English Edition
Dhivehi Edition

ގއ.ގެމަނަފުށީ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ގެމަނަފުށީ ކައުންސިލް ފުޓްސަލް ޓޯނަމެންޓް 2021” ގެ ލޯގޯ އަދި ލަވަ އިފްތިތާހް ކުރުމުގެ ހަފްލާ ބާއްވައިފިއެވެ.

ރޭ ކުރިއަށް ދިޔަ މި ރަސްމިއްޔާތުގެ މީޑިއަރ ޕާރޓްނަރަކަށް “ގެމަލޭންޑް ޓީވީ” އަދި ސައުންޑް އެންޑް ލައިޓިންގ ޕާޓްނަރ އަކަށް “ކޮއިވާ” ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކުރުންވެސް ކުރިއަށް ދިޔައެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން ގެމަނަފުށީ ކައުންސިލްގެ ރައީސް އަބުދުﷲ ޝިޔާން ފާހަގަކުރި ގޮތުގައި މި ކައުންސިލުން ކުރިއަށްގެންދާ ހުރިހާ ހަރަކާތެއްގައި ވެސް ގެމަނަފުށީ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމަކާއި އެހީތެރިކަން ލިބިގެންދާ ކަމަށާއި، އެކަމަށްޓަކައި ގެމަނަފުށީ އެންމެހައި ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. ގެމަނަފުށީ ޒުވާނުންނަކީ ކުޅިވަރަށް ވަރަށް ހާއްސަ އަހައްމިއްޔަތު ކަމެއްދޭ ނަމޫނާ ޒުވާނުންތަކެއް ކަމަށާއި، މިކަހަލަ ކޮންމެ ހަރަކާތެއްގައިވެސް ވަރަށް ޖޯށާއި ފޯރީގައި ނަމޫނާ ދައްކަމުން އަންނަކަން ފާހަގަކޮށް އެފަރާތްތަކަށްވެސް ޝިޔާން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދިހަމަ އެހެންމެ، މިއީ ވަރަށް ކުރީއްސުރެ ރޭވިގެން ކުރިއަށް ގެންދެވޭ މުބާރާތެއް ކަމަށާއި، މި މުބާރާތް ވެގެންދާނީ މިސަރަހައްދުގައި ބޭއްވޭ އެންމެ ވަރުގަދަ، ޖޯށާއި ފޯރިއާއި އެކީގައި ނިމިގެންދާނެ މުބާރާތެއް ކަމަށްވެސް ޝިޔާން ފާހަގަ ކުރެއްވިއެވެ.

މި މުބާރާތް އިންތިޒާމް ކޮށްފައިވަނީ އީދު ޗުއްޓި އާއި ދިމާކޮށް ކަމުން، މުބާރާތުގެ ފޯރި އިތުރުވެ ގިނަބަޔަކަށް މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ޝިޔާން ވަނީ ފާހަގަ ކުރައްވާފައެވެ. އިތުރަށް ވާހަކަ ދައްކަމުން ޝިޔާން ވިދާޅުވީ މި މުބާރާތަށް މިހާތަނަށް ވެސް ގިނަ ފަރާތްތަކަކުގެ އެހީތެރިކަން ލިބިފައިވާ ކަމަށާއި، އަދިވެސް ގިނަ އަދަދެއްގެ ސްޕޮންސަރ ލިބި ބޮޑެތި އިނާމްތަކެއް ހުށަހެޅިގެންދާ މުބާރާތަކަށް މި މުބާރާތް ވެގެންދާނެ ކަމަށް އުންމީދު ކުރައްވާކަމަށެވެ. މިއީ ގެމަނަފުށީ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދެވޭ ދެވަނަ މުބާރާތެވެ.