English Edition
Dhivehi Edition
ފުވައްމުލައް ހޮސްޕިޓަލް ގައި ކޮވިޑް ޓެސްޓް ހަދަނީ: ފޮޓޯ ފުވައްމުލައް ހޮސްޕިޓަލް
ފުވައްމުލަކު ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކޮވިޑް 19 އަށް ޓެސްޓް ހަދަން ފަށައިފިއެވެ.
ފުވައްމުލަކު ހޮސްޕިޓަލުން ބުނީ ރޭ އެ ހޮސްޕިޓަލުގެ ލެބޯތްރީ ގައި ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް ޓެސްޓް ހަދާފައިވާ ކަމަށާއި އަދި މިހާތަނަށް ޓެސްޓް ހެދި ސާމްޕަލްތައް ކޮވިޑަށް ނައްސިވެ، ސާމްޕަލް ނެގި މީހުންނަށްވަނީ އެކަން އަންގާފައި ކަމަށެވެ.
މީގެ ކުރިން “އޭއޯ ނިއުސް” އަށް ދެއްވި އެކްސްކުލޫސިވް އިންޓަވިއު އެއްގައި ހޮސްޕިޓަލުގެ މެނޭޖަރ އަޙްމަދު ސައީދު ވިދާޅުވެފައިވަނީ ފުވައްމުލަކު ހޮސްޕިޓަލަށް ލިބިފައިވަނީ ޖީންއެކްސްޕާޓް މެޝިނެއް ކަމަށާއި މިދިޔަ އަހަރު ލިބުނު މި މެޝިނުން ޕީސީއާރު ޓެސްޓް ހެދޭނެކަމަށެވެ.
އަދި އެ މެޝިނުން ހެދޭނީ ފަހަރަކު 4 ސާމްޕަލް ކަމަށާއި ކޮންމެ ފަހަރަކު ނަގާ 4 ސާމްޕަލްގެ ނަތީޖާ ލިބުމަށް 2 ގަޑި އިރު ހޭދަވާކަމަށެވެ.
ހޮސްޕިޓަލުން ބުނީ މިވަގުތު ހޮސްޕިޓަލުގައި ކޮވިޑަށް ޓެސްޓް ހަދަމުން ގެންދާނީ ބަލީ އަލާމާތްތައް ފެނުމުގެ ސަބަބުން، ޑޮކްޓަރުން، އެ ފަރާތުގެ ސާމްޕަލް އަވަހަށް ނަގާ ޓެސްޓް ހެދުމަށް އެދޭ ފަރާތްތަކުގެ ސާމްޕަލްތައް ކަމަށެވެ.
އަދި 10 ދުވަހުގެ ކަރަންޓީނު ނިންމުމަށްފަހު ނެގޭ ސާމްޕަލްތައް ކޮވިޑް-19 އަށް ޓެސްޓްކުރެވެމުންދާނީ ކުރިންވެސް ހަމަޖެހިފައިވާ އުސޫލުން މާލެއަށް ފޮނުވައިގެން ނުވަތަ އައްޑޫ އެކުއަޓޯރިއަލް ހޮސްޕިލުގައި ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
ފުވައްމުލަކުން މިހާ ހިސާބަށް ގާތްގަނޑަކަށް 2000 ސާމްޕަލް ނަގައި އައްޑޫ އަދި މާލެއަށް ފޮނުވައިގެން ޓެސްޓް ހެދިފައިވާނެ ކަމަށާއި ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 30 ވަރަކަށް ސާމްޕަލް މިހާރުވެސް ނަގަން ޖެހޭ ކަމަށް މެނޭޖަރ އަޙްމަދު ސައީދު ވަނީ ވިދާޅުވެފައެވެ.