English Edition
Dhivehi Edition
މިއަދު ހާފިޒް އަޙްމަދު ސްކޫލްގަިއ ކުރިއަށް ގެންދިޔަ ވޯކްޝޮޕްގެ ތެރެއިން: ފޮޓޯ ހާފިޒް އަޙްމަދު ސްކޫލް

ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ އިސްނެގުމާއެކު ފުވައްމުލަކު ސިޓީގެ ސްކޫލްތަކުގެ އޯލެވެލް ހަދާ ހުރިހާ ދަރިވަރުންނަށް އަމާޒުކޮށްގެން އެއްދުވަހުގެ ވޯރކްޝޯޕެއް ބާއްވައިފިއެވެ.

މިއަދު ހެދުނު 7:45 އިން ފެށިގެން ހަވީރު 4:00 އަށް ޙާފިޒް އަހްމަދު ސްކޫލުގެ ހޯލުގައި ކުރިއަށް ގެންދިޔަ މި ވޯކްޝޮޕްގައި ޏ.އަތޮޅު ތައުލީމީ މަރުކަޒު ފިޔަވައި ދެން ބައިވެރިވި ސްކޫލުތަކަކީ މުޅިން އަލަށް އޯލެވެލްގައި ބައިވެރިވާ 3 ސްކޫލްކަމަށްވާ ފުވައްމުލަކު ސްކޫލާއި ޙާފިޒު އަޙުމަދު ސްކޫލް އަދި މުޙައްމަދު ޖަމާލުއްދީން ސްކޫލެވެ.

މުޅި ޖުމުލަ 145 ދަރިވަރުން ބައިވެރިވި މި ވޯކްޝޮޕާ ބެހޭ ގޮތުން އޭއޯ ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ސަޢުދު ވިދާޅުވީ މި ވޯކްޝޮޕްގެ މައިގަނޑު މަޤުސަދަކީ މި އަހަރު ފުވައްމުލަކު ސިޓީއިން އޯލެވެލް ހަދާ ހުރިހާ ދަރިވަރުންގެ ގުޅުން ބަދަހިކޮށް އޯލެވެލްއަށް ތައްޔާރުކުރުން ކަމަށެވެ. މީގެ އިތުރަށް ސަޢުދު ވިދާޅުވެފައިވަނީ މި ވޯކްޝޮޕްގައި ޓައިމް މެނޭޖުމެންޓް، ރީޑިންގް އެކްޓިވިޓީސް، މެމޮރީ ޓެކްނީކްސް އަދި ތަފާތު ލާރނިންގް އެކްޓިވިޓީސްފަދަ ބައިތައް ހިމެނިގެންގޮސްފައިވާނެ ކަމަށާއި މި ވޯކްޝޮޕް ކުރިޔަށް ގެންދެވީ ޒިކުރާ ކޮލެޖްގެ ލެކްޗަރަރއިން އިތުރުން މިކަމުގެ ތަޖްރިބާކާރު ބޭފުޅުން ކަމުގައެވެ.

ކޮންމެ އަހަރަކުވެސް ޏ.އަތޮޅު ތައުލީމީ މަރުކަޒުން އޯލެވެލް ހަދާ ދަރިވަރުންނަށް ޚާއްސަކޮށްގެން ބާއްވަމުން އަންނަ ވޯރކްޝޮޕްތައް މި އަހަރުން ފެށިގެން ކުރިއަށް ގެންދާނީ ފުވައްމުލަކު ސިޓީގެ އޯލެވެލްގައި ބައިވެރިވާ އެހެން ސްކޫލުތަކާ ގުޅިގެންނެވެ.