English Edition
Dhivehi Edition
އައްޑޫސިޓީ ލިންކުރޯޑު: ފޮޓޯ އަޒީމް

2020 ވަނަ އަހަރުގެ ކުރީކޮޅު ކޮވިޑް 19 ގެ ބިރުވެރިކަން މުޅި ދުނިޔެއަށް ފެތުރި ރާއްޖޭގެ ވެރިރަށް މާލެއަށް ހަލުވިކަމާއެކު ބަލި ފެތުރެން ނެގީ މަދު ދުވަސްތަކެކެވެ. ސަރުކާރުން އަޅާފައިވާ ވަރުގަދަ ފިޔަވަޅު ތަކާއެކުވެސް ބަޔެއްގެ އިހުމާލުން އެ ފިޔަވަޅުތައް ފޫއަޅުވާލާފައި ތޮއްޖެހިފައިވާ މާލެއަށް ބަލީގެ ބިރުވެރިކަން ފެތުރި ގިނަ ބަޔަކު ބައްޔަށް ޕޮޒިޓިވް ވާން ފެށިއެވެ. އެހެނަސް އޭރުވެސް ގިނަ ބަޔަކު ބުނަމުން ދިޔައީ މުޅި ދުނިޔޭގައި ވެސް އެންމެ ފަސޭހައިން ބަލި ފެތުރުން ކޮންޓްރޯލް ކުރެވޭނެ ގައުމަކަށް އޮތީ ރާއްޖެ ކަމެވެ. ގުދުރަތީ ގޮތުން އުފެދިފައި އޮންނަ ގޮތުން ރާއްޖޭގެ ރަށްތައް ވަކިން އޮތުމަކީ ފަސޭހަ ކަމާއެކު ބަލިން ރައްކާތެރިވެވޭނެ ކަމެއް ކަމަށް އެންމެން ދިޔައީ ބުނަމުންނެވެ. އެހެން ކަމުން ރަށްފުށުގެ ރައްޔިތުން ދިރިއުޅުނީ އަމިއްލަ ރަށުގައި ކަރަންޓީނު ވެގެން ،އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅައި ސަމާލުވެ ބަލިން ރައްކާތެރިވެގެންނެވެ.

ކޮވިޑްގެ ވަބާ އާއެކު އަލަށް ދަސްވި “ވާރޗުއަލް” ބައްދަލުވުން ތަކާއި ސެމިނާރ ތަކާއި ކޮންފަރެންސް ތަކާއި ކިޔެވުން ކުރިއަށް ދިޔައީ މެދުކެނޑުމެއް ނެތިއެވެ. ރައްޔިތުންގެ ދިރިއުޅުމުގެ ކަންތައްތައް ހަމަޖެހިފައިވާ ގޮތުން ޒަރޫރީ ބޭނުމެއްގައި ވެރިރަށަށް ދާން ޖެހުނު ކަމުގައި ވިޔަސް ދިޔައީ ޚާއްޞަ ހުއްދައިގެ ދަށުން ވާން ޖެހޭ ކަރަންޓީނެއް ވެ އެ ހުރިހާ ތަކުލީފެއް އުފުއްލަމުންނެވެ. ނަތީޖާއެއްގެ ގޮތުން ވެރިރަށް މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށް ރަށުގައި ދިރިއުޅޭ މީހުންނަށް ބަލީގެ ސަބަބުން މާ ބޮޑު ބިރުވެރިކަމެއް އުފުލަން ޖެހިފައެއް ނެތެވެ.

އެހެނަސް ކޮވިޑް އާއެކު އުޅެން ރާއްޖޭގެ މީހުންނަށް ވެސް ދަސްވެ އެބައްޔާއެކު އުޅެން އެނގި، ޚާއްޞަ ހުއްދަ ތަކެއް ނަގައިގެން ވެރިރަށުން ރަށް ރަށަށް އެކިއެކި ބޭނުންތަކުގައި “ބޭފުޅުން” ފޮނުވުން ވެގެން ދިޔައީ ހަމަޖެހިލައިގެން ތިބި ރަށްފުށުގެ ރައްޔިތުންނަށް ކުރިމަތިލާން ޖެހުނު ބޮޑު ބިރަކަށެވެ. ސިޔާސީ ބޭނުންތަކުގައްޔާއި އަދި އެކިކަހަލަ ޓްރެއިނިންގ ޕްރޮގްރާމު ތަކުގައި މިނިސްޓްރީ ތަކުންނާއި އަމިއްލަ މުއައްސަސާ ތަކުން ފޮނުވާ “ބޭފުޅުން” ކަރަންޓީނު ވުމެއް ނެތި އެ “ބޭފުޅުން” ބޭނުންވާހާ ގޮތަކަށް ފަސޭހަ ކަމާއެކު ރަށްރަށަށް އަރައި ފޭބުމުގެ ހުއްދަ ލިބުމާއެކު ހަމަޖެހިލައިގެން ރަށްރަށުގައި ދިރިއުޅެމުން ދިޔަ އާންމު ރައްޔިތުންގެ ހަމަޖެހުން ގެއްލި ހިތުގައި ބިރުވެރިކަން އުފެދިގެން ދިޔައެވެ. ބަލި ފެތުރިދާނެތީ އާންމު ރައްޔިތުން ވަމުން ދިޔަ “ކަރަންޓީނު” ގެ ގުރުބާނީ އެއްޗަކަށް ނުވާކަމަށް ބުނެ ގިނަ ބަޔަކު އަޑު އުފުލާން ފެށިއެވެ.

ކޮވިޑްގެ ބިރުވެރިކަން އިންތިހާއަށް އޮތް ވެރިރަށް މާލެއިން ރަށްރަށަށް “ވަޑައިގަންނަވާ” ބޭފުޅުން ރަށްރަށަށް ދިއުމުގެ ކުރިން ޕީސީއާރު ޓެސްޓް ހައްދައެވެ. ގަބޫލު ކުރެވޭ ކަހަލައެވެ. މި ޓެސްޓް ހެދުމަށްފަހު ދެން ކޮވިޑްގެ ވައިރަސް ނާރާނެއެވެ. އެހެނަސް ހަގީގަތަކީ ޓެސްޓް ހަދަނީ ފުރުމުގެ 72 ގަޑި އިރު ކުރިން ކަމަށް ވެފައި ފުރުމާއި ނަތީޖާ ލިބުމާއި ދެމެދު އޮންނަ ވަގުތުގައިވެސް އެތައް ތަނަކަށް ގޮސް އެތައް ބަޔަކާއި މި ބޭފުޅުން ބައްދަލު ކުރާނެ ކަމެވެ. ރެސްޓޯރެންޓް ތަކާއި ކޮފީތަކަށް ރައްޓެހިންނާއެކު ދާނެ ކަމެވެ. މިފަދަ ގޮތަކަށް ވަގުތު ހޭދަކުރެވޭ އިރު ޕޮޒިޓިވް މީހަކާއި ކޮންޓެކްޓް ވެފައި ހުރުމަކީ ގާތް ކަމަކަށް ވެދާނެއެވެ. އެހެން ކަމަށް ވެއްޖެ ނަމަ ޕީސީއާރު ޓެސްޓްގެ ނެގެޓިވް ނަތީޖާ އަތުގައި އޮތަސް ރަށްރަށަށް އެދެވެނީ ބަލި ހިފައިގެން ކަން ގަބޫލު ކުރަން ޖެހެއެވެ. އަތި ތިމާ މެންގެ ފުށުން ރަށެއްގެ ރައްޔިތުން ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލެވެނީ ކަން ވެސް ގަބޫލު ކުރަން ޖެހެއެވެ. މި ގޮތަށް އަންނަ ޓީމުތަކުގެ މެމްބަރުން ރެސްޓޯރެންޓް ތަކާއި ސައިހޮޓާތަކުގައި އެރަށެއްގައި ދިރިއުޅޭ އާންމު ރައްޔިތުންނާއެކު ކައިބޮއި ކޮފީތަކުގައި އުޅޭތަން ފެންނަނީ މަދެއްކޮށެއް ނޫނެވެ.

ރައްޔިތުންގެ ޝަކުވާ އަކީ މިފަދަ ޒަރޫރީ ބޭނުންތަކުގައި، ކޮވިޑް ފެތުރިފައިވާ ތަނަކުން ބަލި ނެތް ތަނަކަށް ބަޔަކު ދާނަމަ އާންމު ރައްޔިތުންނެކޭ އެއްފަދައިން އެ “ބޭފުޅުން” ވެސް ކަރަންޓީނު ފުރިހަމަ ކުރުން މުހިއްމު ކަމެވެ. އަދި އެ މުއްދަތަށް ފަހު ދެން ކުރިއަށް ގެންދަން ވާ މަސައްކަތެއް ކުރިއަށް ގެންދިއުމަށް ފުރުސަތު ދިނުމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ނުހަނު މުހިއްމު ކަމެއް ކަމެވެ.

“މާލެއިން ޚާއްޞަ ހުއްދައިގެ ދަށުން އަންނަ މީހުން މިވަނީ ބިރަކަށް ” ރަށްފުށުގެ ރައްޔިތުންގެ ވާހަކައަކީ މިއީއެވެ!

 

ޓެގު

1 ކޮމެންޓް
ޔާރާ
ފެބުރުއަރީ 8, 2021
ހަގީގަތުގަވެސް މާލެއިން ހާއްސަ ހުއްދައިގެ ދަށުން އަންނަ މީހުންނަކީ ރަށްރަށުގެ މީހުންނަށް ބިރެއް. މިކަން ހައްލުވާނީ އެޗް ޕީ އޭ އާ ސަރުކާރަށް.