English Edition
Dhivehi Edition
އައްޑޫސިޓީގެ މޭޔަރ އަބްދުﷲ ޞާދިގް

އަބަދުވެސް އައްޑޫ ސިޓީގެ ތަރައްޤީއާއި ގުޅޭ ކޮންމެ ވާހަކައެއްގައިވެސް އެންމެ އަޑުހަރުކޮށް ދެކެވޭ އެއް ވާހަކައަކީ ކުރީގެ ސަރުކާރުން އައްޑޫ ސިޓީ ކައުންސިލަށް ދީފައިވާ ބާރުތައް ނަގާފައިވާ ވާހަކައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެން އެމަނިކުފާނުގެ ސަރުކާރުން ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމު ކަފުންކޮށް ވަޅުލާފައިވާ ވާހަކަތެކެވެ. 2017 ގައި ބޭއްވި ކައުންސިލް އިންތިހާބުގައި އައްޑޫގެ ހުރިހާ ގޮނޑިއެއް އެމްޑީޕީއިން ކާމިޔާބުކުރިއިރު، އިންތިހާބު ކާމިޔާބުކުރެވުނު މެމްބަރުންނަށް އައްޑޫގެ ތަރައްޤީއަށްޓަކައި މަސައްކަތްކުރާނެ ފުރުސަތެއް އޭރުގެ ސަރުކާރުން ނުދިން ވާހަކައާއި އެކު އައްޑޫގެ ރައްޔިތުންގެ ނުރުހުން ސަރުކާރަށް އަމާޒުވެގެން ދިޔައެވެ. އައްޑޫއަށް އޭރުގެ ސަރުކާރުން ބޮޑުތަނުން އިހުމާލުވެފައިވާކަމަށް ބުނެ އައްޑޫ ރައްޔިތުންގެ ފުރިހަމަ ތާއީދާއި އެކު އެމްޑީޕީ ވެރިކަމަށް އައީ ވަރަށް ގިނަ ވައުދުތަކާއި އެކުގައެވެ. އައްޑޫގެ ތަރައްޤީއަށް ރައްޔިތުން ދެކެމުންދިޔަ ހުވަފެންތަކުގައި ހަގީގީ ކުލަޖައްސައިދިނުމަށް އައްޑޫ ސިޓީ ކައުންސިލާއި އެކު މަސައްކަތްކުރާނެ ވެރިކަމެއް ރައްޔިތުން ގެނައީ ހަގީގަތުގައިވެސް ބަދަލަކަށް ބޭނުންވާތީއެވެ.

2018 ގެ އިންތިހާބު އެމްޑީޕީ އާއި ގުޅިފައިވާ ކޯލިޝަނުން ކާމިޔާބުކުރުމާއެކު ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ހުރިހާ ބާރެއް ކައުންސިލްތަކަށް ދިނެވެ. ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ މައިގަނޑު ބޭނުމަކީ ރައްޔިތުންނަށް ގާތުން ޚިދުމަތް ލިބޭނެ ގޮތް ހަމަޖައްސައިދިނުމެވެ.ލާމަރުކަޒީ ނިޒާމުގެ ބޭނުމަކީ ހަމައެކަނި މާލެއަށް ހުރިހާ ބާރެއް އެއްވެފައިވާ އެއްވުން ނައްތައިލައި ރައްޔިތުންނާ ގާތުން ރައްޔިތުންގެ ބަސް ހިމެނޭގޮތަށް އެސަރަހައްދެއް ނުވަތަ އެރަށެއް ތަރައްގީކޮށް ހިންގުމުގެ ފުރުސަތު ހޯދައިދިނުމެވެ. ރައްޔިތުންގެ ޚިޔާލު ހޯދައިގެން ރައްޔިތު މީހާ ރުހޭ ގޮތަށް ރަށުގެ ތަރައްގީ އާއި އިޖުތިމާއީ މަސައްކަތްތައް ކުރެވޭނެ މާހައުލެއް ހޯދައިދިނުމެވެ. ލާމަރުކަޒީ ނިޒާމުގެ ބޭނުމަކީ ނަފާވެރިކަން ރައްޔިތު މީހާ އަށް ހޯދައި ދިނުމެވެ. އެ ރަށެއްގެ މުއްސަނދިކަން އެ ރަށެއްގެ ރަށްވެހިން ރުހޭ ގޮތެއްގެ މަތިން އެންމެންނަށް އެއް ހަމައަކުން ލިބޭނެ އުސޫލެއް ގާއިމް ކޮށްދިނުމެވެެ .ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ގާނޫނު އަސާސީގައި ވަނީ ވަރަށް ބޮޑު އިސްކަމެއް ދީފަ އެވެ. މީގެ އެންމެ ބޮޑު އެއް ބޭނުމަކީ ރާއްޖޭގައި ހަރުދަނާ ޑިމޮކުރަސީއެއް ގާއިމްކުރުމެވެ. މިއީ ލާމަރުކަޒީ ނިޒާމު ރާއްޖެ އަށް ތައާރަފްކޮށް، ގާނޫނެއްގެ ދަށުން ލާމަރުކަަޒު ކުރުމުގެ މަގްސަދެވެ.

އެހެންނަމަވެސް މި ވެރިކަމަށް 2 އަހަރުވި އިރުވެސް ހިތާމައަކީ އެ ނިޒާމްގެ ފޮނި މީރުކަން އައްޑޫ ރައްޔިތުނަށް ނުލިބުމެވެ. ކުރިން ބުނަމުން ދިޔައީ އޭރު ވެރިކަމުގައި ތިއްބެވި އިސް ފަރާތްތަކުން އައްޑޫ ސިޓީގެ ރައްޔިތުން މާލެ ސަރުކާރަށް ބަރޯސާވެ، ރަށްރަށުގެ ކަންތައްތައްކުރުމަށްޓަކައި އާދޭސް ދަންނަވަން ޖެހޭވަރުކޮށްލިކަމަށެވެ، އެކަމަކު މިހާރުގެ ޖަވާބު ތަފާތެވެ. 2019 ވަނަ އަހަރު އޯގަސްޓް މަހު ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ދެކުނުގެ ކައުންސިލްތަކަށް އަމާޒުކޮށްގެން ބޭއްވި ލޯކަލް ގަވަމެންޓް ކޮންފަރެންސްގައި ބައިވެރިވެވަޑައިގެން މޭޔަރ އަބްދުﷲ ސޯދިގް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މާލީ ބާރުވެރިކަން ނެތި ކައުންސިލްތަކަށް، ރައްޔިތުންނަށް ބޭނުންވާ ކަންކަން ކުރުމަށް ވަރަށް ދަތި ކަމަށެވެ. ރައްޔިތުން ހޮޅު އަށީގައި ހަޓެއް ޖެހުމުން، ފަހު ދުވަހު ފުލުހުން ގޮސް އެ ހަޓު ނަގަން އެންގުމުން އެކަމާއި ގުޅިގެން ކައުންސިލަށް މައްސަލައެއް ހުށަހެޅިނަމަވެސް ދޭނެ ޖަވާބެއް ނެތް ކަމަށާއި، މިއީ ލާމަރުކަޒީ ނިޒާމެއް އޮންނަން ޖެހޭ ހަމައެއް ނޫންކަމަށް އޭރު ސޯބެ ވަރަށް އަޑުހަރުކޮށް ވިދާޅުވިއެވެ.

މި ވާހަކަތަކާއި މި ‘ބަހަނާ’ތަކާއެކު ކައުންސިލުން އެކިކަހަލަ ތަޖުރިބާ ދަތުރުތައް ކޮށް އެހެން ރަށްތަކަށް ކުރީގެ ސަރުކާރުންނާއި މި ސަރުކާރުން ގެނެސްފައިވާ ތަރައްޤީތައް ތަޖުރިބާ ކުރައްވަމުން ގެންދަވާއިރު މިއަދު އައްޑޫ ރައްޔިތުންނަށް މިވަނީ ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވީޑް19 ގެ ބިރުވެރި ހަގީގަތާއިވެސް ކުރިމަތިލާން ޖެހިފައެވެ، އައްޑޫ ސިޓީ ހުޅުމީދޫ އެމްޓީސީސީ ސައީޓުން ދެމީހަކު ކޮވިޑަށް ޕޮޒިޓިވްވި ދުވަހުވެސް ރައްޔިތުން ތިބީ މޭޔަރުގެ ބަހެއްގެ އިންތިޒާރުގައެވެ، މި ސިޓީގެ ހުރިހާ ޒިންމާތަކާއި ހަވާލުވެ ހުންނެވި އެންމެ އިސް ފަރާތުން ރައްޔިތުންނާއި މުހާތަބުކޮށް ދެތިން ބަހެއް ބުނެލާތޯއެވެ. އެހެންނަމަވެސް މޭޔަރުގެ ‘ބިޒީ ޝެޑިއުލް’ އިން އެކަަމަށް ވަގުތު ހުސްނުކުރެވިގެން އުޅެނިކޮށް ހުޅުދޫ މީދޫ އިން އިތުރު މީހުން ޕޮޒިޓިވްވެ އެރަށް މޮނީޓަރިންގެ ހާލަތަށް ގެންދިޔައީ ކުއްލިއަކަށެވެ. އެ ރަށުން ސިޓީގެ ގުޅިފައިވާ ރަށްތަކަށް ދަތުރުކުރި މީހުންނާއި ހަފްތާ ބަންދަށް ހުޅުމީދޫ އަށް ދަތުރުކުރި މީހުން އެ ތިބި ތަނެއްގައި ‘ތާށިވީއެވެ’ ކޮންމެ މީހަކުވެސް ދެން އަމަލުކުރަން ޖެހޭ ގޮތުގެ މަޝްވަރާ ހޯދުމަށް ކަމާއި ގުޅޭ އެކި ފަރާތްތަކުން ގުޅަމުން ދިޔައެވެ. މީޑިއާތަކުން ކެނޑިނޭޅި އެކި މުވައްސަސާތަކަށް ގުޅައި ސައްހަ މައުލޫމާތު ލިބޭތޯ މަސައްކަތްކުރިއެވެ. އެހެންނަމަވެސް ގިނަ ތަންތަނުން ފޯނަކަށް ޖަވާބެއް ނުދެއެވެ. ފޯނަށް ޖަވާބުދާރީވާ މަދު ތަނަކުންވެސް ‘ދޭނެ ރަގަޅު ޖަވާބެއް ނޭގިގެން’ އެހެން ކޮންމެވެސް ނަންބަރަކަށް ގުޅުމަށް އިރުޝާދުދެމުން ދިޔައެވެ، މި ހާލަތުގައި މޭޔަރަށްވެސް ގިނަ ބަޔަކު ގުޅިއިރު ‘ ޕްލީޒް ޓެކްސްޓް މީ އަކުން’ ނިންމާލައެވެ. ‘ޕްލީޒް ޓެކްސްޓް މީ’ މެސަޖަކީ މޭޔަރުގެ ފަރާތުން އާންމު ހާލަތްތަކުވެސް ގިނަ ބަޔަކަށް ލިބޭ ޖަވާބެއް ކަމުން ބައެއް މީހުންނަށް މިކަން ބޮޑު ކަމަކަށް ނުވެއެވެ.

އެހެންނަމަވެސް އައްޑޫ ސިޓީ އިން އިތުރު ތިން މީހުން ޕޮޒިޓިވްވި ހިސާބުން މޭޔަރުގެ ‘ޕްލީޒް ޓެކްސްޓް މީ’އަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މޭޔަރު ފޯނަށް ގުޅުމުން އަބަދުވެސް ފޮނުވާ މި މެސެޖުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުންތައް މިވަނީ އަމާޒުވެފައެވެ. 2020 ވަނަ އަހަރު ލޮކްޑައުންގެ ހާލަތުގައިވެސް އަދި އޭގެ ކުރިންވެސް އައްޑޫ ރައްޔިތުންނަށް ޖަވާބުދާރީވުމުގެ ގޮތުން ފޮނުވާ މި މެސެޖާއެކު މޭޔަރުގެ ދައުރު ހަމަވެފައިވާއިރު މިއީވެސް ލާމަރުކަޒީ ނިޒާމުގެ ހަގީގީ ބާރު ކައުންސިލަށް ލިބިފައި ނެތުމުން ފޮނުވާ މެސެޖަކަށް ވެދާނެއެވެ.

 

 

ޓެގު