English Edition
Dhivehi Edition
އިންޑިއާ ކަނޑުގެ ސަރަހައްދުން ހިފެހެއްޓި ލަންކާ ބޯޓަކުން އަތުލައިގަތް މަސްތުވާތަކެތި --

ރާއްޖެއަށް މަސްތުވާތަކެތި ޓްރެފިކް ކުރާ ބައިނަލްއަގުވާމީ ނެޓްވޯކެއްގައި އިސް ދައުރެއް އަދާ ކުރާ ސްރީލަންކާގެ ދެ މީހަކު އިންޑިއާއިން ހައްޔަރުކޮށްފި އެވެ.

އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)ގެ ޑެޕިއުޓީ ޑިރެކްޓަރު ކޭޕީއެސް މަލޯތުރާ އިއްޔެ ވިދާޅުވި ގޮތުގައި އެގައުމުން ހައްޔަރު ކުރީ އެމްއެމްއެމް ނަވާސް އާއި މުހައްމަދު އަފްނާސް ކިޔާ ދެ މީހުން ކަމަށާއި އެއީ ވަނަވަރު އޮޅުވާލައިގެން ޓަމިލް ނާޑޫގެ ޗެންނާއީގައި ދިރިއުޅެމުން ދިޔަ ދެ މީހުންކަމަށެވެ. އަދި އެމީހުން އިންޑިއާ އަށް އެތެރެވެފައި ވަނީ އެމީހުން ހޯދުމަށް ލަންކާ އިން މަސައްކަތް ފަށާފައި ވަނިކޮށް ކަަމަށާއި އޭގެތެރެއިން އެކަކު ހޯދުމަށް އިންޓަޕޯލް އިން ވަނީ ރެޑް ނޯޓިސް ވެސް ނެރެފައިވާ މީހެއްކަމަށް އެންސީބީ އިން ވަނީ ހާމަކޮށްފައެވެ.

އިތުރަށް އެންސީބީ އިން ބުނީ މި ދެ މީހުންނާއި ގުޅޭ މައުލޫމާތު އިންޑިއާ އަށް ލިބުނީ މިދިޔަ ނޮވެމްބަރު މަހު އިންޑިއާ ކަނޑުގެ ސަރަހައްދުން މަސްތުވާތަކެތި ބަރުކޮށްގެން ދަތުރު ކުރަމުން ދިޔަ ލަންކާ މަސްބޯޓެއް ހިފެހެއްޓި ފަހުންކަމަށާއި އެ ބޯޓުގައި ބަޑިވެސް ހުރިކަމަށެވެ. އަދި އެ ބޯޓުގައި 95 ކިލޯގެ ހެރޮއިން އާއި 18 ކިލޯގެ މެތެމްފެޓަމިން އަތުލައިގެންފައިވާއިރު އެ ބޯޓުން ލަންކާ ހަ މީހަކު ހައްޔަރުކޮށްފައިވާކަމަށްވެސް އެންސީބީ އިން ވަނީ ބުނެފައެވެ. މީގެ އިތުރުން އެންސީބީ އިން ބުނީ ހައްޔަރުކުރި މީހުންނަކީ އަފްގާނިސްތާނާއި އީރާނާއި ޕާކިސްތާނާ ގުޅުން ހުރި މަސްތުވާތަކެތީގެ ނެޓްވޯކެއްގައި ހިމެނޭ މީހުން ކަމުގެ މައުލޫމާތު ލިބުނު ކަމަށާއި ނަވާސް އާއި އަފްނާސް އަކީ އެ ނެޓްވޯކުގައި މުހިއްމު ދައުރެއް އަދާ ކުރާ ބަޔެއްކަންވެސް އެ އޮޕަރޭޝަނުން އެގިގެން ދިޔަކަމަށެވެ.

ބޯޓުން މީހުން ހައްޔަރުކޮށް ހިންގި ތަހުގީގުން މި މީހުންނަށް މަސްތުވާތަކެތި ފޯރުކޮށްދެނީ އީރާނާއި އަފްގާނިސްތާނާއި އަދި ޕާކިސްތާނުގެ ބައެއްކަން ހާމަވެގެންދިޔައިރު އެ މަސްތުވާތަކެތި އާއްމު ގޮތެއްގައި އަރުވަނީ ޕާކިސްތާނާއި އީރާނުގެ ބަނދަރުތަކުންކަންވެސް ތަހުގީގަށްވަނީ އެގިފައެވެ. އެންސީބީ އިން އިތުރަށް ބުނީ އެ ބޯޓުތަކުން ލަންކާ އާއި ރާއްޖެ އަށް މަސްތުވާތަކެތި ފޯރުކޮށްދެމުން އަންނަކަންވެސް ހާމަވެފައިވާކަމަށެވެ.