English Edition
Dhivehi Edition
އާހިލް ރަށަށް އައުމުން ރަށުން މަރުހަބާ ކިޔަނީ: ފޮޓޯ ފޭސްބުކް

އުމުރުން 14 އަހަރުގައި ޙާފިޡުކަމުގެ ސަނަދު ހާސިލުކުރި ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލުގެ ޙިފްޡު ކުލާހުގެ ދަރިވަރެއް ކަމުގައިވާ އަލްޙާފިޡް އާހިލް މުޙައްމަދު ޒާހިރު ޙާފިޡުކަމުގެ ސަނަދު ހާސިލުކޮށް ތިނަދޫއަށް އައުމުން ތިނަދޫން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

އާހިލް ރަށަށް އަންނަން ވާއިރަށް މަރުހަބާ ކިޔުމަށް ތިނަދޫ ކައުންސިލް އިދާރާގެ މުވައްޒަފުންނާއި ޙާފިޡުގެ މުދައްރިސުންނާއި ޙާފިޡް މިވަގުތު ތަޢުލީމު ހާސިލުކުރަމުން ގެންދާ ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ބައެއް ދަރިވަރުންވެސް ވަނީ ބައިވެރިވެފައެވެ.

ޙާފިޡް ކަމުގެ ސަނަދާ އެކު އުފަން ރަށަށް އައުމުން ރަށުން ކިޔާފައިވާ ހޫނު މަރުހަބާއަށް އުފާކުރަމުން އާހިލް ބުނީ ޤުރުޢާން ހިތުދަސްކުރުމަކީ އުނދަގޫކަމެއް ނޫންކަމަށާއި މަސައްކަތްކޮށްފިއްޔާ ކޮންމެ ދަރިވަރަކަށްވެސް ކުރެވިދާނެ ކަމެއް ކަމަށެވެ. އަދި ގުރުއާން ދަސްކުރުމަށް އެންމެ މުޙިއްމު ކަމަކީ ދަސްވެފައި ހުންނަ ބައިތައް ރަނގަޅަށް މުރާޖާކުރުން ކަމުގައި އާހިލް ބުންޏެވެ.

“އޭއޯ ނިއުސް” އިން ކުރި ސުވާލަކަށް ޖަވާބު ދެމުން މިމާތް މަސައްކަތުގައި ޙާފިޡަށް ހިތްވަރުދެއްވާ އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށް ޙާފިޡް ވަނީ ހިތުގެ އެންމެ ފުންމިނުން ޝުކުރުއަދާކޮށްފައެވެ. މިގޮތުން ބައްޕަ، މުޙައްމަދު ޒާހިރު ހަސަން އަދި މަންމަ އަހުމީމާ އަބްދުލް ކަރީމް ކޮށްދެއްވި މިންނެތް މަސައްކަތް ފާހަގަކޮށް، ވަކިން ޙާއްސަކޮށް ޢިޤްރައުލް ޤުރުޢާން ކްލާހުގެ މުދައްރިސާ އާރީފާ މޫސާ (އާރިފައްތަ) ކޮށްދެއްވާ އަގުހުރި މަސައްކަތް އާހިލް ވަނީ ފާހަގަކޮށްފައެވެ. އަދި ތިނަދޫ ކައުންސިލުން ވެދެއްވާ އެހީތެރިކަން ފާހަގަކޮށް ކައުންސިލް އަށްވެސް ޙާފިޡް ވަނީ ޝުކުރު އަދާކޮށްފައެވެ.

ޙާފިޡް އާހިލް ވަނީ ކޮވިޑް-19ގެ ކުރިން މިދިޔަ އަހަރު، ތިނަދޫ ކައުންސިލުގެ ޙިފްޡު ކްލާހުގެ ޓެސްޓުން ފާސްވެގެން ދިވެހިރާއްޖޭގެ ކީރިތި ޤުރުއާނާބެހޭ މަރުކަޒުގައި އޮންނަ މުރާޖާ ކޮމިޓީގައި ކިޔަވާފައެވެ. ނަމަވެސް ޙިފްޡު ކޮމިޓީގައި ނުކިޔެވެނީސް ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރުމާއި ގުޅިގެން ކިޔެވުން މެދު ކެނޑުމަށްފަހު މި އަހަރު ކުރީކޮޅުގައި މާލެ ދަތުރުކޮށް ކިޔެވުން ފުރިހަމަކޮށް އަލްޙާފިޡް އާހިލް މުޙައްމަދު ޒާހިރު ވަނީ މިހާރު ޙިފްޡު ކަމުގެ ސަނަދު ހާސިލުކޮށްފައެވެ.

ތިނަދޫ ކައުންސިލުގެ ޙިފްޡު ކްލާހަކީ ގދ. ތިނަދޫގައި ކުޑަ ކުދިންގެ ހިތްތަކުގައި ކީރިތި ޤުރުޢާން ކިޔެވުމަށް ލޯބި ޖައްސައި ޤުރްއާން ކިޔެވުމުގެ ފަންނު އާލާކޮށް، ދިރުވައި، ފެތުރުމަށް މަސައްކަތްކުރުމާއި ކީރިތި ޤުރުއާން ހިތުދަސްކުރުމަށާއި، ތަޖުވީދުމަގަށް ޤުރުއާން ކިޔެވުމަށް ހިތްވަރުދިނުމުގެ އިތުރުން ކީރިތި ޤުރުއާން ރައްކާތެރި ކުރުމަށް މަސައްކަތް ކުރުމުގެ މަގްސަދުގައި ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލުން ހިންގަމުން އަންނަ ޤުރުއާން ކްލާހެކެވެ.

ތިނަދޫ ކައުންސިލުގެ ހިފްޒު ކްލާހުން ކޮންމެ އަހަރަކުވެސް އެ ކްލާހުގެ ދަރިވަރުންގެ ނުބަލައި ކިޔެވުން ޓެސްޓު ކޮށްފައި 03 ފޮތް ނުބަލައި ކިޔަވާ ދަރިވަރުންނަށް ފައިސާގެ އިނާމުދެމުން ގެންދެއެވެ.