English Edition
Dhivehi Edition

ނެޝަނަލް ޑްރަގް އެޖެންސީގެ ދަށުން ގދ.ތިނަދޫގައި ހިންގާ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުގެ މެނޭޖްމަންޓްއިން ތިނަދޫ އެންޖީ.އޯ.ސް ތަކާއި ބައްދަލު ކޮށްފިއެވެ.

ގދ.ތިނަދޫ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރ ސީނިއަރ ކައުންސެލަރ ޝިފާޒާ ‘އޭއޯ ނިއުސް’ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފަރުވާއަށް އަންނަން ބޭނުންވާ ކުދިން ގިނަ ކަމަށާއި، ނަމަވެސް އަންނަން ބޭނުންވާ ކުދިން ޖެހިލުންވާކަން ފާހަގަ ކުރެވޭ ކަމަށެވެ. އެފަދަ ފަރާތްތައް ހޭލުންތެރި ކޮށްދީ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރަށް އެކުދިން ގެނެވުމަށް އިސް ރޯލެއް ޖަމިއްޔާތަކަށް އަދާ ކޮށްދެވޭނެ ކަމަށް ޤަބޫލު ކުރައްވާކަމަށެވެ.

މީގެ އިތުރުން ފަރުވާ ނިންމާފައި ނުކުންނަ ކުދިންނަށް މުޖުތަމަޢުއަށް ނުކުންނަ ހިނދު އެކުދިންނަށް މުޖުތަމަޢު އާއެކު ކުރިއަށް ދެވޭނެ މަގު ފަހިކޮށްދީ، މުޖުތަމައުގައި އުޅޭ މީހުންނާއެކު ގާތް ގުޅުމެއް ބޭއްވޭނެ މަގުފަހި ކޮއްދީ އެން.ޖީ.އޯތައް މެދުވެރިވެ ފަރުވާއިން ނުކުންނަ ކުދިންނަށް ވަޒީފާގެ މާހައުލަށް ނެރެދީ ދިރިއުޅުމަށް ހިތްވަރެއް ހޯދާދެވޭނެ ކަމަށް ޤަބޫލް ކުރައްވާ ކަމަށްވެސް ކައުންސެލަރ ޝިފާޒާ ވިދާޅުވިއެވެ. މުޖުތަމައުގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިވާ ކުދިން ހަމަ މަގަކަށް އެޅުވުމަކީ ހަމައެކަނި ތިނަދޫ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރ މުއައްޒަފުންނަށް އެކަނި ވާނެ ކަމެއް ނޫންކަމަށާއި އެން.ޖީ.އޯތަކާއި ފަރުދުންގެ އެހީތެރިކަމާއި އެކު ކުރެވޭނެ ކަންތައްތައްކަން ޝިފަޒާ އިތުރަށް ފާހަގަ ކުރިއެވެ.

އިތުރަށް ވާހަކަ ދައްކަމުން ޝިފާޒާ ވިދާޅުވީ ފަރުވާއަށް އަންނަ ފަރާތްތަކަކީ ރަޖިސްޓަރ ވެގެން ފަރުވާ އަށް އަންނަ ފަރާތްތައް ކަމުގައިވިޔަސް އެފަރާތްތަކުގެ މައުލޫމާތު ތަކަކީ އެސެންޓަރުން ބޭރުވާނެ މައުލޫމާތު ތަކެއް ނޫން ކަމަށެވެ. އަދި ފަރުވާ އަށް އަންނަ މީހުން ނަކީ ފުލުހުންނާއި ހަވާލުކޮށް ހުކުމަކަށް ހުށަހެޅޭނެ ފަރާތްތަކެއް ނޫން ކަމަށާއި ގޭގައި ތިބެގެންވެސް ފަރުވާ ބޭނުންވާ ފަރާތްތަކަށް އެފުރުސަތުވެސް އެސެންޓަރުން ފޯރު ކޮށްދޭނެ ކަމަށް ޝިފާޒާ ވިދާޅުވިއެވެ.

އެންޖީއޯ ތަކުން ކުރައްވާ މަސައްކަތް އޮޅުންފިލުވައި މަޝްވަރާކުރުމަށް ބޭއްވުނު މިބައްދަލު ވުމުގައި ހުރިހާ އެންޖީއޯ އަކުންވެސް ކުރައްވާ މަސައްކަތްތައް ދެނެގަނެވި، ހުރިހާ އެންޖީއޯ ތަކެއްގެވެސް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ލިބިފައިވާ ކަމަށް ޝިފާޒާ ފާހަގަ ކުރެއްވިއެވެ. އޭގެ ތެރޭގައި ހުވަދޫ ސްވިމިންގް، ހޭންޑް ޖަމިއްޔާ ، މަމްސް އެންޖީ އޯ، ސްކީމް އަދި ރައުޙަތު ސްޕޯޓްސް އެކަޑަމީ ހިމެނޭ ކަމަށެވެ.

އޭއޯނިއުސްއަށް މައުލޫމާތު ދެއްވަމުން ގދ.ތިނަދޫ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރ އެސިސްޓަންޓް ޑިރެކްޓަރ މުހައްމަދު ހަސަން ވީދާޅުވީ ގދ.ތިނަދޫ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރ އަކީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙްގެ ސަތޭކަ ދުވަހުގެ ވައުދު ތަކުގެ ތެރެއިންވާ ވައުދެއް ކަމަށެވެ. އިތުރަށް ވާހަކަ ދައްކަމުން ޑިރެކްޓަރ ވިދާޅުވީ ފަރުވާ ނިންމާފައި ނުކުންނަ ކުދިން އަނެއްކާވެސް މަސްތުވާ ތަކެތީގެ ވަބާއަށް އެބުރި ދާތަން ފެންނަކަމަށެވެ. މި ކަމަކީ އެންމެ އާއިލާ އަކަށް ދިމާވެގެން އުޅޭ ކަމެއް ނޫން ކަމާއި މިކަމުން އެކުދިން އަރައިގަތުމަށް އެންޖީއޯ ތަކާއި މުޖުތަމައުގެ ވަރަށް ބޮޑު އެއްބާރުލުމެއް ބޭނުންވާ ކަމަށެވެ.

ގދ.ތިނަދޫ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރގައި މައިގަނޑު ގޮތެއްގައި ދެވޭ ހިދުމަތްތަކަކީ ޑިޓޮކްސިފިކޭޝަން ހިދުމަތާއި ކޮމިއުނިޓީ ހިދުމަތެވެ. ޑިޓޮކްސިފިކޭޝަން ހިދުމަތަކީ މަސްތުވާތަކެތި ބޭނުން ކުރަމުން އަންނަ މީހުންގެ ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ނައްތާލުމަށް ޑޮކްޓަރުންނާއި ސިއްޙީ އެހީތެރިންނާއި ކައުންސިލަރުންގެ އެހީތެރިކަމާއެކު ދެވޭ ފަރުވާ ޕްރޮގްރާމެކެވެ މިޕްރޮގްރާމްއަކީ 14-20 ދުވަހުގެ މުއްދަތަކަށް ހިންގޭ ޕްރޮގްރާމެކެވެ. 21 ދުވަހުން ޕްރޮގްރާމް ފުރިހަމަކޮށް ނުކުންނަ ފަރާތަކީ މަސްތުވާ ތަކެތީގެ ވިހަ މާއްދާއިން ހަށިގަނޑު ސާފު ވެގެން ނުކުންނާނެ މީހުންކަމަށް އެ ސެންޓަރުންވަނީ ބުނެފައެވެ.

ކޮމިއުނިޓީ ހިދުމަތަކީ މަސްތުވާތަކެތި ބޭނުންކޮށްފައިވާ ކުދިން އެވަބާއިން ރައްކާތެރި ކުރުމަށް މުޖުތަމައު ތެރޭ އުޅޭއިރު ދިމާވާ ގޮންޖެހުން ތަކުގެ އަސާސަކަށް ބިނާކޮށް ހިންގޭ ޕްރޮގްރާމެކެވެ. އެކުދިން މުޖުތަމައުއަށް ދޫކޮށްފައި ބަހައްޓައި ކައުންސެލިންގް ދިނުމާއި އެކު އެކުދިން ސޮއި ކުުރުމަށް ގެންގޮސް ޔޫރިން މަސްތުވާ އެއްޗަކަށް ފައްސިވޭތޯ ބެލުމާއި، ހިންގޭ ކައުންސެލިން އަދި ދީނީ ސެޝަން ތަކަށް ކުދިން ގަވައިދުން އައުމަށް ބާރުއަޅައެވެ. މިޕްރޮގްރާމަކީ 3މަސް ދުވަހާއި، 6 މަސް ދުވަހާއި ، 9 މަސް ދުވަހަށް ދެމިގެންދާ ޕްރޮގްރާމެކެވެ.

ތިނަދޫ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރ ހުޅުވިފައިވަނީ 19 މާރޗް 2020 ގައެވެ.

1 ކޮމެންޓް
ޝަހުމަތު ގިޔޯރީ
ޖެނުއަރީ 30, 2021
ފެމިލީ އެން ޗިލްރެންސްގެ ސިސްޓަމަށް ތިތަން ނުވެއްޖިއްޔާ ކިތަންމެހާވެސް ރަންގަޅު.