަނަށް އެ ރަށުން ނުވަ މީހަކު ޕޮޒިޓިވްވެފައިވާއިރު އެ ސިޓީ އޮތީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. އަދި އެ ސިޓީގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ދަނީ ވަރުގަދަ ކުރަމުންނެވެ.

ފުވައްމުލަކުގެ އިތުރުން އައްޑޫ ސިޓީގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލަންވެސް މިނިސްޓްރީއިން މިދިޔަ އަންގާރަ ދުވަހު ވަނީ އަންގައިފަ އެވެ. އެއީ މި އަންނަ ހަފްތާގެ ބުދަ ދުވަހުގެ ނިޔަލަށެވެ.