English Edition
Dhivehi Edition
ކޮވިޑް ވެކްސިނާއި އޭއީއެޗުން ހަވާލުވަނީ: ފޮޓޯ އިހްތިޝާމް

ކޮވިޑް-19 “ކޮވިޝީލްޑް”ވެކްސިން މިއަދު އައްޑޫސިޓީގައި ދޭން ފަށާނެ ކަމަށާއި އެންމެ ފުރަތަމަ ވެކްސިން ދެނީ ސިއްހީ ޚިދުމަތްތެރިންގެ ތެރެއިން ކުރީ ސަފުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކަމުގައި އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން (އޭއީއެޗް) ބުނެފިއެވެ.

މިއަދު ހެނދުނު އައްޑޫގައި ވެކްސިން ދޭން ފަށާއިރު އެންމެ ފުރަތަމަ ޑޯޒް ދިނުމަށް ހަމަޖެހިފައިވާ ޑޮކްޓަރުންނާއި ނަރުހުން، ޕަބްލިކް ރިލޭޝަންސް އަދި އެޓެންޑުން ހިމެނޭ ގޮތަށް 30 މުވައްޒަފަކަށް ވެކްސިން ދެވޭނެ ކަމަށް އޭއީއެޗުން ބުނެއެވެ. އަދި އެކަމަށްޓަކައި އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް ވެކްސިން ދިނުމަށް ވަކި ޚާއްޞަ ތަނެއް ތައްޔާރު ކުރެވި ވެކްސިން ދިނުމަށް ފަހު ކުރިމަތި ވެދާނެ ކަން ކަމަށް ވަނީ ތައްޔާރުވެފައި ކަަމަށް ވެސް އޭއީ އެޗުން ވަނީ ބުނެފައެވެ.

އައްޑޫ އަދި ކުޅުދުއްފުއްޓާއި މާލޭގައި ވެސް ދޭން ނިންމާފައި ވަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް-19 “ކޮވިޝީލްޑް” ވެކްސިނެވެ. އެ ވެކްސިނުގެ 100،000 ޑޯޒް އިންޑިއާއިން ވަނީ ރާއްޖެއަށް ހަދިޔާކޮށްފަ އެވެ. ކޮންމެ މީހަކަށް އޭގެ ދެ ޑޯޒް ދޭން ޖެހޭނެތީ އޭގެއިން ވެކްސިން ޖެހޭނީ 50،000 މީހުންނަށެވެ.

މާލެ ސަރަހައްދުގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ، އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލް އަދި ޓްރީޓޮޕް ހޮސްޕިޓަލްގައެވެ. އައްޑޫ ސިޓީގައި ވެކްސިން ދޭނީ އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލުންނެވެ. އަދި ކުޅުދުއްފުށީގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްއިންނެވެ.