English Edition
Dhivehi Edition

މިދިޔަ އަހަރަށް މަޖިލީހުން ފާސްކުރި ދައުލަތުގެ ބަޖެޓުގެ ޖުމްލަ ޚަރަދަކީ، 37.9 ބިލިއަން ރުފިޔާކަން ފާހަގަކޮށް ކޯވިޑުގެ ތެރޭގައި އިޤްތިޞާދީ ޙަރަކާތްތައް ހުއްޓުމާ ގުޅިގެން، ސަރުކާރުގެ މާލީ ސިޔާސަތު ތަންފީޒުކުރުމުގައި، ޚަރަދު ކުޑަކުރުމަށް ވަރަށް ބޮޑަށް އިސްކަންދީފައިވާނެކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19ގެ ސަބަބުން ނިސްބަތުން އިޤްތިޞާދީ އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ޤައުމަކީ ދިވެހިރާއްޖެކަން ފާހަގަކޮށް ކޯވިޑުގެ ޚަރަދުތަކާ އެކު، މިދިޔަ އަހަރު ނިމުނުއިރު ހިނގި ޖުމްލަ ޚަރަދަކީ 28.5 ބިލިއަން ރުފިޔާކަމަށް ރައީސް ވިދާޅުވިއެވެ.

މިއަދު މަޖިލީހުގައި ރަޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ ކޮވިޑް19 ގެ ސަބަބުނ އިޤްތިޞާދު ހީނަރުވެގެން ދިޔުމުން، މުވައްޒަފުންނަށް މުސާރަ ދިނުމާއި، ދިރިއުޅޭ ތަނުގެ ކުލި ދެއްކުމާއި، ބިލުތައް ދައްކާނެ ގޮތާމެދު، ވިޔަފާރިވެރިންނާއި ޢާންމު ރައްޔިތުން ކަންބޮޑުވެ، ހާސްވާނެ މިންވަރު އެ މަނިކުފާނަށް ވަޒަންކުރެވޭކަމަށެވެ. އަދި ރައްޔިތުންގެ ޙާލަތު އެގޮތަށް ދޫކޮށްލި ނަމަ، އަދި އިޤްތިޞާދުގެ ދިރުންކަމުގައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އެޙާލަތަށް ދޫކޮށްލި ނަމަ، މުޅި ޤައުމަށް ކުރިމަތިވާނެ ގެއްލުން ވެސް އެމަނިކުފާނަށް އަންދާޒާކުރެވޭކަމަށެވެ.

ކޮވިޑް19 ގެ އެ ދަތި ޙާލަތުން އަރައިގަތުމަށް، ގޭގައި ކޭކު އަޅާ މީހާއިން ފެށިގެން، ރެސްޓޯރެންޓް ހިންގާ މީހުންނާ ހަމައަށްވެސް، ދިވެހި މަސައްކަތްތެރިން ކުރި ބުރަ މަސައްކަތާއި، ދެއްކި ހިތްވަރު އެ މަނިކުފާނަށް ފެނުނުކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވިސްނުމަކަށްވީ، މި ވިޔަފާރިތައް ހަލާކުވިޔަނުދީ ހިފަހައްޓައިދިނުންކަމަށެވެ. އަދި އެ މަނިކުފާނުގެ ވިސްނުމަކަށްވީ ވަޒީފާއަށް އަސަރުކުރި މީހުންނަށް، ޙާލުގައި ނުޖެހި ދިރިއުޅުމުގެ ކަންކަން ހަމަޖެއްސޭނެ ގޮތެއް ހޯދައިދީ ޢާއިލާތަކަށް އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށްދިނުކަމަށް ރައީސް ވިދާޅުވިއެވެ

އެގޮތުން، ކަރަންޓާއި ފެން ބިލުތަކުން 117 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ޢަދަދެއް ކަނޑައިލަދީފައިވާކަމަށާއި ސަރުކާރުގެ ރިލީފް ޕެކޭޖްގެ ތެރެއިން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި، އަމިއްލަ މަސައްކަތްކުރާ މީހުންގެ އިތުރުން، ދިވެހިންގެ ވަޒީފާތައް ރައްކާތެރިކުރުމަށް ޝަރުތުކޮށް، ބޮޑެތި ވިޔަފާރިތައްވެސް ހިމެނޭ ގޮތަށް، 1 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އިތުރަށް ރައީސް ވިދާޅުވީ ހައުސިންގ ލޯނުތަކަށް ލުއި ދީ، މަތީ ތަޢުލީމަށް ދޫކޮށްފައި ހުރި ލޯނުތައް ދައްކަންޖެހޭ މުއްދަތުވެސް ފަސްކޮށްދީފައިވާނެކަމަށާއި މީގެ އިތުރުން، ޓޫރިޒަމަށް ދޫކޮށްފައި ހުރި ބިންތަކާއި ރަށްތަކުގެ ބިމުކުލި ދެއްކުން ވެސް 6 މަސްދުވަސް ފަސްކޮށްދީފައިވާނެކަމަށެވެ އަދި ކޯވިޑުގެ ސަބަބުން ރާއްޖެ ނާދެވި، 15 ޤައުމެއްގައި ތިބި ދިވެހިންގެ ތެރެއިން 2421 ދިވެހިން އަނބުރާ ރާއްޖެ ގެނެސްދީފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން:-

  • ކޯވިޑް-19ގެ ސަބަބުން ވަޒީފާ ގެއްލުނު މީހުންނަށް އާމްދަނީގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، މިދިޔަ ޑިސެންބަރު މަހުގެ ނިޔަލަށް، 17147 މީހަކަށް، 221 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދީފައިވޭ،
  • މިއަހަރުގެ ތެރޭގައިވެސް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް ސަރުކާރުން ނިންމާފައިވާއިރު އެކަމަށްޓަކައި މިއަހަރުގެ ބަޖެޓުގައި 400 މިލިއަން ރުފިޔާ ކަނޑައަޅާފައިވޭ
  • ކޮންސްޓްރަކްޝަން ދާއިރާއަށް ވެސް، ކޯވިޑުގެ ދަތިކަމުގެ ތެރޭގައި ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބުމާއި ގުޅިގެން މިއީވެސް ވަރަށް ގިނަ ބަޔަކު ޙިއްޞާވާ އަދި ވަރަށް ގިނަ ބައެއްގެ އާމްދަނީއާ ގުޅިފައިވާ ދާއިރާއަކަށް ވާތީ، ކޯވިޑްގެ ތެރޭގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް، މިދިޔަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް، ކޮންސްޓްރަކްޝަން ދާއިރާގެ 240 ފަރާތަކަށް 95 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވޭ
  • ޚަރަދުތައް ކުޑަކޮށްގެން ރައްޔިތުންނަށް ޚިދުމަތް ދެމުން މިއައީ، ސިވިލް ސަރވިސްގެ އެންމެ މުވައްޒަފެއްގެ މުސާރަވެސް އުނިނުކޮށް، އަދި އެންމެ މުވައްޒަފަކުވެސް ވަޒީފާއިން ވަކިކޮށްފައިނުވޭ ސަރުކާރުން ފޯރުކޮށްދިން އެހީތެރިކަމުގެ ސަބަބުން، އެތައް ދިވެހިންނެއްގެ ވަޒީފާ ސަލާމަތްކުރެވުނު. ކުދި އަދި ބޮޑެތި ވިޔަފާރިތައް ބަނގުރޫޓުނުވެ ހިންދެމިލާނެ ފުރުޞަތު ލިބުނު. ޢާއިލާތަކާއި ގޭބީސީތަކަށް ރައްކާތެރިކަން ލިބުނު.