English Edition
Dhivehi Edition
ފޮޓޯ : ޕީއެސްއެމް

މިއަހަރު ނިމިގެންދާއިރު ރާއްޖޭގެ އިތުރު ރަށްރަށުގައިވެސް ފުލުހުންގެ ޚިދުމަތް އަލަށް ފެށިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާރޒް ޢިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ.

ވ.ކެޔޮދޫގައި ފުލުހުންގެ ޚިދުމަތް އަލަށް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ މިއަހަރު ނިމިގެންދާއިރު ދިހަވަރަކަށް ރަށުގައި ފުލުހުންގެ ޚިދުމަތް އަލަށް ފެށިގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި ރައްޔިތުން އުއްމީދުކުރާފަދަ ޚިދުމަތެއް ފުލުހުންގެ ފަރާތުން ލިބިގެން ދިއުމަށް އެދިވަޑައިގަންނަވާކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވި ގޮތުގައި މިއީ މުހިއްމު ބޮޑު ޒިންމާއެއްކަމަށްވާތީ، އެކަމަށްޓަކައި ފުލުހުންގެ މުއައްސަސާ ހިންގަވަން އިސްކޮށް ތިއްބެވި ބޭފުޅުން މިއަދު ވަރަށް ހަރުދަނާކަމާއެކު ކަންކަން ތަރުތީބުކުރައްވަމުން ގެންދަވާނޭކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

“މިއަދު ރަށްރަށުގެ ހާލަތާ ކުށުގެ ވެށި ވަރަށްބޮޑަށް ތަފާތުވެއްޖެ. އެހެންކަމުން ކޮންމެ ރަށެއްގައިވެސް ފުލުހުން ޤާއިމްވެ ތިބެ, ކައިރިން ޚިދުމަތް ދިނުމަކީ ރައްޔިތުންގެ އަމާންކަމާއި, ރައްކާތެރިކަން ކަށަވަރުކުރުމަށް ކޮންމެހެން ބޭނުންވާކަމެއް ކަމަށް މިއަދު ސަރުކާރު ޤަބޫލުކުރޭ. އެސިޔާސަތުގެ ދަށުން ޚިދުމަތް ފުޅާކުރުމަށް އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން. ސަރުކާރުން ވަނީ އެކަމަށް ވަރަށްބޮޑު އިސްކަމެއް ދީފައި” އިމްރާން ވިދާޅުވިއެވެ.