English Edition
Dhivehi Edition

ލުއިގޭހުގެ ޚިދުމަތް ފޯރުކޮށްދޭ އަމިއްލަ ކުންފުންޏެއްކަމަށްވާ ބީއެންސީން އައްޑޫސިޓީގައި ހިންގި ލުއި ގޭސް ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފިއެވެ. ހިތަދޫގެ ގޭގެއަށް އަމާޒުކޮށްގެން 26 އޮކްޓޯބަރ 2020 ން 31 ޑިސެންބަރ 2020 ގެ ނިޔަލަށް ކުރިއަށް ދިޔަ ލަކީ ޑްރޯގައި ބީއެންސީން ޚިދުމަތް ހޯދި ކޮންމެ ކަސްޓަމަރަކަށް ނަސީބު ކޫޕަނެއް ދީފައިވެއެވެ.

މި ލަކީ ޑްރޯގެ ގުރުއަތުލުން ކުރިއަށް ދިޔައީ ބީއެންސީ ގެ ކަސްޓަމަރުންގެ މެދުގައި އިންސާފުވެރިކަމާއެކު ގުރުއަތުނެގުމުގެ އިންތިޒާމް ކުރިއަށް ގެންދިއުމަށް މެނޭޖްމެންޓުން ނިންމެވި ނިންމެވުމާއި އެއްގޮތަށް އިތުބާރުހިފޭ 3 ވަނަ ފަރާތެއްގެ ގޮތުން އޭއޯނިއުސް ބައިވެރިކޮށްގެން އޭއޯނިއުސްއިންނެވެ.

ލުއިގޭސް ޕްރޮމޯޝަންގެ އެއްވަނަ ނަސީބުވެރިއަކީ ހިތަދޫ މުޖުމަރާގޭ ޙުސެއިން އިބްރާހީމް އެވެ. 1 ވަނަ އަށް ހޮވުނު ފަރާތަށް ކަނޑައެޅިފައިވާ އިނާމަކީ ރިސޯޓެއްގައި 2 މީހަކަށް 3 ދުވަހު ޗުއްޓީ ހޭދަކޮށްލެވޭ ޕެކޭޖެކެވެ.

މި ޕްރޮމޯޝަން އިން 2 ވަނަ އަށް ހޮވުނީ ހިތަދޫ ސަފްރަން އިބްރާހިމް ނިޒާރުއެވެ. އޭނާއަށް ލިބިލައްވާ އިނާމަކީ 49 އިންޗީގެ ޓީވީއެކެވެ.

ލަކީ ޑްރޯގައި 3 ވަނައަށް 3 ފަރާތް ހޮވިފައިވެއެވެ. އެއީ މަރަދޫ ގްރީން ގްރާސް ޙުސެއިން ތައުފީގު،މާޖެހިގޭ ފާތުމަތު ދީދީ، އަދި ގަސްރުއްޒަހަބް އަޙްމަދު ޢަބްދުއްރަޙްމާން އެވެ.

ގޭގޭގައި ޢާއްމުކޮށް ބޭނުން ކުރަމުން އައި ދަގަނޑު ފުޅިތައް 700 ރުފިޔާގެ އަގުހުރި ފުޅިއަށް އެއްވެސް އަގަކާނުލާ މުޅިން ހިލޭ ބަދަލުކުރުމަށް ހިންގި މިޚާއްސަ ލަކީޑްރޯގައި 1200 އަށްވުރެ ގިނަމީހުންވަނީ ބައިވެރިވެފައެވެ.

ބީއެންސީން ލުއިގޭސް ފުޅީގެ ޚިދުމަތް ހިތަދޫއަށް ޚާއްސަކޮށްގެން ފަށާފައިވާއިރު އެކުންފުނީގެ ވެރިޔާ ޢަލީ ޙަބީބު ވިދާޅުވީ ލިބެމުންދާ ތަރުޙީބާއެކު ކުރިއަށް އޮތްތާނގައި މިގޭސްފުޅި އައްޑޫގެ އެހެން އަވަށްތަކަށްވެސް ފޯރުކޮށްދެއްވާނެ ކަމަށެވެ.

ބީއެންސީ ލުއިގޭސް ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވިގޮތުގެ ވީޑިއޯ އޭއޯނިއުސްގެ ފޭސްބުކް ފޭޖުން ބައްލަވާލެވޭނެއެވެ.

ލުއިގޭހާއި ގުޅޭ އިތުރު މަޢުލޫމާތު ބީއެންސީގެފޭސްބުކްޕޭޖުން ނާއި 7794242 މިނަމްބަރަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.