English Edition
Dhivehi Edition
ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރ އަބްދުﷲ ޞާދިގު ވާހަކަ ދައްކަވަނީ: ފޮޓޯ- ޔާމީން/ އޭއޯ ނިއުސް

މިހާރު އައްޑޫސިޓީގައި ފެތުރެމުން ދަނީ ކޮވިޑްގެ އާ ވޭރިއެންޓެއް ކަމަށް އައްޑޫސިޓީގެ މޭޔަރ ޢަބްދުﷲ ސާދިގު ވިދާޅުވެއްޖެއެވެ. ވަރަށް ހަލުވި ކޮށް ފެތުރެމުންދާ މި ވައްތަރަކީ މުޅިން ތަފާތު އާ ވޭރިއެންޓެއް ކަމަށް ސިއްޙީ މާހިރުން ލަފާ ކުރައްވާތީ މިކަން ޔަގީން ކުރުމަށް ކަމާގުޅޭ ތަޙުލީލުތައް ކުރެވެމުންދާ ކަމަށް މޭޔަރ ވިދާޅުވިއެވެ.

އައްޑޫސިޓީގައި ފެތުރެމުންދާ ކޮވިޑްގެ އެންމެ ފަހުގެ މަޢުލޫމާތު ނޫސްވެރިންނާ ޙިއްސާ ކުރެއްވުމަށް މިރޭ ވާޗުއަލްކޮށް ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މޭޔަރ ވިދާޅުވީ އައްޑޫގައި ޕޮޒިޓިވް ވާ މީހާއާއި ކުޑަ ވަގުތުކޮޅަކަށް ދިމާވި މީހުންވެސް ޕޮޒިޓިވް ވަމުންދާ ކަމަށާއި އެސަބަބާހެދި މިވަގުތު އައްޑޫސިޓީ އޮތީ ނާޒުކު ފައްތަރެއްގައި ކަމުން ހުރިހާ އެންމެން ވެސް މިބަލިން ރައްކާތެރިވުމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އެޅުމަކީ މިވަގުތަށް އެންމެ މުހިއްމު ކަން ކަމުގައެވެ.

މިހާތަނަށް 2 ކްލަސްޓަރ އެއް އައްޑޫސިޓީން ފެނިފައިވާއިރު ހުޅުދޫމީދޫގެ ކްލަސްޓަރ ގައި 26 ބިދޭސީން ޕޮޒިޓިވް ވެފައި ވެއެވެ. ހިތަދޫ ކްލަސްޓަރ ގައި މިއަދު ހަވީރު 6 ޖެހުމާއި ހަމައަށް 18 މީހުން ޕްޒިޓިވް ވެފައި ވެއެވެ. މިއަދު ވަނީ އައްޑޫސިޓީގެ ކެފޭ ރެސްޓޯރެންޓްތައް ވެސް ބަންދުކޮށް އެތަންތަނުން ޑެލިވަރީއާއި ޓޭކްއަވޭ ގެ ޚިދުމަތް އެކަނި ދޭގޮތަށް ހަމަޖައްސާފައެވެ.

އައްޑޫގައި ކޮވިޑް ފެތުރެން ފެށުމާއެކު ސްކޫލްތައް ވެސް ވަނީ ބަންދުކޮށް ފައެވެ. މިރޭގެ ބައްދަލުވުމުގައި މޭޔަރ ވިދަޅުވީ އިތުރު ފިޔަވަޅުތައް ވެސް މިރެއިން ފެށިގެން އެޅުމަށް ނިންމަވާފައިވާ ކަމަށާއި އެޗްޕީއޭ އާއި އަވަށް އަވަށުގެ އެސްއެސްޑީތަކުން އަންގާ އުސޫލުތަކަށް ޢާއްމުން ފުރިހަމައަށް ތަބާވެ ކޮވިޑް ހުއްޓުވުމަށް ކުރެވޭ މަސައްކަތަށް އެއްބާރުލުން ދެއްވުމަކީ މިވަގުތު އެންމެ ބޮޑަށް އެދިވަޑައިގަންނަވާ ކަން ކަމުގައެވެ.