English Edition
Dhivehi Edition

ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލުން ގދ. ތިނަދޫގައި ހަރަކާތްތެރިވާ ޖަމިއްޔާތަކުގެ ފޯރަމެއް ބާއްވައިފިއެވެ.

ގދ. ތިނަދޫގައި ރަޖިސްޓްރީވެ ހަރަކާތްތެރިވަމުންދާ ހުރިހާ ޖަމިއްޔާތަކަށް ދައުވަތު އަރުވައިގެން ކުރިއަށްގެންދިޔަ މި ފޯރަމްގެ މައިގަނޑު މަގްސަދަކީ ޖަމިއްޔާތަކުން ކުރާ މަސައްކަތްތައް ތިނަދޫ ކައުންސިލުން ދެނެގަނެ ދުރާލާ އެކަންތައްތަކަށް ކައުންސިލުން ވެދެވެން އޮތް އެހީތެރިކަމެއް ފާހަގަކޮށް ކައުންސިލުގެ އެއްބާރުލުމާއެކު ޖަމިއްޔާތަކުގެ ހަރަކާތްތައް ކުރިއަށްގެންދެވޭނެ މަގު ފަހިކޮށްދިނުމެވެ. މި ފޯރަމްގައި ޖަމިއްޔާތަކުން މި އަހަރު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަންތައްތައް ކައުންސިލާއި ޖަމިއްޔާތަކުން ވަނީ ހިއްސާ ކޮށްފައެވެ.

މިއަހަރު ތިނަދޫގެ ޖަމިއްޔާތަކުން ކުރިއަށްގެންދިއުމަށް ހުށަހަޅާފައިވާ ކަންތައްތަކުގައި ރަށު ކައުންސިލުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލުގެ ރައީސް އަލީ އަމްޖަދު ވަނީ މި ފޯރަމްގައި ބައިވެރިވި ޖަމިއްޔާތަކަށް ދެއްވާފައެވެ. އަދި މި އަހަރު ތިނަދޫގައި ހަރަކާތްތެރިވާ ޖަމިއްޔާތަކަށް އިދާރީ މަސައްކަތްކުރާނެ މާހައުލެއް ގާއިމުކުރުމަށް ތިނަދޫ ކޮމިއުނިޓީ ސެންޓަރުގެ ހޯލު ފަދަ ތަނެއް ހަމަޖެއްސުމަށް ކައުންސިލުގެ ވިސްނުން ހުރިކަމަށްވެސް ކައުންސިލުން ހާމަކުރިއެވެ.

މިއަދު ހެނދުނު 10:00 ގައި ތިނަދޫ ކައުންސިލުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްގެންދިޔަ މި ފޯރަމްގައި ޔޫތު އެގްޒެކެޓިވް މުޙައްމަދު ވިފާގު، ތިނަދޫ ކައުންސިލުގެ ރައީސް އަލީ އަމްޖަދު އަދި ތިނަދޫގެ 08 ޖަމިއިއްޔާއެއްގެ އިސްވެރިން ބައިވެރިވެފައިވެއެވެ.