English Edition
Dhivehi Edition

ރާއްޖޭގެ ދެކުނުގެ އަތޮޅު ތަކުގައި ކޮވިޑް 19 ފެތުރުމުގައި ސަރުކާރުގެ އިހުމާލު ވާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާލެ ފިޔަވާ ރާއްޖޭގެ އާބާދީ އެންމެ ބޮޑު އައްޑޫ ސިޓީ އާއި އަދި ހުވަދު އަތޮޅުން ކޮވިޑްގެ ކޭސްތައް ފެންނަމުން ދާ ކަމަށާއި މި ސަރަހައްދުގައި ކޮވިޑް-19 ފެތުރެން ފަށާފައި ވަނީ ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ފަރުވާ ކުޑަ ކުރުމުގެ ސަބަބުން ކަމަށެވެ.

އަދި އައްޑޫ ސިޓީއިން ކޮވިޑް-19 އަށް ފައްސިވެފައިވާ ފަރާތްތަކެއް ފެންނަން ފަށާފައިވަނީ ބަލަންވާވަރަށް ނުބަލާ، އެ ސިޓީއަށް ސަރުކާރުގެ ބަޔަކު ދަތުރު ކުރުމަށް ސަރުކާރުގެ ފަރާތުން ދިން ޚާއްޞަ ހުއްދައިގެ ދަށުން އެސިޓީއަށް ޒިޔާރަތް ކުރި ބައެއްގެ ސަބަބުން ކަމަށެވެ.

މީގެ އިތުރުން އެ ބަޔާނުގައި ވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބެލުމެއް ނެތި، އައްޑޫ ސިޓީ ނޫނަސް ރާއްޖެގެ ކަންކޮޅުތަކަށް މިފަދަ ދަތުރުތައް ސިޔާސީ ބޭފުޅުން މިހާރުވެސް ކުރައްވަމުން ގެންދަވާކަމީ ހިތާމަހުރި ކަމެއް ކަމަށެވެ.

އިދިކޮޅުން މިގޮތަށް ބުނެފައިވާ އިރު އައްޑޫގައި ކޮވިޑްގެ ރޯގާ ފެތުރުނީ އޭވިއޭޝަން ކޮމާންޑުގެ ފަރާތުން ސ. ގަމުގައި ބޭއްވި ޓްރެއިނިންގ އަކަށް ދިޔަ ފަރާތެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް އައްޑޫސިޓީގެ މޭޔަރ ވެސް ވަނީ ވިދާޅުވެފައެވެ. މި ޓްރެއިނިން އަށް ފަހު ޓްރެއިނިންގައި ބައިވެރިވި ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާރު ޓްރެއިނިންގ ގައި ބައިވެރިވި ކާޑެއްދޫ އެއަރޕޯރޓުގައި މަސައްކަތްކުރާ 2 މީހަކު ޕޮޒިޓިވް ވެފައިވާއިރު އެތަނުން ތިނަދޫ މީހާއާއި ކޮންޓެކްޓްވި އިތުރު 3 މީހަކު ވެސް ވަނީ ތިނަދޫން ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މި ކްލަސްޓާ އާއި ގުޅުން ހުރި 22 މީހަކު އައްޑޫން ވަނީ ޕޮޒިޓިވް ވެފައެވެ.

ދެކުނުގެ ރަށް ތަކުގައި ހަލުވިކަމާއެކު ކޮވިޑްގެ ރޯގާ ފެތުރެމުން އަންނަ އިރު އިދިކޮޅުން ވަނީ ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރަށް ގޮވާލާފައެވެ. އަދި މިހާރު ވައިރަހުގެ އަސަރު ހުރި ސަރަހައްދު ތަކުގައި ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމެއް ހަމަޖައްސައި ދެއްވުމަށް ވެސް އެދިފައި ވެއެވެ.