English Edition
Dhivehi Edition

ރާއްޖެ ރަށްރަށުގައި ކުޑަކުދިންނަށް އެ ކުދިން ހީ ސަމާސާކޮށް މަޖާކޮށްލެވޭނެ ރައްކާތެރި މާހައުލެއް ޤާއިމުވެފައި އޮންނަ ހަމައެކަނި ތަނަކީ ކުޑަކުދިންނަށް ޙާއްސަކުރެވިގެން ހަދާފައިހުންނަ ޕާރކްތަކެވެ. ބޮޑެތި އާބާދީތަކުގައި ދިރިއުޅޭ މީހުންނަށް މިއީ މުހިއްމުކަމެއް ކަމުގައި ހީވެފައި ނެތަސް މިފަދަ މާހައުލެއް ޤާއިމުވެފައި އޮތުމަކީ ރަނގަޅު ޖިލެއް ބިނާކުރުމުގައި ވަރަށް މުޙިއްމު ކަމެކެވެ.

42.9 ހެކްޓަރުގެ ބިމެއް އޮންނަ ގދ. ނަޑެއްލާ އަކީ ކުޑަކުދިންނަށް ބޭނުންވާ އެއްވެސް މިންވަރެއްގެ ޕާކެއް ތަރައްޤީ ކުރެވިފައިވާ ރަށަކަށް ނުވުމާއެކު، މިފަދަ ޕާކެއް ރަށުގައި ތަރައްޤީކުރުމަކީ ހުވަދުއަތޮޅު ދެކުނުބުރީ ނަޑެެއްލާ ކައުންސިލުން އެ ރަށުގެ ރައްޔިތުންނަށް ކޮށްދިނުމަށް ބޭނުންވާ އެންމެ ބޮޑު އެއް ކަމެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް، އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން، ކުޑަކުދީންގެ ޕާކް ތަރައްޤީކުރުމަށް ބޭނުންވާ ތަކެތި ގދ. ނަޑެއްލާ ކައުންސިލަށް ލިބިފައިވީ ނަމަވެސް އެ އަހަރުގެ ބަޖެޓު ފާސްކުރި ފަހުން އެ ތަކެތި ލިބިފައިވުމާއެކު އެ މަސައްކަތަށް އެއްވެސް ބަޖެޓެއް ކައުންސިލުގެ ބަޖެޓުގައި ކަނޑައެޅިފައެއް ނުވެއެވެ.

ކުޑަކުދީންގެ ޕާކް ތަރައްޤީކުރުމަށް ބޭނުންވާ ތަކެތި ލިބުނު ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން ގިނަ ދުވަސްތަކަކަށް ސަރުކާރު ބަންދުކުރެވިފައި ވުމާއި ކޮންމެހެން ކުރަންޖެހޭ މަސައްކަތް ކުރުމަށް އެކަނި އޮފީސްތައް ހުޅުވައިގެން މަސައްކަތް ކުރަން ޖެހުމާއެކު، ޕާރކް ތަރައްޤީކުރުމުގެ މަސައްކަތްތައް އޮތީ ކުރިއަށް ނުގެންދެވި ހުއްޓިފައެވެ.

ކޮވިޑް-19 ގެ ހާލަތުގައިވެސް ގދ. ނަޑެއްލާގައި ޕާކެއް ހެދުމަށްޓަކައި ބަނދަރު ސަރަޙައްދުން ކުރިން ހަމަޖައްސާފައި އޮތް 3،904.58 އަކަފޫޓުގެ ބިން ކުޑަވެގެން އެ ބިން ބާޠިލުކޮށް، 10،998،52 އަކަފޫޓްގެ ބޮޑުމިނަށް އެހެން ބިމެއް ކަނޑައަޅައި ހުއްދައަށް އެދި ހުށަހެޅުމަށް އެ ކައުންސިލުން ނިންމާ ގައި ހުއްދައަށް އެދި އެ އަހަރުގެ އޮގަސްޓް މަހު ހުށަހެޅިއެވެ.

ސެޕްޓެންބަރު މަހުގައި އެ ހުއްދަ ލިބުމާއެކު ބިން ރަޖިސްޓްރީކޮށް އެ ބިމުގައި ކުޑަކުދީންގެ ޕާކެއް ތަރައްޤީކުރުމަށްޓަކައި ބަޖެޓް ހަމަޖައްސަވައި ދެއްވުން އެދި ގދ. ނަޑެއްލާ ކައުންސިލުން ވަނީ މިނިސްޓްރީ އޮފް ފިނޭންސްގައި ދަންނަވާފައެވެ. އެ މިނިސްޓްރީން 14 ސެޕްޓެމްބަރު ގައި ދެއްވި ޖަވާބުގައި ދެންނެވީ، އަލަށް ހަމަޖެއްސި ބިމުގައި ޕާކް ތަރައްޤީކުރުމަށް ކުރަންޖެހޭ ޚަރަދު، އެ ކައުންސިލަށް 2020 ވަނަ އަހަރަށް ލިބިފައިވާ ބަޖެޓްގެ ތެރެއިން ހަމަޖައްސައިގެން ކުރިއަށް ގެންދިއުމަށެވެ.

އެހެންކަމުން، އެ ކައުންސިލަށް 2020 ވަނަ އަހަރަށް ލިބިފައިވާ ބަޖެޓްގެ ތެރެއިން މި މަސައްކަތް ކުރުމަށް މަގުފަހިވީ ކަމަށް އުންމީދު ކުރިއެވެ. ނަމަވެސް ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ދައުލަތުގެ އާމްދަނީ ދަށްވެ، ދައުލަތަށް ލިބޭނޭކަމަށް ކުރެވުނު އައު އަންދާޒާއަށް ބަލައި ކައުންސިލްތަކަށް ދިނުމަށް ކަނޑައަޅާފައިވާ ބްލޮކް ގްރާންޓް މިނިސްޓްރީ އޮފް ފިނޭންސުން ރިވައިޒްކޮށް އެ މިނިސްޓްރީން ވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް އަންގަވާފައެވެ. އަދި އެކަން އެ އޮތޯރިޓީއިން 22 ސެޕްޓެމްބަރު ގައި ކައުންސިލްތަކަށް އެންގިއެވެ.

ރިވައިޒްކޮށްފައިވާ ބްލޮކް ގްރާންޓްގެ ތެރޭގައި އެ އަހަރުގެ ޚަރަދުތައް ހިފެހެއްޓުމަށް ވަނީ އަންގަވާފައެވެ. ބަޖެޓަށް މި ގެނެވުނު ބަދަލުގެ ސަބަބުން މި ކައުންސިލަށް. 2020 ވަނަ އަހަރަށް ފާސްކުރި 6،006،522 ރުފިޔާގެ ބަޖެޓް 2،982،732 ރުފިޔާއަށް ވަނީ ބަދަލުވެފައެވެ. މިއީ، 3،023،790 ރުފިޔާގެ ތަފާތެކެވެ.

2020 ވަނަ އަހަރަށް ސަރުކާރުން ފާސްކުރި ބަޖެޓުގެ 50 އިންސައްތަ އަލުން ސަރުކާރަށް ނެގުމާއެކު ރިވައިޒްކޮށްފައިވާ ބަޖެޓްގެ ތެރެއިން މުވައްޒަފުންގެ މުސާރައާއި އެލަވަންސްގެ އިތުރުން އިޖުތިމާޢީ މަސައްކަތަށް ހަމަޖައްސާފައިވާ ފަރާތްތަކަށް ދޭންޖެހޭ އުޖޫރަ ފަދަ ކޮންމެހެން ކުރަންޖެހޭ ޚަރަދުތައްކޮށް އެ ކައުންސިލުން ދައްކަންޖެހޭ ކަރަންޓް ބިލްތަކާއި ފޯނާއި އިންޓަރނެޓް ބިލްތައް ދައްކައި ކޮންމެހެން ކުރަންޖެހޭ އެހެނިހެން ޚަރަދުވެސް ހަމަނުޖެއްސޭނެތީ، އެ ކައުންސިލަށް 2020 ވަނަ އަހަރަށް ލިބިފައިވާ ބަޖެޓްގެ ތެރެއިން ހަމަޖައްސައިގެން ޕާކެއް ތަރައްޤީ ކުރުމުގެ ފުރުޞަތު ކޮވިޑް-19ގެ ޙާލަތާއި ގުޅިގެން ގެއްލިގެން ދިޔައެވެ.

2021 ވަނަ އަހަރަށް އެ ކައުންސިލަށް ދައުލަތުން ދެއްވާފައިވާ ބްލޮކް ގްރާންޓްގެ ތެރެއިން ޕާކެއް ތަރައްޤީ ކުރުމަށްޓަކައި ޚަރަދު ހަމަޖައްސައި މި އަހަރުގެ ބަޖެޓުން ޚަރަދުކޮށްގެން ވީހާވެސް އަވަހަކަށް ޕާކެއް ތަރައްޤީކުރުމުގެ މަސައްކަތް ނިންމުމަށް މިހާރު އެ ކައުންސިލުން ދަނީ މަސައްކަތް ކުރަމުންނެވެ.

ގދ. ނަޑެއްލާގެ އިތުރުން ގދ. ވާދޫގައި ވެސް އަދި ކުޑަކުދިންގެ ޕާކެއް ނެތެވެ. ނަމަވެސް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް، އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ އެހީތެރިކަމާއެކު ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލުން މި މަހުގެ ތެރޭގައި އެ ރަށުގެ ޕާރކް ނިންމާލެވޭނެކަމަށް މަޢުލޫމާތު ދެއެވެ.