English Edition
Dhivehi Edition
ފޮޓޯ: އާއްމުންގެ އެކުވެރި ގުޅުން
‏ސަރުކާރުގައި އަދި ސަރުކާރުގެ ކުންފުނި ތަކުގައި މަސައްކަތްކުރާ ބައެއް ފަރާތްތަކަށް އެއްވެސް ކަހަލަ ގޭގެ ފޮޓޯ ވީޑިއޯ ހަދާ ޕްރޮގްރާމުތަކުގައި ބައިވެރި ނުވުމަށް އަންގާފައި ވާކަމަށް ވީޑިއޯ ސްޓޯރީ ހަދަން އެދުނު ބައެއް ފަރާތްތަކުން ބުނަމުންދާކަމަށް އާއްމުންގެ އެކުވެރި ގުޅުމުން ބުނެފިއެވެ.
މިދިޔަ އަހަރު ޑިސެމްބަރު މަހުގެ 01 ވަނަ ދުވަހު ރަޖިސްޓްރީކޮށްފައިވާ “އާއްމުންގެ އެކުވެރި ގުޅުން” އަކީ ބޯހިޔާވަހިކަމުގެ ދަތިތަކާއި މިނޫންވެސް އިޖުތިމާއީ މައްސަލަތަކުގައި އާއްމުންގެ އަޑު އުފުލައިދިނުމަށް ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާއެކެވެ. ވައިބާ ކޮމިއުނިޓީ “ކޮތަރު ކޮށި” ގްރޫޕް ހިންގާ ފަރާތްތަކުން އިސްނަގައިގެން އުފެއްދި މި ޖަމިއްޔާއިން މިހާރު، ހިޔާ ފްލެޓާއި ގުޅުން ހުރި މަސައްކަތްތައް ކުރަމުން އަންނައިރު، ހިޔާ ފްލެޓް އަތުލާފައިވާ މީހުންގެ ދިރިއުޅުމުގެ ހާލަތު ދައްކުވައިދޭ ވީޑިއޯތަކާއެކު މި މައްސަލައަށް އަވަސް ހައްލެއް ހޯދައި ދިނުމަށް އަންނަނީ ގޮވާލަމުންނެވެ.
އާއްމުންގެ އެކުވެރި ގުޅުމުން ފްލެޓް އަތުލައިގަތް ބައެއް މީހުންގެ ވާހަކަތައް މިހާރުވެސް ގެނެސްދެމުން އަންނައިރު މިއަދު އެ ޖަމިއްޔާގެ ފޭސްބުކް ޕޭޖްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ސަރުކާރުގައި އަދި ސަރުކާރުގެ ކުންފުނި ތަކުގައި މަސައްކަތްކުރާ ބައެއް ފަރާތްތަކަށް އެއްވެސް ކަހަލަ ގޭގެ ފޮޓޯ ވީޑިއޯ ހަދާ ޕްރޮގްރާމުތަކުގައި ބައިވެރި ނުވުމަށް އަންގާފައިވާކަމަށެވެ. “ފްލެޓު ނިގުޅަތްގަތް ގިނަ މީހުން، އެބައެއްގެ ވާހަކަ ގެނެސްދިން އަދި ގެނެސްދޭން ބޭނުންވާ ގިނަ މީހުންނަކީ ސަރުކާރު/ކުންފުނި ތަކުގެ ވަރަށް ދަށް ފަންތީގެ ވަޒީފާ ތަކުގައި އުޅޭ މީހުން” އެކަން މިހާތަނަށް ގެނެވުނު ވާހަކަތަކުން ސާފުވާނެ”. ވަޒީފާ ގެއްލިއްޖެ ނަމަ އެ އާއިލާ އިނދެޖެހޭނެތީ ވަޒީފާ ގެއްލިދާނެތީ އެންމެންވެސް ވަރަށް ބިރުގަނޭ. ‏އެމީހުންގެ ވާހަކަ ގެނެސްދެނީ އެމިހުންގެ ފްލެޓު އަތުލީމަ. ސިޔާސީ ވާކަށެއް ނޫން. ދައްކަނީވެސް ތެދު ހަގީގަތް” އެ ޖަމިއްޔާގެ ފޭސްބުކް ޕޭޖްގައި ބުނެފައިވެއެވެ.
މީގެ އިތުރުން އާއްމުންގެ އެކުވެރި ގުޅުމުން ވަނީ ދިރިއުޅުމުގެ ހާލަތު ކިޔައިދީ ފްލެޓު ނިގުޅައިގަތްގޮތް ކިޔައި ދިނުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށް އޮންނާނެކަމަށާއި ރައްޔިތުންގެ އެ މިނިވަންކަމަށް އަރައި ނުގަތުމަށްވެސް ގޮވާލަމެވެ. އަދި ސީދާ އަދި ނުސީދާ ގޮތުންވެސް ނިކަމެތިންނަށް ވަޒީފާގެ ބިރުދެއްކުން ހުއްޓާލުމަށްވެސް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.