English Edition
Dhivehi Edition

އޭޕްރީލްމަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އިނގިރޭސިވިލާތުގެ ލަންޑަނާއި، މެލޭޝިއާގެ ކުއާލަ ލަންޕޫރުގައި ވޯޓު ފޮށި ނުބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިނގިރޭސިވިލާތާއި މެލޭޝިއާގައި ވޯޓު ފޮށި ބެހެއްޓުމުގެ ހުއްދަ ނުލިބޭކަން ޔަޤީންވެފައިވާކަމަށެވެ.

މިޤައުމުތަކުގައި ހަލުވިކަމާއެކު ކޮވިޑް-19 ދަނީ ފެތުރެމުންނެވެ. މަޑުޖެހުމެއްނެތި ބަލިފެތުރެމުންދާތީ އެޤައުމުތަކުގައި އަޅާފައިވާ ފިޔަވަޅުތައް ވަނީ ވަރުގަދަކުރެވިފައެވެ. އެހެންކަމުން ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އިނގިރޭސިވިލާތުގެ ލަންޑަނާއި، މެލޭޝިއާގެ ކުއާލަ ލަންޕޫރުގައި ވޯޓު ފޮއްޓެއް ނުބެހެއްޓޭނެކަމަށް އި.ސީ އިން ވަނީ ހާމަކޮށްފައެވެ.
އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އިންތިޚާބު ބޭއްވުމުގައި ގިނަ ގޮންޖެހުންތަކާއި ބަޖެޓުގެ ދަތިކަން ހުރިކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ. އެހެންނަމަވެސް އިންތިޚާބު ފަސްކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާތީ، މަޖިލީހުން ވަކިގޮތެއް ނިންމުމާއި ހަމައަށް އިންތިޚާބުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ވިދާޅުވެފައެވެ.