English Edition
Dhivehi Edition

ކޮވިޑް-19 އިން ރައްކާތެރިވާން މިސްކިތްތަކުން އަޅަންޖެހޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ފިޔަވަޅުތަކަށް އަމަލުކުރުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާޒުކޮށްފިއެވެ.

މި ދުވަސްވަރު މިސްކިތްތަކަށްދާ ،ފަރާތްތަކުން ސަމާލުކަން ދޭން ޖެހޭ ކަންތައްތައް ފާހަގަ ކުރައްވާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ މިސްކިތައް ދާ ފަރާތްތަކުން ދާން ވާނީ ގެއިން ވުޟޫ ކޮށްގެން ކަމަށެވެ. އަދި މުސައްލަ ގެންދާ ފަރާތްތަކުން ނަމާދު ކުރަން ޖެހޭނީ އެމީހެއްގެ މުސައްލަ މަތީގައި ކަމަށެވެ. މީގެ އިތުރުން މިސްކިތަށް ވަދެ ނުކުތުމުގައި ގައިދިރުކަން ބެހެއްޓުމާއި އެކު މާސްކު އެޅުމަށް މިނިސްޓްރީން ވަނީ އިލްތިމާޒުކޮށްފައެވެ.

މީގެ އިތުރުން މިސްކިތުގެ އެކިތަންތަނުގައި ތިބުމުގެ ބަދަލުގައި މިސްކިތަށް ވަންނަ ގޮތަށް ފުރަތަމަ ސަފުން ފެށިގެން ފުރަމުން ގެންދިއުމާއި ނަމާދު ނިމުމަށްފަހު މިސްކިތުގައި މަޑުނުކުރުމަށް މިނިސްޓްރީންވަނި އިލްތިމާޒުކޮށްފައެވެ.އަދި ފުއްޕާމޭގެ ބަލި ހުންނަ މީހުންނާއި، ރޯގާ ޖެހިފައިވާ މީހުންނާއި، ހުން އައިސްފައިވާ މީހުންނާއި، ކެއްސާ މީހުންނާއި އުމުރުން ދުވަސްވެފައިވާ މީހުން މިސްކިތަށް ނުދިއުމަށް މިނިސްޓްރީންވަނީ ނަސޭހަތްތެރިވެފައެވެ.

އިތުރަށް މިނިސްޓްރީން ވަނީ ސްކިތުގައި އަދި މިސްކިތުން ބޭރުގައިވެސް އަތާ އަތްޖޯޑުކޮށް ސަލާމް ކުރުމާއި މިސްކިތުގައި ހުންނަ ހަތިމުތަކުގައި އަތްނުލުމަށް އިލްތިމާޒުކޮށްފައެވެ. އަދި މި ދަނޑިވަޅުގައި ކަމާއި ބެހޭ ފަރާތްތަކުންދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށާއި ފަރުޟު ނަމާދާއި ސުންނަތް ނަމާދުތައް ބަރާބަރަށް އަދާ ކުރުމަށާއި ޤުރުއާން ކިޔަވައި ﷲގެ ރަހުމަތުން މާޔޫސްނުވެ، ސަބަބު ތަކުގައި ހިފައި ފުރިހަމައަށް ﷲ ވަކީލުކޮށް ގިނަގިނައިން ދުއާކޮށް އަސްތަޣުފާރު ކުރުންމަތީ ދެމި ތިބުމަށް ހުރިހާ ރައްޔިތުންނަށްވެސް ނަސޭހަތްތެރިވެފައެވެ.