English Edition
Dhivehi Edition

މާލެ ސަރަހައްދުގައި ރޭގަނޑު 12:00 އިން ފެށިގެން ފަތިހު 04:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، އާއްމު ތަންތަނަށް ނުކުތުން މަނާކޮށްފިއެވެ.

މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި 27 ޖަނަވަރީން ފެށިގެން ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން ހުއްޓުމާއި ރޭގަނޑު 12:00 އިން ފެށިގެން ފަތިހު 04:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާއްމު ތަންތަނަށް ނުކުތުން މަނާކޮށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން އަނެއްކާވެސް ކާފިއު އިއުލާންކޮށްފިއެވެ.

މީގެ އިތުރުން 29 ޖަނަވަރީން ފެށިގެން ފަތުރުވެރިން ފިޔަވައި، ރާއްޖެއިން ބޭރުން އަންނަ ފަރާތްތައްވެސް 10 (ދިހައެއް) ދުވަހުގެ މުއްދަތަކަށް ކަރަންޓީނުކުރަން ނިންމާފައިވާ ކަމަށްވެސް މިރޭ އެޗް.ޕީ.އޭ އިން ޢާއްމުކުރި އިއުލާނުގައި ވެއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޚާއްސަ ފިޔަވަޅުތައް އެޅުމަށް އެޗް.ޕީ.އޭ އިން މިކަންތައް ކުރުމަށް ނިންމާ އިޢުލާނުކޮށްފައި މިވަނީ މާލެ ސަރަހައްދުގައި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ގިނަ ވަމުން އަންނަ ދުވަސްވަރެއްގައެވެ. މިގޮތުން 26 ޖަނަވަރީގެ 06:00 އާއި ހަމައަށް އަލަށް 145 ކޭސް ފެނިފައިވާއިރު މީގެ ތެރެއިން 93 ޕޮސިޓިވް ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުގައެވެ.