English Edition
Dhivehi Edition

މުޅި އައްޑޫސިޓީއަށް ފުލުހުންގެ ޚިދުމަތް ލިބެއެވެ. އެއީ އުފާކުރަންޖެހޭ ކަމެކެވެ. އެހެންނަމަވެސް ހިތަދުއަކީ ބިމުގެ ގޮތުންނާއި އާބާދީގެ ގޮތުން ސިޓީގެ އެންމެ ބޮޑު އަވަށެވެ. ހިތަދޫ ޕޮލިސް ސްޓޭޝަން ފިޔަވައި އެހެން ދިމާއެއްގައި ޕޮލިސް ޗެކްޕޯސްޓެއްވެސް އެ އަވަށަކު ނެތެވެ. އޮޑައްސަލި ސަރަހައްދަކީ ހިތަދޫ ޕޮލިސް ސްޓޭޝަނާ ދުރު ސަރަހައްދެކެވެ. އެސަރަހައްދުގައި ކަމެއް ނުވަތަ ހާދިސާއެއް ހިނގައިފި ކަމަށްވާނަމަ ފުލުހުންގެ ޚިދުމަތް ލިބުން ލަސްވުމަކީ ދުރުކަމެއް ނޫނެވެ. އެހެންވީމާ އޮޑައްސަލި ސަރަހައްދުގައި ޕޮލިސް ޗެކްޕޯސްޓެއް ނަމަވެސް ގާއިމް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ބޭރުން ގެނެސް ރާވައިލެވޭ ޗެކްޕޯސްޓްތައް އެބަހުއްޓެވެ. ސީދާ މާލޭސިޓީގައިވެސް އެ ޒާތުގެ ޕޯސްޓްތައް ބޭނުން ކުރެއެވެ. އެހެންވީމާ އައްޑޫސިޓީގެ ރައްޔިތުންގެ ހިމާޔަތަށްޓަކައި އެފަދަ ޕޯސްޓެއް އޮޑައްސަލި ސަރަހައްދުގައި ގާއިމް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އަތުރާލެވޭ ޒާތުގެ ޗެކްޕޯސްޓްތައް އައްޑޫސިޓީ ފުލުހުންގެ އަތުގައިވެސް އެބަހުރި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ހުރިކަމަށްވާނަމަ އަވަހަށް ނެރެ އޮޑައްސަލި ސަރަހައްދުގައި ބަހައްޓަވައިދެއްވާށެވެ. ގައުކެނޑި ސަރަހައްދުގައި ކުރިން ބޭނުންކުރި ޗެކްޕޯސްޓް މަރާމާތު ކުރުމަށްފަހު ބޭނުން ކުރުމަށް ފުލުހުން ގެންދަނީ ތައްޔާރުވަމުންނެވެ. ފުލުހުންނާއި އައްޑޫސިޓީ ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ މި މަސައްކަތް ނިމެންވާއިރަށް އޮޑައްސަލި ސަރަހައްދުގައި ޗެކްޕޯސްޓެއް ބެހެއްޓިއްޖެ ކަމަށްވާނަމަ އެއީ އެސަރަހައްދުގެ މީހުންނަށް ލިބިގެންދާނެ ވަރަށްބޮޑު ފަސޭހައަކަށް ވެގެންދާނެއެވެ. މިކަމާ ގުޅިގެން އައްޑޫ ސިޓީ ކޮމާންޑަރު އިންސްޕެކްޓަރ އޮފް ޕޮލިސް ޖަމްޝީދު އަލީ ވިދާޅުވީ “އައްޑޫސިޓީ ޕޮލިހުން އަބަދުވެސް މަސައްކަތްކުރަނީ ވީހާވެސް އެންމެ އަވަހަކަށް ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދޭނެ އިންތިޒާމެއް ހޯދުމަށް،” ކަމަށެވެ. އުންމީދަކީ އެމަސައްކަތް ކާމިޔާބުވުމެވެ.