ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ އިން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދީފި އެވެ.
އެމްއެފްޑީއޭ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ޖެނުއަރީ 26 ވަނަ ދުވަހު ދީފައިވާނެ ކަމަށާއި މި ހުއްދަ ދޭން ނިންމީ މިހާރުގެ ހާލަތަށް ބަލައި “ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޗުއޭޝަން” ގައި ބޭނުންކުރުމަށް، ބައިނަލްއަގުވާމީ މިންގަނޑުތަކުން ބަލަންޖެހޭ ކަންކަމަށް ބެލުމަށް ފަހުގައި ކަމަށެވެ. ރާއްޖޭގައި އެ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދީފައިވަނީ އެކަމުގައި ބަލަންޖެހޭ ޓެކްނިކަލް ކަންކަން ބަލާ ދިރާސާކުރުމަށް ފަހު އެ އޮތޯރިޓީގެ ފަންނީ ލަފާދޭ ނެޝަނަލް ފާމަސޫޓިކަލް ބޯޑުގެ ލަފަޔާއެކު ކަމަށް އެމްއެފްޑީއޭގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
ރާއްޖޭގައި މިހާރު ހުރީ އިންޑިއާގައި އުފައްދާ އޮކްސްފޯޑް-އެސްޓްރަޒެނެކާގެ “ކޮވިޝީލްޑް” 100،000 ޑޯޒެވެ. އަދި އެސްޓްރަޒެނެކާގެ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާގެ ސިންގަޕޫރު ކުންފުންޏާ އެކު ވަނީ ރާއްޖޭން ސޮއިކޮށްފަ އެވެ.
ކޮވިޝީލްޑް ބްރޭންޑްގެ ވެކްސިނަށް ހުއްދަ ދޫކޮށްފައިވަނީ ކޮވިޑް 10 ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އުމުރުން 18 އަހަރުން މަތީގެ މީހުން ބޭނުން ކުރުމަށް ކަމަށާއި އަދި މި ވެކްސިން މާބަނޑު މީހުން ބޭނުންކުރުމުގެ ހުއްދަ ދެވިފައެއް ނުވާ ކަމަށް އެމްއެފްޑީއޭގެ ބަޔާނުގައި ބުނެފައިވެ އެވެ.
އާންމުކޮށް ކޮންމެ ވެކްސިނަކީވެސް އެ ބޭނުން ކުރުމުން ރިއެކްޝަންތަކެއް އަންނާނެ ވެކްސިނެއް ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ. އެހެންކަމުން ކޮވިޝީލްޑް ވެކްސިން މީހުންނަށް ދިނުމުން ދިމާވެދާނެ ކަންކަން އެ އޮތޯރިޓީއާއި ހެލްތް މިނިސްޓްރީ އަދި އެޗްޕީއޭއިން މޮނިޓަކުރަމުން ދާނެ ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.
އެޗްޕީއޭ އިން އަންނަނީ ވެކްސިން ޖަހަން ބޭނުންވާ މީހުން ރަޖިސްޓްރީކުރުމުގެ މަސައްކަތްކުރަމުންނެވެ.