English Edition
Dhivehi Edition

ބަލިމަޑުކަމަކީ މީސްތަކުން އިމްތިޙާނު ކުރެވުމަށްޓަކައި މާތް ﷲ ކުރިމަތި ކުރައްވާ ކަންތައް ތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި އެކަލާނގެ އަޅުތަކުން އިމްތިޙާން ކުރައްވަނީ އެކަލާންގެ މަތިވެރިކަމާއި ކުޅަދުންވަންތަކަން ދެއްކެވުމަށް ކަމަށް ޚުތުބާގައި ވިދާޅުވެއްޖެއެވެ.

ކޮވިޑް 19 ގެ ބަލިމަޑުކަމާއި ގުޅުވައިގެން މިއަދުގެ ހުކުރު ޚުތުބާ އިއްވަވާފައިވާ އިރު ޚުތުބާގައި ވިދާޅުވެފައިވަނީ ބަލިމަޑުކަން ފަދަ މުސީބާތް ޖައްސަވަނީ އެކަލާނގެ އަޅުންގެ އީމާންކަމުގެ ތެދުވެރިކަމާއި އިޚްލާޞްތެރިކަން ބެއްލެވުމަށް ކަމަށާއި މުސްލިމުންނާއި ކުރިމަތިކުރައްވާ އިމްތިޙާން ތަކާ ކުރިމަތިލާން ވާނީ ﷲ ކަނޑައަޅުއްވަވާފައިވާ މަންހަޖާއެއްގޮތް ވާ ގޮތުގެ މަތިން ކަމަށެވެ.

އެގޮތުން ބަލިމަޑުކަމެއް ނަމަ ބޭސްފަރުވާ ކޮށްގެންކަމަށާއި އަދި ބައްޔެއް ފެތުރެމުން ދާ ނަމަ އެބައްޔަކުން ރައްކައުތެރިވުމަށް ބޭނުންވާ ވެކްސިނާއި ރައްކައުތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅު އަޅައިގެންކަމަށެވެ. ހަމައެއާއެކު އާންމު ސިއްޙަތާއި ބެހޭ ގޮތުން ދޭ އިރުޝާދު ތަކަށް ތަބާވެގެން ކަމަށެވެ.

“އޭރުން ކީރިތި ﷲ ބަރަކާތް ލައްވާނެ. އޭރުން މާތް ﷲ އަޅަމެންގެ ގައިގައި ސިއްޙަތާއި ދުޅަހެޔޮކަމުގެ ފޭރާން ލައްވާނެ. ތިޔަބައިމީހުން އެކަލާންގެ ރަޙްމަތުން ނާއުއްމީދު ވެސް މާޔޫސް ނުވާށެ. އެންމެހައި ބަލިތަކަށް ޝިފާ ދެއްވަނީ މާތް ﷲ” ޚުތުބާގައި ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ކޮވިޑް 19 ގެ ހާލަތު ދަނީ ގޯސްވަމުން ކަމަށާއި ބަލިޖެހޭ މީހުންގެ އަދަދު އެއްދުވަހުން އަނެއް ދުވަހަށް އަދަދު މަތިވަމުން ދާއިރު މިކަމުން އަރައިގަތުމަށް ކަމާ ބެހޭ ފަރާތްތަކުން އަންގާ އެންގެވުން ތަކަށް އިޙްތިރާމް ކުރުމަށް ޚުތުބާގައި ގޮވާލައްވަވާފައިވެއެވެ.

“ވެކްސިން ދިނުމަކީ މިކަމުން މުޅި މުޖުތަމައު ސަލާމަތް އޮތް ސަބަބެއް ކަމުގައި ސިއްހީ މާހިރުން ގެންދަވަނީ ލަފާދެއްވަމުން. ގައުމީ ފެންވަރުގައި ފަށާފައިވާ ވެކްސިން “ދިފާއު” ޕްރޮގްރާމު ފުރިހަމަ ކުރުމަށް ޑަކްޓަރުންނާއި ކަމާބެހޭ އިދާރާ ތަކުން ދަނީ ބާރު އަޅުއްވަމުން. އިސްލާމް ދީން ގޮވާލަނީ ތިމާ ބަލިތަކުން ރައްކާތެރިވެ އަނެކުން ވެސް ބަލިތަކުން ރައްކާތެރިކުރުމަށް” ޚުތުބާގައި ވެއެވެ.

މީގެ އިތުރުން ބޮޑު ބަލިމަޑުކަމެއް ޖެހުމުން މުސްލިމުން އަމަލު ކުރަން ވީ ގޮތާއި ޝަރުއީ ހަމަތައް ދެނެގަތުމަކީ މުހިއްމު ކަމެއް ކަމަށާއި އަދި ކެތްތެރިކަމާއެކު އަމަލުތައް ބެހެއްޓުމުން މުސްލިމުންނަށް ހުރިމަތިވެރި ދަރުމަ އާއި ސަވާބު ގެ ވާހަކަ ޚުތުބާގައި ވަނީ ފާހަގަ ކުރައްވަވާފައެވެ.