English Edition
Dhivehi Edition
ކޮވިޑް-19 އަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި އިމަރޖެންސީ ޑްރިލެއްގެ ތެރެއިން - ފޮޓޯ: ފަޔާޒު މޫސާ (ސަން)

ރާއްޖެއިން އިތުރު 65 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރި ގޮތުގައި އިއްޔެ 18:00 އާއި ހަމައަށް މާލެ ސަރަޙައްދުން 38 މީހަކާއި، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުން 01 މީހަކާއި، ރިސޯޓު ތަކުން 26 މީހަކު ވަނީ ބައްޔަށް ފައްސިވެފައެވެ. އިއްޔެ މީހުންނާއި ޔޮޓުތަކުންނާއި ސަފާރީތަކުން އަދި ރާއްޖޭގައި ތަރައްޤީ ކުރަމުންދާ ރިސޯޓުތަކުންނާއި ރަށްތަކުން އެއްވެސް މީހަކު ޕޮޒިޓިވެއް ނުވެއެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 14،830 އަށް އަރައިފައިވެ އެވެ.

އެޗްޕީއޭ އިން އެންމެ ފަހުން އާންމުކުރި މަޢުލޫމާތަށް ބަލާއިރު، އިއްޔެ 18:00 އާއި ހަމައަށް 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ޖުމްލަ 2,882 ސާމްޕަލް ނަގާފައިވާއިރު، ރާއްޖެއިން ކޮވިޑް-19 ފެނުނު ހިސާބުން ފެށިގެން މިހާތަނަށް 379,612 ސާމްޕަލެއް ވަނީ ޓެސްޓު ކުރެވިފައެވެ. ރާއްޖޭގައި ކޮވިޑް-19ގެ އެކްޓިވް ކޭސްތަކުގެ އަދަދު 1,042 އަށް އަރާފައިވާއިރު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާރު ހޮސްޕިޓަލްތަކުގައި ފަރުވާ ހޯދަމުން ދަނީ 69 މީހެކެވެ.