English Edition
Dhivehi Edition

ތާރީޚުގައިވެސް މިއަދު ދިވެހިން މިދެކޭ ފިތުނަވެރިކަމާއި ފަސާދަ މިމިންވަރަށް ފެނިފައިއޮތުމަކީ ނާދިރުކަމެކެވެ. ‘ނަފްސީ ނަފްސީ’ ގެ ތަތްގަނޑު އަހަރެމެން އެންމެންގެ ސިކުނޑީގައި ބިންވަ ޅުނެގިފައިވާ ފަދައެވެ. ޚިދުމަތްތެރީން، ދަރުމަވެރީން، އަދި މަސައްކަތްތެރީންވެސް އެއީ ކޮންމެފަދަ ދާއިރާއަކުން ކުރިއަށްދާ ބަޔަކު ކަމުގައިވިޔަސް، އިޙްތިރާފިއްޔަތުގެ ކަންފުޅެއްވެސް މިއިން އެއްވެސް ބައެއްގެ ކިބައިގައި ވާތަނެއް ނުފެނެއެވެ. އަފްރާދުންގެ ޚިދުމަތްދާރުން އިޚްލާޞްތެރި މިވަނީ ގިނައިން ބައިއެޅި ބަޔަކަށެވެ. މިއީ ހޮޅިވާހަކައެއްތޯއެވެ؟ ނޫނީ ދޮގެއްތޯއެވެ؟

އިޖްތިމާޢީ ޚިދުމަތަކީ މުޖްތަމަޢުގެ ލާބައާއި މަންފާއަށް، އިޚްލާޞްތެރި މަސައްކަތްތަކެއް ކޮށްދިނުމުގެ ބޭނުމުގައި ރާއްޖޭގައިވެސް ވަރަށް ފޯރިއާއިއެކު ގިނަބަޔަކު އެކަމެއްގައި މަޝްޢޫލުވާ ފުޅާ ދާއިރާއެކެވެ. ހިތާމަޔަކީ އިޖްތިމާޢީ ޚިދުމަތްތެރީންގެ ތެދުވެރި ނިޔަތް ގަޑުބަޑުވެ، ދިވެހިން ނުލާހިކު ފަރިތަ ‘ދީމިޤްރާތީ’ ސިޔާސީ ނިޒާމުގެ އަވައިގައި ނަފްސު ވިއްކާލެވޭ މަންޒަރު މިހާރަކަށް އައިސް ގިނަވެފައިވާތީއެވެ. މުޖްތަމަޢުގެ ކުރިއަށް ނަފްސު އިސްވުމުން އިޚްލާޞްތެރިކަމާއިމެދު ސުވާލުއުފެދުނީއެވެ. އިޖްތިމާޢީ ޚިދުމަތުގައި ދޮޅުމަސްދުވަސް އުޅެލުމުން ރައީސުލް ޖުމްޙޫރިއްޔާކަމަށް ކުފޫ ހަމަވީތޯއެވެ؟ އިޖްތިމާޢީ ޚިދުމަތްކުރަންވީ މަޝްހޫރުވެ ބާރު ހޯދަންކަމަށް ހެއްޔެވެ؟ ދަރުމަވެރިވަނީ މާލުވެރިކަން އެދި ނިޔަތްގަނެގެން ހެއްޔެވެ؟ އެހެންކަމަށް ވާނަމަ ތިއީ ގޯހެކެވެ. އައު ވިސްނުމަކުން އަލުން ފަށާށެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ކައިރިވާ ވަރަކަށް އިޖްތިމާޢީ ޚިދުމަތުގައި ‘ނަމޫނާ’ ދައްކައި، ގިނަ ފޮޓޯތަކަށް ބަޔަކުމީހުން އަރަމުންދާތަން މިހާރުވެސް އެބަފެނެއެވެ. ބޭނުމަކީ ކޮބައިތޯއެވެ؟ ސަދަޤާތްދޭން މިދަނީ ކެނޮން ބްރޭންޑްގެ އީ.އޯ.އެސް އާރު.6 ކެމެރާއެއް ކަރުގައި އެލުވައިގެންނެވެ. ބޭނުމަކީ ކޮބައިތޯއެވެ؟ މީސްމީޑިއާގެ އެކި ޕޭޖްތަކާއި ވާހަކަފަތުރާ ވަޞީލަތްތަކުގެ އެހީގައި އައު މީހަކު އުފަންކޮށް، ބަލައިބޮޑުކޮށް، ހުރިހާގޮތަކުން ފުރިހަމަ ޚާދިމެއް ޢާންމު ފަރުދުންނަށް ދައްކަން ގަދައަޅައި މަސައްކަތް އެބަކުރެވެއެވެ. ބޭނުމަކީ ކޮބައިތޯއެވެ؟ ވެރިކަންކުރަން، ބާރު ހޯދަން، ނުހައްޤުން އަނިޔާކުރަން، ވަކިބައެއްގެ މަސްލަހަތު ހިމާޔަތްކުރަން އިޚްލާޞްތެރި އިޖްތިމާޢީ މަސައްކަތްތެރީންނާއި ދަރުމަވެރީންގެ ޚިދުމަތުގެ އަގު ވެއްޔާއި މޮޑެނުލާށެވެ. ޤާބިލުކަން ވަޒަންކުރުވަންވީ ހާޖަތްތެރި ޢާންމުންގެ އިޙްސާސްތަކާއިކުޅެ އެމީހުން އޮޅުވާލައިގެންނެއްނޫނެވެ.

ވޯޓު ހޯދަން ތަންތަނަށް ދާއިރު ފޮޓޯތަކަކާއި ހުސް ވާހަކަތަކެއް ދެއްކުމުގެ ބަދަލުގައި ޢަމަލުން ތިމަންނާގެ ޤާބިލުކަން ސާބިތުކޮށް ދޭނެނަމައޭ އަހަރެންގެ ހިތަށް އަރައެވެ. މިސާލަކަށް ކެމްޕެއިންކުރުމުގެ ޙަރަކާތްތަކަށް ބަލާލަމާ ހިނގާށެވެ. ގޭގެއަށް އޮޅިހަދައިގެން ވަދެނިކުމެ ހަދާއިރު އެންމެ ކުޑަމިނުން ކޮވިޑް 19 އިގެ މިނުރައްކާތެރި ވަބާއިން މިންޖުވުމަށް ކަމާއިބެހޭ ވުޒާރާތަކުން ދީފައިވާ އިރުޝާދާއި އެއްގޮތަށް ޢަމަލުކުރަނީ ކާކު ހެއްޔެވެ؟ އެހެންވީމާ 2 މަސް ފަހުން ދާއިރާގެ ރައްޔިތުންނަށް އިރުޝާދު ދީ ޢަމުރުކުރާއިރު ފަސްބައިގައި ހޭވިފައިހުރި ނަޖިސް ޔަޤީނުންވެސް ނުފެންނާނެކަން މިހާރު އަހަރެމެންނަށް ޔަޤީނެވެ. މިއަދު ޢަމަލުގައި ނެތް އިޚްލާޞްތެރިކަމެއް މާދަމާވެސް ނުހުންނާނެވެ.

އެޑިޓަރުގެ ނޯޓު: މި ލިޔުމަކީ މި ނޫހަށް އަހްމަދު ވަހީދު ލިޔެފައިވާ ލިޔުމެކެވެ.