English Edition
Dhivehi Edition

ފިޔޯރީ އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެމްޕަވަރމަންޓް (ފޭސް) އެކެޑަމީގެ 11 އަހަރުން ދަށުގެ ޓީމާއި ގދ. ރަތަފަންދޫ 11 އަހަރުން ދަށުގެ ޓީމާ ދެމެދު ކުޅުނު އެކުވެރިކަމުގެ މެޗު ފޭސް އެކެޑަމީގެ ޓީމުން ކާމިޔާބުކޮށްފިއެވެ.

ފޭސް އެކެޑަމީގެ ކުޅުންތެރިންނަށް ތަޖުރިބާ ހޯދައިދިނުމުގެ މަގްސަދުގައި އެ އެކެޑަމީން އިންތިޒާމުކޮށްގެން ގދ. ރަތަފަންދޫ ފުޓްސަލް ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މި މެޗު ފޭސް އެކެޑަމީގެ ޓީމު ކާމިޔާބުކޮށްފައިވަނީ 3-5 ގެ ނަތީޖާއަކުން ރަތަފަންދޫ ޓީމުގެ މައްޗަށް ކުރި ހޯދައިގެންނެވެ. ފޭސް އެކެޑަމީގެ ޓީމުން އެ މެޗު ކާމިޔާބު ކޮށްފައިވަނީ އަލީ އަލާއު މުއްތަލިބުގެ 2 ލަނޑާއި އަޙްމަދު ޝާދު ޝަހުމަތުގެ 2 ލަނޑުގެ އިތުރުން ނާހީ ނަޖުމީގެ 01 ލަނޑާއެކުގައެވެ.

މެޗާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ފޭސް ޖަމިއްޔާގެ ނައިބު ރައީސް އަދި ފޭސް އެކެޑަމީގެ ކޯޗު ސުރުހާން މުޙައްމަދު ވިދާޅުވީ މިއީ މި ޓީމަށް ލިބުނު ފުރަތަމަ ކާމިޔާބީ ކަމަށާއި މިއަހަރު ފުރަތަމަ ކުޅުނު އެކުވެރިކަމުގެ މެޗުގައި ކުޅުންތެރިންގެ ފަރާތުން ފާހަގަކުރެވުނު ކަންތައްތައް ރަނގަޅުކޮށް މި މެޗުގައި މޮޅު ކުޅުމެއް ދައްކާފައިވާތީ ކުދިން މިކަމަށް ބޭނުންވެފައި ތިބިކަން ފާހަގަކުރެވިގެން ދިޔަ ކަމަށެވެ. އަދި ކުޅުންތެރިން މި އަޒުމުގައި ކޯޗާއި އެކު މަސައްކަތްކުރަމުން ގެންދާނަމަ, މި އަތޮޅު ފެންވަރުގައި ހޮވާލެވޭ ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިންތަކެއް މި އެކެޑަމީގެ ޓީމުތަކުން އުފެދިގެންދާނެ ކަމުގައިވެސް އޭ.އެފް.ސީ.ގެ ސީ ލައިސަންސް ކޯސް ހައްދަވައިގެން ހުންނެވި ކޯޗު ސުރުހާން ފާހަގަކުރެއްވިއެވެ.

ގދ. ފިޔޯރީގެ ޖަމިއްޔާއެއް ކަމުގައިވާ ފޭސް ޖަމިއްޔާގެ ފަރާތުން އެރަށުގައި ފުޓްބޯޅަ ކުޅެން ޝައުގުވެރިކަން ހުންނަ ކުދިންގެ ހިތްތަކުގައި ފުޓްބޯޅައަށް އިތުރަށް ލޯބި ޖައްސައި، ހުނަރުވެރި ކުދިންތަކެއް އެ ރަށުގައި އުފެއްދުމުގެ މަގްސަދުގައި އެ ޖަމިއްޔާއިން 2017 ވަނަ އަހަރު ފޭސް އެކެޑަމީގެ ނަމުގައި އުފައްދާފައިވާ މި އެކެޑަމީގައި 11 އަހަރުން ދަށުގެ ޓީމަކާއި 9 އަހަރުން ދަށުގެ ޓީމެއް އުފައްދައި އެ ކުޅުންތެރިންނަށް ތަމްރީނުތައް ކުރިއަށްގެންގޮސް ކުޅުންތެރިންނަށް ވާދަވެރި ޓީމުތަކާއި އެކު ކުޅުމުގެ ފުރުސަތުތައް ވަނީ ހޯދައިދީފައެވެ. މިގޮތުން ފަރެސްމާތޮޑާ ދާއިރާގެ އެހެނިހެން ރަށްރަށުގެ ޓީމުތަކާއި އެކު މިފަދަ މެޗުތައް ފޭސް އެކެޑަމީން ވަނީ މިއަހަރު ތެރޭ ކުޅެފައެވެ.

ފޭސް ޖަމިއްޔާއަކީ ފިޔޯރީގައި ޒުވާނުންނާއި ކުޑަކުދިން ބައިވެރިކޮށްގެން މަދަނީ އަދި އިޖުތިމާއީ މަސައްކަތްތަކުގައި އެކި ގޮތްގޮތުން ހަރަކާތްތެރިވަމުން އަންނަ ޖަމިއްޔާއެކެވެ. މިގޮތުން ބީ.އެޗް.އެމް.ގެ އެހީގައި ފިޔޯރީ ބަނދަރު ސަރަހައްދުގައި އިމާރާތްކޮށްފައިވާ މިސްކިތް ބެލެހެއްޓުމާއި، ޤުރުއާން ކްލާހެއް ހިންގުމާއި، ލެވެލް 1, 2، 3 އަދި 4 ގެ ޤާރީ ކޯސް ހިންގުމުގެ އިތުރުން އެ ރަށުގައި ކުޑަކުދިންގެ ޕާކެއް ތަރައްގީކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަ މި ޖަމިއްޔާއަކީ މިހާރު ފިޔޯރީގައި އޮތް އެންމެ ހަރަކާތްތެރި އެއް ޖަމިއްޔާއެވެ.