English Edition
Dhivehi Edition

ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ހަރަކާތްތެރިވާ ސިއްހީ ހިދުމަތްތެރިންނަށް ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދޭން ފަށައިފިއެވެ.

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ސިއްހީ ހިދުމަތްތެރިންނަށް ވެކްސިން ދޭން ފަށާފައިވަނީ މިއަދު ހަވީރު ތިނަދޫ ކޮވިޑް ފެސިލިޓީގައެވެ. މި ފެސިލިޓީގައި މިހާރު ވެކްސިން ދިނުމުގެ މަސައްކަތް ފަށާފައިވާއިރު އެންމެ ފުރަތަމަ ވެކްސިން ދީފައިވަނީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ކޮންސަލްޓަންޓް އިން އޯތޮޕެޑިކްސް އެންޑް އިންޗަރޖް އޮފް މެޑިކަލް ޑިޕާޓްމަންޓް ޑރ. އާޒިމް އަށެވެ.

ތިނަދޫގައި އެންމެ ފުރަތަމަ މި ވެކްސިން ދޭނީ ބަލީގެ ނުރައްކާ އެންމެ ބޮޑަށް އޮތް މީހުންނަށް އިސްކަން ދީގެން، ކަނޑައަޅާފައިވާ އިންތިޒާމުގެ ތެރެއިން ފްރޮންޓްލައިނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށެވެ. މިގޮތުން މިއަދު އެ ހޮސްޕިޓަލުގެ 20 މުވައްޒަފަކަށް ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ކަމަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މެނޭޖަރު، އަހުމަދު ސައީދު މަޢުލޫމާތުދެއެވެ.

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މުވައްޒަފުންނަށް ދޭން އެޗް.ޕީ.އޭ. އިން ފޮނުވި ވެކްސިންތައް މިއަދު އެ ހޮސްޕިޓަލަށް ލިބިފައިވަނީ ހެނދުނުގެ ވަގުތެއްގައެވެ. މިގޮތަށް ކޮންމެ ދުވަހަކުވެސް ވައިގެ މަގުން ވެކްސިން ލިބޭނެ ކަމަށާއި މިއަދުން ފެށިގެން ޝެޑިއުލް ކުރެވިގެން ވެކްސިން ދިނުމުގެ ކަންކަން ކުރިއަށްދާނެ ކަމަށްވެސް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.

އޮކްސްފޯޑް ޔުނިވަރސިޓީއާއި އެސްޓްރާޒެނެކާ ގުޅިގެން އުފައްދާފައިވާ، ކޮވިޝީލްޑް ވެކްސިންގެ އެއް ލައްކަ ޑޯޒް އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކޮށްފައި ވަނީ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު އެވެ. ކޮވިޝީލްޑް އަކީ ރައްކާތެރިކަމާއި ނަތީޖާ ރަނގަޅުކަމަށް ތަހުލީލުތަކުން ދެނެގަނެފައިވާ ވެކްސިނެކެވެ.