English Edition
Dhivehi Edition

ފެބްރުއަރީ 6 ވަނަ ދުވަހުން ފެށިގެން އައްޑޫސިޓީގެ ހުރިހާ ރަށެއް މޮނިޓަރިންގެ ޙާލަތުގައި ވުމަށް ފަހުވެސް ފަތުރުވެރިންނަށް އައްޑޫސިޓީއަށް އާދެވޭތީ ޢާއްމުން އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުން އެބަދެއެވެ. މޯލްޑިވިއަން ގެ ފްލައިޓް މިއަދުވެސް އައްޑޫ ސިޓީއަށް އަންނަ އިރު “އޭއޯ” އަށް އެނގިފައިވާ ގޮތުން އެ ފްލައިޓުން އަންނާނީ ރިސޯޓުތަކަށް އަންނަ ގެސްޓުންނާއި ވޯކް ވިސާގައި އަންނަ ބޭރު މީހުންނެވެ. އެޗްޕީއޭގެ ހުއްދައާއި އެކު ފަތުރުވެރިންނަށް އައްޑޫއަށް އަރާ ފޭބޭއިރު ޢާއްމު ރައްޔިތުންގެ ތެރެއިން މާލެ އާއި އައްޑޫގައި ތާށިވި އެތައް ބަޔަކު ޙާލުގައި ޖެހި ފުރޭނެ ގޮތެއް ނެތިގެން އެކަމުގެ ޝަކުވާ ރައްޔިތުން ދަނީ ކުރަމުންނެވެ.

” ލޮކްޑައުން ކުރި ދުވަހުގެ ރޭ ފުރަން އޮތީ. ގެސްޓް ހައުސް އެއްގަ އޭރު ހުރީ. ކުޑަކުޑަ 3 ކުދިން އެކަނި ގޭގަ ބައިތިއްބާފަ މުހިއްމު ބޭނުމަކު 2 ދުވަހަށް މާލެއައީ. ހަދާނެ ގޮތް ހުސްވެ މަގުމަތިވެފަ މިހާރު މިހިރީ.” މާލޭގައި ތާށި ވެފައި ހުރި އަންހެނަކު އޭއޯއާއި ވާހަކަ ދައްކަމުން ކިޔައިދިނެވެ.

މިފަދަ ޙާލެއްގައި އެތައް ބަޔަކު ތާށި ވެފައި ތިބި އިރު، އައްޑޫސިޓީ އިން ޕޮޒިޓިވް ވާ މީހުންގެ ޢަދަދު ގިނަވެ އަވަސް މުއްދަތެއްގައި މޮނިޓަރިން އުވާލާނެ ކަމުގެ އުއްމީދު ދަނީ ކުޑަވަމުންނެވެ. މިޙާލަތުގައި އެޗްޕީއޭގެ ހުއްދަ ލިބިފައިވާ ފަރާތްތައް އައްޑޫއަށް އައިސް ކަރަންޓީން ވުމުގެ ފުރުސަތަކަށް އެމީހުން ތިބީ އެދިއެދިއެވެ. އެހެންނަމަވެސް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ އެޗް ޕީއޭގެ ހުއްދަތައް ވެސް ހޯލްޑް ކޮށް އެއްވެސް ބަޔަކަށް އައްޑުއަށް ނޭރޭނެ ގޮތަށް ސިޓީ އެއްކޮށް ބަންދު ކޮށްފައެވެ.

ކޮވިޑް 19 ގެ ޕޮޒިޓިވް ކޭސް ތަކަކާއެކު މުޅި އައްޑޫސިޓީ ލޮކްޑައުން ކޮށްފައި އޮތް ނަމަވެސް ޒަރޫރީ ބޭނުންތަކުގައި އެއް އަވަށުން އަނެއް އަވަށަށް ދަތުރު ކުރެވޭނެ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރ އެޗްއީއޯސީން ވަނީ ވިދާޅުވެފައެވެ. އެހެން އަވަށް ތަކާއި ވަކިން އޮންނަ ހުޅުދޫއާއި މީދޫއަށް ވެސް ޒަރޫރީ ބޭނުންތަކަށް ނަގާ ހުއްދައިގެ ދަށުން ދަތުރު ކުރުމުގެ އިންތިޒާމް ރަށް ރަށުގެ އެސްއެސްޑީ ތަކުން ވަނީ ފަހިކޮށްދީފައެވެ.

އައްޑޫސިޓީ ގައި ހަލުވި ކަމާއެކު ކޮވިޑް ފެތުރެމުންދާ މި ދަނޑިވަޅު އައްޑޫސިޓީގެ މޭޔަރ ޢަބްދުﷲ ސާދިގު ވިދާޅުވީ ކޮންމެހެން ނިކުންނަން ޖެހިއްޖެ ޙާލަތެއްގައި މެނުވީ ގެއިން ބޭރަށް ނުދިއުމަށާއި އެއްވެސް ސަބަބަކާހުރެ ބޭރަށް ދާނަމަވެސް މާސްކް އަޅުއްވާ އެޗްޕީއޭގެ ގައިޑްލައިން ތަކާއި އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށް އެދިވަޑައިގެންފައެވެ.

އައްޑޫސިޓީ ހުޅުދޫމީދޫއިން މިހަފްތާގެ ތެރޭ 25 މީހަކު ކޮވިޑަށް ފައްސިވެ އެދެ ރަށް މޮނިޓަރިން ގެ ޙާލަތުގައި ވަނިކޮށް ހޮނިހިރު ދުވަހުވަނީ ގުޅިފައިވާ އަނެއް 4 އަވަށުންވެސް ދިވެހިން ޕޮޒިޓިވް ވުމާގުޅިގެން މުޅި ސިޓީ ލޮކްޑައުން ކޮށްފައެވެ. ހިތަދޫ ކްލަސްޓާގައި ރެއާއި ހަމައަށް 15 މީހުން ޕޮޒިޓިވް ވެފައި ތިބި އިރު އައްޑޫ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބާއްވާ ނޫސް ކޮންފަރެންސެއް މިރޭ 7 ޖަހާއިރު އޮންނާނެ ކަން ވަނީ އިއުލާން ކޮށްފައެވެ.