English Edition
Dhivehi Edition

މިދުވަސްވަރު މީޑިއާގައި އެންމެ ބާރަށް ދެކެވޭ ވާހަކައަކީ ކަންގަނާއާއި އަދިތްޔާ ޕަންޗޯޅީގެ ގުޅުމުގެ ވަހަކައެކެވެ. ކަންގަނާ އަދިތްޔާ އޭނާއަށް ދީފައިވާ އަނިޔާތަކުގެ ވާހަކަ ދައްކާފައިވާއިރު އޭނާ ބުނެފައިވަނީ އެކަމުން ސަލާމަތްވުމަށް އެދި އަދިތްޔާގެ އަބިމީހާ ޒަރީނާ ވައްހާބުގެ އެހީތެރިކަމަށްވެސް އެދިފައިވާކަމަށެވެ. އެހެން ނަމަވެސް ޒަރީނާ އޭނާއަށް އެހީވުމުގެ ބަދަލުގައި ބުނެފައިވަނީ އަދިތްޔާ ޒަރީނާ އާއި ދުރުގައި އުޅެމުން އަންނަކަމީ ނަސީބެއްކަމުގައެވެ. “އަހަރެން ޒަރީނާ ގާތު ބުނިން އަހަންނަކީ އަދިތްޔާގެ ދަރިފުޅު ސަނާއަށް ވުރެ ހަގު ކުއްޖެކޭ. އަހަންނަށް އެހީތެރިވެދޭށޭ. އަހަރެން ޕޮލިހަށް ހިގައްޖެ ނަމަ އަހަރެންގެ މައިންބަފައިން އަހަރެން އެމީހުން ކައިރިއަށް އަބުރާ ގެންދާނެއޭ. އެކަމަކު ޒަރީނާ ވަނީ ފާޅުގައި އަހަންނަށް އެހީވުމަށް އިންކާރުކޮށްފަ.”ކަންގަނާ ބުނެފައިވެއެވެ.

ކަންގަނާގެ މި ވާހަކަތަކާ ގުޅިގެން މީޑީއާ އާއި ވަރަށް ދުރުގައި އުޅެމުންދާ ޒަރީނާ މިވަނީ އެންމެ ފަހުން ކަންގަނާގެ ވާހަކަތަކައް ރައްދު ދީފައެވެ. “އަހަންނަށް ނޫސްތަކުން ފެންނަމުން މިދަނީ އަހަރެން ކަންގަނާއާއި ދޭތެރޭ ދަރިއެއްގެ ހައިސިއްޔަތުން ދެކެފައިވާކަމަށް ބުނެދައްކާފައިވާ ވަހަކަތައް. އެކަމަކު އަހަރެން ފިރިމީހާ އާއި އެކު ހަތަރު އަހަރައްވުރެ ގިނަ ދުވަސްވަންދެން ލޯބީގެ ގުޅުމެއް ބާއްވާފައިވާ އަންހެނަކާމެދު އަހަރެން ދަރިއެއްގެ ގޮތުގައި ދެކޭނީ ކިހިނެތް؟” މީގެ އިތުރުން ޒަރީނާ ބުނެފައިވަނީ އޭނާއަކީ މީހުންގެ ވާހަކަދައްކާ މީހެއް ނޫންކަމަށައި ކަންގަނާ ދެއްކަމުންދާ ވާހަކައަށް ރައްދު ނުދީ މިހާ ދުވަސްވަންދެން މަޑުކޮށްގެން ހުރީ އޭނާއަށް ވިސްނިގެން އެ ވާހަކަ ހުއްޓާލާތޯ ކަމަށެވެ. “އަހަރެން ކަންގަނާއާއި ބެހޭ ގޮތުން ވާހަކަދައްކަން ފަށައިފިނަމަ އޭނައާއި އަހަންނާ އެއްވެސް ތަފާތެއް ނުހުންނާނެ. ކަންގަނާއަށް އަދިތްޔާ އަކީ އެހާ ގޯސްމީހެއްކަން އެގިހުރެ ހަތަރު އަހަރުވަންދެން އެކުގައި އުޅުމުގެ ބޭނުމަކީ ކޮބާ؟ މިހާރު އޭގެ އެތައް ދުވަހެއް ފަހުން އެ ވާހަކަ ދެއްކުމުގެ ބޭނުމެއް އަހަންނަށް ނުވިސްނުނު. ކަންގަނާ އެ އުޅެނީ އެހެން މީހުންގެ ސަމާލުކަން ހޯދަން.”ޒަރީނާ ބުނެފައިވެއެވެ.

މީގެ އިތުރުން ޒަރީނާ ބުނެފައިވަނީ މާޒީގެ ވާހަކަދެއްކުމުގެ ބަދަލުގައި މުސްތަގުބަލަށް ވިސްނުން މާ މުހިއްމު ކަމުގައެވެ.އަދި ކަންގަނާގެ މާޒީގައި ހިގާފައިވާ ކަންތައްތައް ކަންގަނާއެކޭ އެއްފަދައިން ޒަރީނާއަށްވެސް އެގޭ ކަމަށާއި އެ ވަހަކަ އަލުން ދައްކާއިގެން ކަންގަނާގެ މުސްތަގުބަލު ހަލާކުކުރަން ބޭނުން ނުވާކަމުގައި ޒަރީނާވަނީ ބުނެފައެވެ.