English Edition
Dhivehi Edition

ރާއްޖޭގެ ސިއްހީ ހިދުމަތްތެރިންނަށް ކޮވިޑް-19ގެ ވެކްސިން ދޭން ފެށުމުން ޔުނިސެފުން އެކަން ފާހަގަކޮށް މަރުހަބާ ކިޔައި، ސިއްހީ ހިދުމަތްތެރިންނަށް ޝުކުރު އަދާކޮށްފި އެވެ.

ރާއްޖޭގައި ހުންނަ ޔުނިސެފުގެ އޮފީހުން އިއްޔެ ކުރި ޓްވީޓެއްގައި ބުނެފައިވަނީ ހެލްތު ޕްރޮފެޝަނަލުންނަށް ވެކްސިން ދޭން ފެށުމުން ޝުކުރުއަދާކުރާ ކަމަށާއި އެއީ ކާމިޔާބީއެއް ކަމަށެވެ.

ކޮވިޑް-19 އަށް ވެކްސިންދިނުމުގެ ޕްރޮގްރާމް ރާއްޖޭގައި އިއްޔެ ފަށާފައިވާއިރު، ރާއްޖޭގައި އެމެޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ ދީފައިވާ ކޮވިޝީލްޑް ވެކްސިނާ މެދު އިތުބާރު އެބައޮތް ކަމަށް ރައީސުލް ޖުމުހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ރައީސް ޞާލިޙް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުރުން އުއްތަމަ ފަނޑިޔާރު މުޢުތަސިމް އަދްނާން ވެސް ވަނީ ިއއްޔެ ވެކްސިން ޖައްސަވާފައެވެ. އަދި ސަރުކާރުގެ ބައެއް މިނިސްޓަރުން ވެސް ވަނީ ވެކްސިން ޖައްސަވާފައެވެ. މީގެ އިތުރުން ސިއްޙީ ޚިދުމަތްތެރިންނާއި ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކާއި ހައި ރިސްކު ބައެއް ފަރާތްތަކުން ވެސް މި ވެކްސިން ޖަހާފައިވާ އިރު، މިކަމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ވެކްސިނާ މެދު އޮންނަ އިތުބާރު އިތުރުވެގެންދާނެއެވެ.

ކޮވިޑް-19 އަށް ވެކްސިންދިނުމުގެ ޕްރޮގްރާމް ރާއްޖޭގައި ފަށާފައިވާއިރު، މާލޭގެ އިތުރުން އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގައި ވެސް ވަނީ ވެކްސިން ދޭން ފަށާފައިއެވެ.