English Edition
Dhivehi Edition

ރާއްޖޭގެ ފުލުހުންނަށް އިންޓަޕޯލްގެ ރިއަލްޓައިމް ކްރިމިނަލް އިންފޮމޭޝަން ޑޭޓާ ބޭސް، މާލެ އާއި އަތޮޅު ތެރޭގައި މަސައްކަތް ކުރާ ފުލުހުންނަށް ބެލޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ. އިންޓަޕޯލް މެދުވެރިކޮށް ކުށްވެރިންގެ މައުލޫމާތު މިހާރު ފުލުހުންނަށް ބަލާލެވޭނެއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ އިންފޮމޭޝަން މެނޭޖްމަންޓު ސިސްޓަމާއި އިންޓަޕޯލްގެ ރިއަލްޓައިމް ކްރިމިނަލް އިންފޮމޭޝަން ޑޭޓާ ބޭސްތަކާއި ގުޅާލާ މާލެ އާއި އަތޮޅު ތެރޭގައި މަސައްކަތް ކުރާ ފުލުހުންނަށް އިންޓަޕޯލްގެ ޓޭޑާ ބޭސްތައް ބެލޭގޮތަށް ހަމަޖެއްސެވުމުން ފްރަންޓް ލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އިންޓަޕޯލްގެ ޑޭޓާ ބޭސްގައި ހިމެނިފައިވާ މީހުންގެ މައުލޫމާތު ވަގުތުން ދެނެގަނެވޭނެކަމަށެވެ. އަދި އެ މީހުންނާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ފަސޭހަވެގެން ދާނެ ކަމަށެވެ. ހަމައެއާއެކު ބޭރު ގައުމު ތަކުގައި ކުށުގެ އަމަލުތައް ހިންގައި އެ ގައުމު ތަކުން ފިލައިގެން އުޅޭ މީހުން ދެނެގަނެ އެމީހުންނާ ގުޅޭ މައުލޫމާތު އެ ގައުމުތަކަށް ހިއްސާ ކުރުމުގެ ފުރުސަތު ވެސް ފަހިވެގެން ދާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ސިފަކުރާ ގޮތުގައި ޓެރަރިޒަމްގެ ނުރައްކަލުން ސަލާމަތް ވުމަށް ކުރެވޭ މަސައްކަތް ތަކުގައި މިފަދަ މައުލޫމާތު ފަސޭހައިން އެނގެން ހުރުމުން ފުލުހުންގެ މަސައްކަތްތަކަށް އިތުރު ކުރިއެރުމާ ފަސޭހަތަކެއް ލިބިގެން ދާނެއެވެ.

އިންޓަޕޯލް ޑޭޓާ ބޭސް އާއި ފުލުހުންގެ އިންފޮމޭޝަން ސިސްޓަމް ގުޅާލުމުގެ ފިޔަވަޅާ އެކު ކުރިއަށް އޮތް ތަނުގައި ދިވެހި ފުލުހުންނާއި ބައިނަލްއަގްވާމީ ފުލުހުންގެ އެހެން އިދާރާތަކާ މެދު މައުލޫމާތު ބަދަލު ކުރެވޭނެ އިތުރު ފަސޭހަ ނިޒާމެއް ގާއިމު ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

 

 

ޓެގު