English Edition
Dhivehi Edition

ކޮވިޑް-19 އާ ގުޅިގެން ސިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް، ގދ. ތިނަދޫއަށް އަރާ ފޭބުން އަނެއްކާވެސް މަނާކޮށްފިއެވެ.

މިފަހަރު ގދ. ތިނަދޫ މޮނިޓަރިންގ ހާލަތަށް ގެނެސްފައި މިވަނީ އައްޑޫ ސިޓީގައި މިވަގުތު ހަލުވިކަމާއެކު މި ބަލި ފެތުރެމުންދާ ކްލަސްޓާއިން މީހަކާއި ޑައިރެކްޓް ކޮންޓެކްވެފައިވާތީ ނެގި ސާމްޕަލްގެ ނަތީއްޖާއަކުން ގދ. ތިނަދޫ މީހެއް ފައްސިވުމާއި ގުޅިގެން ސިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށެވެ.

މި މީހާއަކީ ގދ. ކާޑެއްދޫ އެއާޕޯރޓުގައި މަސައްކަތްކުރަމުންދާ ފިރިހެނެއް ކަމަށާއި މިވަގުތު މި މީހާ ވަނީ ހޯމް ކަރަންޓީންގައި ކަމަށް ގދ. ތިނަދޫ ކައުންސިލްގެ ރައީސް އަލީ އަމްޖަދު ވަނީ މަޢުލޫމާތު ދެއްވާފައެވެ. އޭވިއޭޝަން ކޮމާންޑުގެ ފަރާތުން ސ. ގަމުގައި ބޭއްވި ޓްރެއިންގ އަކަށް ގޮސްފައިވާ މި މީހާއާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ އިތުރު ފަރާތްތައް ބެލުމަށް ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދެއެވެ.

މީގެކުރިން 03 ފެބްރުއަރީގައި ގދ. ތިނަދޫ މޮނިޓަރިންގ ހާލަތަށް ގެނެސްފައި ވަނީ ސަރުކާރުގެ އެކި އެކި މުޙިއްމު ޚިދުމަތްތައް ދިނުމަށް ހުއްދަ ލިބިގެން ކުރު މުއްދަތަކަށް މާލެއިން އައިސް ތިނަދޫގައި ހުރުމަށްފަހު މާލެ ގޮސްފައިވާ ދެ ބޭފުޅެއް ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެންނެވެ. އަދި އެ ދެ ބޭފުޅުންގެ ކޮންޓެކްޓް ޓްރޭސިންގ ހެދުމަށްފަހު ޑައިރެކްޓް ކޮންޓެކްޓުން ގޮތުގައި ފާހަގަވެފައިވާ 18 ފަރާތެއްގެ ސާމްޕަލް ނަގައި، އެ ސާމްޕަލް ނައްސި ވެފައިވާތީ މޮނިޓަރިންގ ހާލަތު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް ނެތުމާއެކު 07 ފެބްރުއަރީގައި މޮނިޓަރިންގ ހާލަތު ވަނީ އުވާލާފައެވެ.