English Edition
Dhivehi Edition
ގެމަނަފުށީ ފާލަމުގެ މަސައްކަތް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ގއ.ގެމަނަފުށި ރަސްމީ ފާލަމުގެ ނުނިމިހުރި މަސައްކަތްތައް ނިންމުމަށް ގެމަނަފުށީ އަމިއްލަ ކުންފުންޏެއް ކަމަށްވާ މުހައްމަދު ސަލާހް އިންވެސްޓްމަންޓާއި ހަވާލުކޮށްފިއެވެ.

ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް އެ ކުންފުންޏާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ ޖެނުއަރީ 28 ވަނަ ދުވަހުގައެވެ.

ސަލާޙް އިންވެސްޓްމަންޓާއި މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ގއ. އަތޮޅުކައުންސިލްގެ ރައީސް އަޙްމަދު ފުއާދު ވިދާޅުވީ މިއީ ގއ.އަތޮޅު ކައުންސިލުން އެ އަތޮޅުގެ ހުރިހާރަށެއްގައި ކުރިއަށްގެންދާ އިޖުތިމާއީ ތަރަށްޤީގެ ޕްރޮޖެކްޓް ތަކުގެ ތެރެއިން ގެމަނަފުށީގައި ކުރުމަށް ކައުންސިލުން ނިންމާފައިވާ ޕްރޮޖެކްޓްކަމަށެވެ. އަދި މިއީ މި ޕްރޮޖެކްޓްގެ ދެވަނަ ފިޔަވަހީގެ އެއްބަސްވުންކަމަށާއި ކޮވިޑް 19ގެ ސަބަބުން މަސައްކަތް ނުނިމި ދިގުދެމިގެން ދިޔަ ނަމަވެސް ސަލާހް އިންވެސްޓްމަންޓާއި މަސައްކަތް ހަވާލުކުރީ އަވަސް މުސްތަގުބަލެއްގައި މަސައްކަތް ނިމިގެންދާނެކަމުގެ އުންމީދުގައި ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ފުއާދު ވިދާޅުވީ މި ފާލަމުގެ ކުރެހުމަކީ ވަރަށް ފުރިހަމައަށް ގެމަނަފުށީ ކައުންސިލުން ފަރުމާކޮށްފައިވާ ކުރެހުމެއްކަމަށާއި، ރޯދައަށްވުރެ ކުރިން މިފާލަން ނިމިގެންދާއިރު މިއީ ދެކުނުގައިހުރި އެންމެ ފުރިހަމަ، އެންމެ ރީތި އެއް ފާލަމަށް ވެގެންދާނެކަމަށް އުންމީދުކުރައްވަވާ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގެމަނަފުށީ ކައުންސިލް ރައީސް އަބުދުﷲ ޝިޔާން ވިދާޅުވީ މިއީ ގއ.އަތޮޅު ކައުންސިލްގެ ދީލަތި އެހީތެރިކަމާއިއެކު ކުރިއަށްދާ ޕްރޮޖެކްޓެއްކަމަށާއި ގެމަނަފުށީ ރަސްމީ ފާލަމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްވެސް ނިމިގެންދިޔައީ އަތޮޅު ކައުންސިލްގެ ދީލަތި އެހީތެރިކަމާއެއްކޮށް ކަމަށެވެ.

“ކައުންސިލްގެ މިދައުރު ނިމުމުގެ ކުރިން މިފާލަން ނިމިގެންދިއުމަކީ އެ ކައުންސިލްގެ ވަރަށް ބޮޑު އުންމީދެއް. އަތޮޅުގެ ހުރިހާ ރަށްތަކަށް ހަމަ ހަމަ އުސޫލެއްގެ މަތިން މިފަދަ ޕްރޮޖެކްޓްތަކެއް ލިބިގެން ދިއުމަކީ ވަރަށް އުފާ ކުރާ ކަމެއް. ދެމަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މިފާލަން ނިމިގެންދާއިރު ފާލަމުގެ ފަރުމާއަށް ބަލާލުމުން މިއީ މިސަރަހައްދުގައި ހުރި އެންމެ ބަލާލަން ރީތި ހިއްގައިމު ފާލަމަކަށް ވެގެންދާނެ” ޝިޔާން ވިދާޅުވިއެވެ.

ޝިޔާން ވިދާޅުވީ ގެމަނަފުށީގައި އެޅިގެންދާ ރަސްމީ ފާލަން ވެގެންދާނީ މުޅި އަތޮޅުގަވެސް ނަން ހިނގާނެ ފަދަ ރީތި ފާލަމެއްގެ ގޮތުގައިކަމަށެވެ. އަދި މި ރަސްމީ ފާލަން ނިމިގެންދާއިރު ގެމަނަފުށީގެ ރައްޔިތުންގެ މަސައްކަތްތެރިކަމާއި ހައިބަތު ފެނިގެންދާނެ ކަމަށްވެސް ޝިޔާނު ވަނީ ވިދާޅުވެފައެވެ.