English Edition
Dhivehi Edition

ރާއްޖޭގެ ކޮވިޑް ވެކެސިން ދޭން ފެށި ފުރަތަމަ ދުވަހު ވެކްސިން ޖެހި މީހުންގެ އަދަދު 282 އަށް އަރާފައިވާ ކަމަށް ހެލެތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ވިދާޅުވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ ވެކްސިން ދިނުން ކުރިއަށް ގެންދިޔައީ ޖުމްލަ އަށް މަރުކަޒެއްގައި ކަމަށާއި އެއީ މާލޭގެ ހަ މަރުކަޒަކާއި އަތޮޅުތަކުގައިވާ ދެ މަރުކަޒެއްގައި ކަމަށެވެ. ވެކްސިންގެ ފުރަތަމަ ދުވަހު އައްޑޫ ސިޓީއާއި ކުޅުދުށްފުށީ ސިޓީގައި ކޮންމެ ސިޓީއަކުން 30 މީހުންނަށް ވަނީ ވެކްސިން ދީފައެވެ.

ރާއްޖޭގައި ކޮވިޑުން ދިފާއުވުމަށް ވެކްސިން ދޭން ފެށުމުގެ ގޮތުން، ފުރަތަމަ މި ވެކްސިން ޖެއްސެވީ ހުޅުމާލެ މެޑިކަލް ފެސިލިޓީއާއި ހަވާލުވެޑައިގެން ހުންނެވި އައިޖީއެމްއެޗްގެ ޑޮކްޓަރ ޑރ. ޝިރާނީ އަބްދުއްރަހީމްއެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރަައީސް މުހައްމަދު ނަޝީދު އަދި އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނު ވަނީ ވެކްސިން ޖައްސަވާފައެވެ

މީގެ އިތުރުން ޕްރަންޓްލައިންގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ސިއްހީ އޮފިޝަލުންނާއި ކެއަރ ވޯކަރުން ހިމެނއެވެ. މީގެތެރޭގައި ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުން ހިމެނެއެވެ.

ވެކްސިން ޕްރޮގްރާމް ފައްޓަވާދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ހަމަހުގެ ތެރޭގައި ރާއްޖޭގައި މި ވެކްސިން ޖަހަންޖެހޭ އާބާދީއަށް އެއްކޮށް ވެކްސިން ދީ މި ބަލިން އަރައިގަތުންކަމަށެވެ.

އިންޑިއާ އިން ރާއްޖެ އަށް ވެކްސިން ހަދިޔާކުރީ 50،000 މީހުންނަށް ޖެހޭ ވަރަށެވެ. މީގެ އިތުރުން ޑަބްލިއުއެޗްއޯ އިން ރާއްޖެ އަށް ދޭ ވެކްސިނާއި ސަރުކާރުން ގަންނަ 700،000 ޑޯޒު ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް މިއަދު ވިދާޅުވި އެވެ.