English Edition
Dhivehi Edition
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް

އައްޑޫސިޓީން ހޮނިހިރު ދުވަހު 3 ވަނަ މީހަކު ޕޮޒިޓިވް ވެ އޭނާއާއި ޑައިރެކްޓް ކޮންޓެކްޓް ވި އިތުރު 3 މީހުން އެކަހެރި ކޮށްފިއެވެ. މިމީހާ ޕޮޒިޓިވް ވެފައިވަނީ އައްޑޫސިޓީ ފޭދޫ ސިއްޙީ މަރުކަޒަށް ޑޮކްޓަރަށް ދައްކަން ދިއުމުން ކުރެވުނު ޓެސްޓުންކަމަށް ފޭދޫ ސިއްޙީ މަރުކަޒު މިވަގުތު ހިންގެވުމާއި ޙަވާލުވެ ހުންނެވި ޒިއްމާދާރު ވެރިޔާ މުޙައްމަދު ސަޢީދު ވިދާޅުވިއެވެ. ސަޢީދު ވިދާޅުވީ އޭނާ ޑޮކްޓަރަށް ދެއްކީ ހުންއައިސްގެން ކަމަށެވެ.އޭނާއަކީ ފޭދޫ މީހެކެވެ.

މިމީހާ ޕޮޒިޓިވް ވުމާއި ގުޅިގެން އެމަރުކަޒުން އެމީހާ ބެއްލެވި ޑޮކްޓަރާއި އެސިސްޓެންޓާއި އަދި ރިސެޕްޝަންގައި ހުރި މުވައްޒަފު މިހާރުވަނީ އެކަހެރިކޮށްފައެވެ. އަދި މިމީހާއާއި ޑައިރެކްޓް ކޮންޓެކްޓް ވި ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ކުރަމުން ދާކަމަށް މަޢުލޫމާތު ލިބެއެވެ. ހޮނިހިރު ދުވަހު 3 މީހަކު އައްޑޫސިޓީން ޕޮޒިޓިވް ވެފައިވާއިރު މިމީހުންނާއި ޑައިރެކްޓް ކޮންޓެކްޓް ވެގެން މިހާތަނަށް 30 އަށްވުރެ ގިނަ މީހުން އެކަހެރި ކުރެވިފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މިއަދު އައްޑޫސިޓީން ފްލޫ ކްލިނިކަށް ދެއްކި 2 ދިވެއްސަކު ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން އެޗްޕީއޭއިން ވަނީ އައްޑޫ ސިޓީ މޮނިޓަރިން ގެ ޙާލަތަށް ގެނެސްފައެވެ. އައްޑޫސިޓީގެ ހުޅުދޫއާއި މީދޫއިންވެސް އިއްޔެއާއި ހަމަޔަށް 24 މީހުންވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މިއެންމެންނަކީވެސް އެމްޓީސީސީގައި މަސައްކަތް ކުރާ ބިދޭސީންނެވެ.